بســم اللّـه الرّحمـن الرّحيــم

 

الحمـدللّـه ربّ العــالمـين، والصّـــلاة والسّــــلام على أشرف الأنبياء والمرسلين، وَعلـى آلـه وصحبــه أجمـعــين.

 

ދިވެހި ދައުލަތުގެ ވަޒީރުން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިސްވެރިން، އަދި އެންމެހާ މުވައްޒަފުން، ކެންސަރ ސޮސައިޓީގެ އިސް ބޭފުޅުން، އަދި މިއަދު މިތަނަށް ވަޑައިގެން ތިއްބެވި އެންމެހައި ބޭފުޅުން؛

 

السّلام عليــكم ورحـمــة اللّـه وبـركاتـه.

 

އާދެ، އަޅުގަނޑުމެންގެ މި ސަރުކާރު ފެށިގެން އައީވެސް ދުޅަހެޔޮ ޞިއްޙަތެއްގައި، ހަށިހެޔޮ ޞިއްޙަތެއްގައި ދިވެހި ރައްޔިތުން ތިބުމުގެ މުހިއްމުކަން ފާހަގަކޮށްދިނުމުގެ މަސައްކަތުން.

 

އާދެ، އަޅުގަނޑުމެންނަށް ފެނިގެންދިޔައީ، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ، ރައީސުލްޖުމްހޫރިއްޔާގެ މަޤާމާ ހަވާލުވެވަޑައިގަތުމާއެކު، އެންމެ ފުރަތަމަ ކަމަކަށް، މުޅި ދިވެހިރާއްޖޭގެ ރައްޔިތުންނަށް ދުޅަހެޔޮ ޞިއްޙަތެއްގައި ތިއްބެވުމަށްޓަކައި ގޮވާލެއްވި މަންޒަރު. އަދި އެމަނިކުފާނު އެކަމުގައި އަމިއްލަފުޅަށް ބައިވެރިވެވަޑައިގެން، ދިވެހި އެންމެހައި ލޮބުވެތި ރައްޔިތުންނާއި އަދި ދިވެހިރާއްޖޭގައި ދިރިއުޅޭ އެންމެހާ ފަރާތްތަކަށް އެ ނަމޫނާ ދެއްކެވި މަންޒަރު.

 

އާދެ، މިއަދު މުޅި ދުނިޔޭގައި، ކެންސަރު ބަލީގެ ދުވަހުގެ ގޮތުގައި މި ދުވަސް ފާހަގަކުރަމުންދާއިރު، އަޅުގަނޑުމެން ދިވެހި ރައްޔިތުންނާއި އަދި ދިވެހިރާއްޖޭގައި ދިރިއުޅޭ އެންމެހާ ފަރާތްތަކުން ފުންކޮށް ވިސްނަންޖެހޭ ކަންތައްތަކެއް އެބަހުރި.

 

އާދެ، އަޅުގަނޑުމެންގެ ދިރިއުޅުމަށް، ދިރިއުޅުމުގެ ވައްޓަފާޅިއަށް އަންނަ ބަދަލުތަކާ ގުޅިގެން، އަޅުގަނޑުމެންނަށް ކުރިމަތިވަމުންދާ ގޮންޖެހުންތައް އަދި މިކަންތައްތަކާ ދޭތެރޭގައި އަޅުގަނޑުމެން ފިޔަވަޅުތަކެއް އަޅަން އެބަޖެހޭ. އަޅުގަނޑުމެން، އަޅުގަނޑުމެންގެ ޢާއިލާތައް، އަޅުގަނޑުމެންގެ ރައްޔިތުން ދުޅަހެޔޮ ޞިއްޙަތެއްގައި ތިބުމަށްޓަކައި ކަންތައްތަކަކަށް އަޅުގަނޑުމެން ވަޢުދުވާން އެބަޖެހޭ.

 

އާދެ، އަޅުގަނޑުގެ ހަނދާނަށް އަންނަނީ

A journey of a thousand miles begin with a single step.

 

އާދެ، މިއަދު އަޅުގަނޑުމެން ކަމެއް ނުކޮށްފި ކަމަށްވަންޏާ، އަޅުގަނޑުމެންނަށް އެ އުފާވެރި ދިރިއުޅުމެއް ނުހޯދޭނެ.

 

 އާދެ، އަޅުގަނޑު ހަމަ ފާހަގަކޮށްލަން ބޭނުންވޭ، ވޭތުވެދިޔަ ކުރު މުއްދަތުގެ ތެރޭގައި، ސަރުކާރުން ވަނީ މި ދެންނެވި ކަންތައްތައް، އާދެ، ދިވެހި ރައްޔިތުންނަށް ހިތްވަރުދިނުމުގެ ގޮތުންނާއި، އަދި ދިވެހި ރައްޔިތުންނަށް އެކަމަށް ގޮވައިލުމަށްޓަކައި ގިނަގުނަ މަސައްކަތްތަކެއް ކޮށްފައި.

 

އާދެ، ވޭތުވެދިޔަ ހަފްތާ މުޅި ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް ފާހަގަކުރެވިގެންދިޔައީވެސް މިފަދަ ކަންތައްތަކަށް. އާދެ، ކެންސަރު ބައްޔާ ދެކޮޅަށް ކުރާ ހަނގުރާމައެއްގެ ވަރަށް މުހިއްމު މަޝްރޫޢެއްގެ ގޮތުގައި.

 

އާދެ، އަޅުގަނޑު މިކަމަށްޓަކައި މިކަމުގައި ބައިވެރިވެވަޑައިގެންނެވި، އާދެ އިސްނަންގަވައި މި މަސައްކަތް ކުރެއްވި ދިވެހިރާއްޖޭގެ ގިނަގުނަ އެން.ޖީ.އޯތަކާއި އަދި އެންމެހާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާގެ ނަންފުޅުގަޔާއި އަދި އަޅުގަނޑުމެންގެ މި ހުރިހާ މުވައްޒަފުންނާއި، ދިވެހި ރައްޔިތުންގެ ނަމުގައި ޝުކުރު ދަންނަވަން.

 

އާދެ، އަޅުގަނޑުމެން ކާމިޔާބު ބޭނުންވާ ކަމަށްވަންޏާ، އަޅުގަނޑުމެން ދުޅަހެޔޮ ޞިއްޙަތެއް ބޭނުންވާ ކަމަށްވަންޏާ، އަޅުގަނޑުމެން ދޫކޮށްލަންޖެހޭނެ ކަންތައްތަކެއް ހުންނާނެ. އަޅުގަނޑުމެން މިއަދު ފުންކޮށް ވިސްނަންޖެހޭ ކަމަކީ، ދިވެހިރާއްޖޭގައިވެސް، އާދެ، ކެންސަރު ބަލީގެ މި  ކަންތައްތައް، އަޅުގަނޑުމެން ކަންބޮޑުވާ މިންވަރަކަށް މިހާރު އޮތްކަން. އާދެ، މިފަދަ ފަރާތްތަކަށް އަޅުގަނޑުމެން މިއަދު ކޮށްދޭންޖެހޭ ކަމަކީ، ހަމައެކަނި އަޅުގަނޑުމެން މިގޮތަށް ދައްކާ ވާހަކަތަކާއި، ހިތްވަރު ދިނުމުގެ އިތުރުން ބަދަލުތަކެއް ގެނައުން. ނަމޫނާތަކެއް ދެއްކުން.

 

ކުރީގައިވެސް މި ދެންނެވި ގޮތަށް މިބާވަތުގެ ކަންތައްތަކަށް މަގުފަހިވާ ކަންތައްތަކާ އަޅުގަނޑުމެން ދުރުހެލިވާންވީ. އާދެ، ދުޅަހެޔޮ ހަށިހެޔޮ ޢީދެއްގެ ގޮތުގައި އަޅުގަނޑުމެން ފެށްޓި ކަންތައްތަކަށް އަޅުގަނޑުމެން ތަކުރާރުކޮށް އަޅުގަނޑުމެން ކޮންމެ ދުވަހަކުވެސް މި އެކްސަރސައިޒް ކުރިއަށް އެބަ ގެންދަންޖެހޭ.

