ޓެސްޓް ކްރިކެޓް ސިލްސިލާގެ މެޗުތަކެއް ކުޅުމަށް ޕާކިސްތާނަށްދިޔަ ސްރީލަންކާގެ ކްރިކެޓް ޓީމަށް އަމާޒުކޮށް މިއަދު ހެނދުނު ދިން ނުރައްކާތެރި ޓެރަރިސްޓް ޙަމަލާ ކުށްވެރި ކުރައްވައި، ރައީސް މުޙަންމަދު ނަޝީދު، ސްރީލަންކާގެ ރައީސް މަހިންދަ ރާޖަޕަކްސަ އަށް ހަމްދަރުދީގެ މެސެޖެއް ފޮނުއްވައިފިއެވެ.

ރައީސްގެ މެސެޖްގައި، މި ޚަބަރު އެއްސެވީ ކުއްލި ޙައިރާންކަމާއި ބިރުވެރި އިޙްސާސްތަކަކާ އެކުގައި ކަމަށް ވިދާޅުވެ، ޓެރަރިޒަމްގެ މި ނުރައްކާތެރި އަދި އިންޞާފުން އެއްކިބާވެފައިވާ މިޢަމަލު، ދިވެހި ސަރުކާރުން ވަރަށް ހަރުކަށިކަމާއެކު ކުށްވެރި ކުރައްވާ ކަމުގައި ވިދާޅުވެފައިވެއެވެ.

މި މެސެޖުގައި، ތަރައްޤީގެ ބައިވެރިންގެ ގޮތުގައި ދިވެހިރާއްޖެއާއި ސްރީލަންކާ ޒަމާނުއްސުރެ މަސައްކަތް ކުރަމުން ގެންދާގޮތަށް، ދުނިޔެއިން ޓެރަރިޒަމްގެ ބިރުވެރިކަން ނައްތާލުމުގައިވެސް، އެކުގައި މަސައްކަތް ކުރުމަށް ދިވެހިރާއްޖެއިން ތައްޔާރަށް އޮތްކަމުގެ ޔަޤީންކަން ސްރީލަންކާގެ ރައީސަށް ރައީސް ނަޝީދު ދެއްވާފައިވެއެވެ. އަދި ޓެރަރިޒަމްގެ މިފަދަ ނުރައްކާތެރި ޙަމަލާތަކުގެ ސަބަބުން ކުށެއްނެތް ޢާންމު ރައްޔިތުން މަރުވަމުންދާއިރު، މިއީ އަޅާނުލައި އަޅުގަނޑުމެންނަށް ތިބެވެންއޮތް ކަމެއް ނޫންކަމަށާއި، މިފަދަ ޢަމަލުތައް ހިންގިޔަ ނުދިނުމަށް އަޅަންވީ ފިޔަވަޅުތައް އެޅުމުގެ ޢަޒުމް، މިދަނޑިވަޅުގައިވެސް އަޅުގަނޑުމެން އަލުން އާކުރަން ޖެހިފައިވާ ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ.