މަސައްކަތުގެ ދާއިރާގެ އަޚްލާޤާއި ހިފަހައްޓަންޖެހޭ މިންގަނޑުތައް ނުވަތަ ޕްރޮފެޝަނަލް ވަރކް އެތިކްސްއާބެހޭ މަޢުލޫމާތު ދިނުމުގެ ސެމިނާރެއް މިއަދު ފެށިއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕަބްލިކް ސަރވިސް ޓްރެއިނިން އިންސްޓިޓިއުޓުން، ކޮމަންވެލްތް ފަންޑް ފޮރ ޓެކްނިކަލް ކޯޕަރޭޝަންގެ އެހީގައި، ހިންގަވާ މި ސެމިނަރ އިފްތިތާޙް ކޮށްދެއްވީ، މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އަލްފާޟިލް މުޙަންމަދު ރަޝީދެވެ.

ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވާ މި ސެމިނާރު އިފްތިތާޙް ކޮށްދެއްވަމުން އަލްފާޟިލް މުޙަންމަދު ރަޝީދު ދެއްކެވި ވާހަކަފުޅުގައި، ދިވެހިރާއްޖޭގައި ބޭއްވުނު ފުރަތަމަ ގިނަ ޕާޓީތައް ބައިވެރިވި ރިޔާސީ އިންތިޚާބަށްފަހު ޤާއިމުކުރެވިފައިމިވާ ޑިމޮކްރަސީއަކީ، މި ގައުމުގެ އިޞްލާޙީ ބަދަލުތަކުގެ ބިންގާ ކަމުގައި ވިދާޅުވިއެވެ. އަދި ރައްޔިތުންގެ އުންމީދުތައް ގުޅިފައިވާ މިބަދަލުތައް ޙަޤީޤަތަކަށް ހަދައިދިނުމާއި، ރައްޔިތުން ސަރުކާރާ ހަވާލުކުރައްވާފައިވާ މަސްއޫލިއްޔަތު އެންމެ ފުރިހަމަ ގޮތުގައި އަދާކޮށްދިނުމުގެ އެންމެ މުހިންމު ވަސީލަތަކީ، ސަރުކާރުގެ އިދާރާތަކުން ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދްމަތް ކަމުގައި ވިދާޅުވިއެވެ. އަދި މިޚިދުމަތްތައް ރައްޔިތުންނަށް ފޯރުކޮށްދިނުމުގައި ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު ވަކި ފަރާތަކަށް ނުޖެހި ޚިދްމަތް ދެއްވުމަށް މިނިސްޓަރ ރަޝީދު ގޮވާލެއްވިއެވެ.

މި ބައްދަލުވުމުގައި މަރްޙަބާ ވިދާޅުވުމުގެ ގޮތުން ވާހަކަފުޅު ދެއްކެވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަރ ސެކްރެޓަރީ ޑޮކްޓަރ ޢިޞާމް މުޙަންމަދެވެ. ޑޮކްޓަރ ޢިޞާމްގެ ވާހަކަފުޅުގައި ރައްޔިތުންނަށް ސަރުކާރުން ޚިދްމަތް ދިނުމުގައި މަސައްކަތުގެ ދާއިރާގެ އަޚްލާޤުގެ މުހިންމުކަމުގެ މައްޗަށް ބައްލަވައިލެއްވިއެވެ.

މި ސެމިނާރުގައި މަޢުލޫމާތު ދެއްވަނީ، މީހުން ބިނާކުރުމާއި ހިންގުމުގެ ދާއިރާގެ މާހިރެއް ކަމުގައިވާ މިސްޓަރ މައިކަލް އީ. ލޯވް އެވެ.