 

އާދެ، އަޅުގަނޑުމެންގެ ތެރެއިން ހަމަ ކޮންމެ ބޭފުޅަކީވެސް ވަރަށް އަވަދިނެތި އުޅުއްވާ ބޭފުޅެއް. މަސައްކަތުގެ ބުރަކަމާއި، ޢާއިލީ ޒިންމާތައް ބޮޑުކަމާއި، އެނޫންވެސް ކުރަންޖެހޭ ޟަރޫރީ ކަންތައްތައް ގިނަކަމުން، ގިނަފަހަރަށް އަޅުގަނޑުމެންނަށް އޮންނަނީ އަޅުގަނޑުމެންގެ އަމިއްލަ ނަފްސަށް ފަރުވާކުޑަކުރެވިފައި. އާދެ، އަޅުގަނޑުމެންގެ ނަފްސުދެކެ އަޅުގަނޑުމެން ލޯބިވާ ބަޔަކަށްވާން އެބަޖެހޭ. އަޅުގަނޑުމެންގެ ނަފްސަށްޓަކައި އަޅުގަނޑުމެން ވަގުތުކޮޅެއް ހޭދަކޮށްލަން އެބަޖެހޭ. ކާބޯތަކެތީގައިވެސް އަޅުގަނޑުމެން އެ ވައްޓަފާޅި ބަދަލުކޮށް، ޞިއްޙަތަށް ފައިދާހުރި ތަކެތި ބޭނުންކުރާ ބައެއްގެ ގޮތުގައި އަޅުގަނޑުމެން ވާން އެބަޖެހޭ.

 

އާދެ، ވޭތުވެދިޔަ ހަފްތާގައި ރައީސުލްޖުމްހޫރިއްޔާ އަޅުގަނޑުމެންނަށް ދައްކަވައިދެއްވި، އާދެ، ދެއްވި އިރުޝާދާއި އެ ދެއްވި ނަޞޭޙަތް، އޭގައި އަޅުގަނޑުމެން ހިފައިގެން ދުންފަތުގެ އިސްތިޢުމާލު ކުރުމާ ދުރަށް އަޅުގަނޑުމެން ދާން އެބަޖެހޭ. އަޅުގަނޑުމެންގެ ޒުވާނުން، ޅަކުދިން މިކަމުގެ ތެރެއަށް ވަންނަމުންދާ ވަނުމަށް އަޅުގަނޑުމެން، އެ ދުރުހެލިކުރުމަށްޓަކައި އަޅުގަނޑުމެން ގިނަގުނަ މަސައްކަތްތަކެއް ކުރަން އެބަޖެހޭ.

 

އާދެ، އަޅުގަނޑު މި ހުރިހާ ވާހަކައެއް ދައްކާއިރު، އަޅުގަނޑު ހަމަ ތިޔަބޭފުޅުންނަށް އަނެއްކާވެސް ދަންނަވާލަން އޮތީ، އަޅުގަނޑުމެންނަކީ ދައްކާ ވާހަކަޔާ އެއްގޮތަށް ޢަމަލުކުރާ ބައެއްގެ ގޮތުގައި އަޅުގަނޑުމެން ވާން އެބަޖެހެޔޭ.

 

އާދެ، އަޅުގަނޑުވެސް މި ވަޢުދެއް ވާން ޖެހިއްޖެ. އަޅުގަނޑުގެ ވަޢުދަކީ، އަޅުގަނޑުމެން ދިވެހި އެންމެހާ ލޮބުވެތި ރައްޔިތުން، ދިވެހިރާއްޖޭގައި އުޅޭ އެންމެހާ ފަރާތްތައް، ދުޅަހެޔޮ ހަށިހެޔޮ ޞިއްޙަތެއްގައި ދެމިތިބުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް އިރާދަކުރެއްވިއްޔާ ކުރުމުގެ ވަޢުދު.

