ފަލަސްޠީނުގެ މިނިސްޓަރ އޮފް ވަޤުފް އެންޑް ރިލިޖަސް އެފެއާޒް ޖަމާލް ބަވަތުނާ، ރައީސް މުޙަންމަދު ނަޝީދުގެ އަރިހަށް މިއަދު އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

އިޙްތިރާމުގެ ޒިޔާރަތުގައި ރައީސް ނަޝީދު ވާހަކަފުޅު ދައްކަވަމުން، ފަލަސްޠީނުގެ ރައީސް މަޙްމޫދު ޢައްބާހަށާއި، ފަލަސްޠީނުގެ އެކުވެރި ރައްޔިތުންނަށް، އެމަނިކުފާނާއި ދިވެހި ސަރުކާރާއި ރައްޔިތުންގެ އިޚްލާޞްތެރި ހެޔޮއެދުން ރައްދުކޮށްދެއްވުމަށް އެދިވަޑައިގެންނެވިއެވެ. ފަލަސްޠީނުގެ ރައްޔިތުންގެ ޙާލު ވަރަށް ކައިރިން ބައްލަވަމުން ގެންދަވާ ކަމަށާއި، ދިވެހި ސަރުކާރާއި ރައްޔިތުންގެ ފުރިހަމަ ތާއީދާއި އެއްބާރުލެއްވުން ފަލަސްޠީނު ސަރުކާރާއި ރައްޔިތުންނާއެކު އަބަދުވެސް އޮންނާނެ ކަމުގައި ނަޝީދު ވިދާޅުވިއެވެ.

ފަލަސްޠީނުގެ މިނިސްޓަރ އޮފް ވަޤުފް އެންޑް ރިލިޖަސް އެފެއާޒް ޖަމާލް ބަވަތުނާ ދެއްކެވި ވާހަކަފުޅުގައި، ދިވެހި ރައްޔިތުންނާއި ދިވެހި ސަރުކާރުން ފަލަސްޠީނު ރައްޔިތުންނާއި އަދި ފަލަސްޠީނު ސަރުކާރާ ދޭތެރޭ ބަހައްޓަވާ ގާތް ގުޅުމުގެ އަގު ވަޒަން ކުރައްވާ ކަމަށް ވިދާޅުވެ، ދިވެހި ރައްޔިތުންނަށާއި ދިވެހި ސަރުކާރަށް ޝުކުރު އަދާކުރެއްވިއެވެ. އަދި ރާއްޖެއަށް މިގެނައި ފުރިހަމަ ދީމުޤްރާޠީ ނިޒާމަށް ފަލަސްޠީނު މިނިސްޓަރު ތަހުނިޔާ ވިދާޅުވެ، ކާމިޔާބީއަށް އެދިވަޑައިގެންނެވިއެވެ.