ރާއްޖޭގައި ހުރި އިންވެސްޓްމަންޓް ފުރުސަތުތަކާބެހޭ މަޢްލޫމާތު ދެއްވުމަށް އިޓަލީވިލާތުގެ މިލާނޯ ބިކޯކާ ޔުނިވަރސިޓީގައި އިއްޔެ ކޮންފަރެންސެއް ބާއްވަވައިފިއެވެ. މިކޮންފަރެންސްގައި މިލާންގެ ވިޔަފާރިވެރިންގެ ޖަމްޢިއްޔާއެއް ކަމަށްވާ އަސޮލޮމްބާރޑާގެ މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

ރާއްޖެގައި އިންވެސްޓްކުރެވެން ހުރި ދާއިރާތަކާ ބެހޭގޮތުން މިކޮންފަރެންސްގައި ވީޑިއޯ ޕްރެޒެންޓޭޝަނެއް ހުށަހެޅިއެވެ.

މިކޮންފަރެންސްގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވާހަކަފުޅު ދެއްކެވިއެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި، އެމަނިކުފާނު އިޓަލީއަށް މިކުރެއްވި ދަތުރުފުޅުގެ ބޭނުންފުޅަކީ ވިޔަފާރީގެ ގުޅުން ބަދަހިކުރެއްވުން ކަމަށާއި، ރާއްޖޭގައި ހުރި އިންވެސްޓްމަންޓް ފުރުސަތުތައް އިޓަލީގެ އިންވެސްޓަރުންނަށް ސާފުކޮށްދެއްވައި އިތުރު އިންވެސްޓަރުން ރާއްޖެއަށް ހޯއްދެވުން ކަމުގައި ވިދާޅުވިއެވެ.

މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އަލްފާޟިލް މުޙަންމަދު ރަޝީދު ދެއްކެވި ވާހަކަފުޅުގައި، ބޭރުގެ އިންވެސްޓަރުންނަށް ރާއްޖެ ހުޅުވިފައިވާ ކަމުގައި ވިދާޅުވިއެވެ.

އަސޮލޮމްބާރޑާގެ ފަރާތުން މިކޮންފަރެންސްގައި ވާހަކަ ދެއްކެވި މަންދޫބު ވިދާޅުވީ، އެބޭފުޅުންނަށް ކުރިން ހީފުޅުވެފައިއޮތީ ރާއްޖޭގައި އިންވެސްޓް ކުރެވެން ހުރީ ހަމައެކަނި ފަތުރުވެރިކަމުގެ ދާއިރާގައި ކަމުގައެވެ. އެހެންނަމަވެސް، ފަތުރުވެރިކަން ނޫނަސް ރާއްޖޭގައި އިންވެސްޓް ކުރެވޭނެ އިތުރު ފުރުސަތުތައް ހުރިކަން މިކޮންފަރެންސުން އެނގިވަޑައިގެންފި ކަމުގައެވެ. އަދި، މިފުރުސަތުތައް ހުރިކަން އިޓަލީގެ އިންވެސްޓަރުންނަށް ހާމަކޮށްދެއްވުމަށް މަސައްކަތް ކޮށްދެއްވާނެ ކަމުގައިވެސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިޓަލީވިލާތަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު ވަރަށް ހެނދުނުގެ ވަގުތެއްގައި ޤަޠަރަށް ވަޑައިގެންފިއެވެ. ރައީސުލްޖުމްހޫރިއްޔާ މިލާނުން ފުރާވަޑައިގަތީ ރޭގެ ވަގުތެއްގައެވެ.