 

އާދެ، އަޅުގަނޑަކީވެސް ކުރީގައި މާބޮޑަށް ޞިއްޙީ ކާބޯތަކެއްޗަށް، އެހެން ވަކި އިސްކަމެއް ދެވޭ މީހެއް ނޫން. މާބޮޑަށް ކުޅިވަރުގެ ކަންތައްތަކުގެ ތެރޭގައި، ހެލިފެލިވެ އުޅުމުގެ ކަންތައްތަކުގެ ތެރޭގައި، އެކްސަރސައިޒިންގގައި މާބޮޑަށް އުޅެވޭ މީހެއް ނޫން. އެހެންނަމަވެސް، އަޅުގަނޑު ހަމަ ތިޔަބޭފުޅުންނަށް ދަންނަވާލަން ބޭނުންވޭ، ފަހަކަށްއައިސް އަޅުގަނޑުގެ އަންހެނުންވެސް ވަރަށްގިނައިން އަޅުގަނޑު ކައިރީގައި ކާބޯތަކެއްޗަށް ސަމާލުވުމަށާއި، އަދި އެކްސަރސައިޒް ކުރުމަށާއި ކަންތައްތަކަށް ވަރަށް ބޮޑަށް އަޅުގަނޑަށް ބާރުއަޅާ. ﷲ އިރާދަކުރެއްވީތީ މިއަދު އަޅުގަނޑުވެސް، އަޅުގަނޑުގެ މަސައްކަތުގެ ތެރެއިން މިބާވަތުގެ ކަންތައްތަކަށް ވިސްނައި، ކޮންމެ ދުވަހަކީވެސް އަޅުގަނޑުގެ ކޮންމެވެސް ޙަރަކާތެއް އަޅުގަނޑަށް ކުރެވޭ ދުވަހެއްގެ ގޮތުގައި މިހާރު އަޅުގަނޑު ޢަޒުމް ކަނޑައަޅައިފިން.

 

އާދެ، މިގޮތުން އަޅުގަނޑު ހަމަ ދިވެހި ދައުލަތުގެ، ދިވެހިރާއްޖޭގެ އެންމެހައި ރައްޔިތުންނަށް ހަމަ ގޮވާލަނީ، ދެންމެ އަޅުގަނޑުމެންނަށް ކެންސަރ ސޮސައިޓީގެ ފަރާތުން ޖުވައިރިޔާ ސަޢީދުވެސް އެ އިރުޝާދު ދެއްވި ގޮތަށް، އެ ނަޞޭޙަތް ދެއްވިގޮތަށް އަޅުގަނޑުމެން އެބަޖެހޭ ވަގުތުކޮޅެއް ހުސްކޮށްގެން، މަސައްކަތުގެ މާޙައުލުގައިވެސް ކޮންމެވެސްވަރަކަށް އަޅުގަނޑުމެންގެ ނަފްސަށް ވަގުތުކޮޅެއްދޭން.

 

އާދެ، އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލުމުގެ ކުރިން، އަދިވެސް އެއްފަހަރު ދިވެހިރާއްޖޭގައި ދިވެހި ރައްޔިތުންގެ ހެވާއި ލާބަޔަށް ދުޅަހެޔޮ ޞިއްޙަތެއްގައި ދެމިތިބުމަށްޓަކައި މަސައްކަތް ކުރައްވާ އެންމެހާ ފަރާތްތަކަށް ޝުކުރު ދަންނަވަން.

 

އަޅުގަނޑުގެ އެދުމަކީ، އަޅުގަނޑުމެންނަށް އަޅުގަނޑުމެން ހެޔޮ ނިޔަތުގައި މިކުރާ މަސައްކަތުން ދުޅަހެޔޮ ޞިއްޙަތެއްގައި ދެމިތިބެވުން. އަދި އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެން ދިވެހި އެންމެހާ ލޮބުވެތި ރައްޔިތުންނަކީ ހަށިހެޔޮ ދުޅަހެޔޮ ޞިއްޙަތެއް ލިބިގެންވާ ބައެއްގެ ގޮތުގައި اللّـه سبحـانـه وتعـالى މިންވަރު ކުރައްވައި އަދި އަޅުގަނޑުމެންނަށް ހެޔޮ ވިސްނުން ދެއްވައި، ކާބޯތަކެތީގެ ރިވެތި އާދަތަކާއި، އަދި ހެލިފެލިވެ އުޅުމުގެ، އެކްސަރސައިޒް ކުރުމުގެ އެ ހިތްވަރު އަޅުގަނޑުމެންނަށް ދެއްވުން.

 

          والسّلام عليــكم ورحـمــة اللّـه وبـركاتـه.