ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު ޙަސަން މަނިކު، އިނގިރޭސިވިލާތަށް ފެށްޓެވި ދަތުރުފުޅުގައި މިއަދު ހަވީރުގެ ވަގުތެއްގައި ލަންޑަނަށް ވަޑައިގެންފިއެވެ. ލަންޑަންގެ ވައިގެ ބަނދަރުން އެމަނިކުފާނަށް މަރްޙަބާ ވިދާޅުވީ، އިނގިރޭސިވިލާތުގައި ހުންނަ ދިވެހި ހައިކޮމިޝަންގެ އެކްޓިންގ ހައިކޮމިޝަނަރ އަލްފާޟިލް އަޙްމަދު ސަރީރާއި، ހައިކޮމިޝަންގެ ސީނިއަރ އޮފިޝަލުންނެވެ.

ނައިބު ރައީސް އިނގިރޭސިވިލާތަށް މިކުރައްވާ ދަތުރުފުޅަކީ، ދިވެހި ސަރުކާރާއި އިނގިރޭސި ސަރުކާރާ ދެމެދު ގުޅުންތައް އިތުރަށް ހަރުދަނާ ކުރެއްވުމަށާއި، ރާއްޖެއަށް ބޭނުންވާ އެކިކަންކަމުގައި އިނގިރޭސިވިލާތުގެ ފަންނީ އެހީ ހޯއްދެވުމަށާއި، ވިޔަފާރިއާއި އިންވެސްޓްމަންޓްގެ ދާއިރާއިން ރާއްޖޭގައި ހުރި ފުރްޞަތުތަކާބެހޭ މަޢްލޫމާތު، އިނގިރޭސިވިލާތުގެ ކަމާބެހޭ ފަރާތްތަކަށް ދެއްވުމަށް ކުރައްވާ ދަތުރުފުޅެކެވެ.