ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 116 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ އިޚްތިޔާރުގެ ދަށުން، ވަޒީރުންގެ މަޖިލީހުގެ މަޝްވަރާއާއެކު، މިއަދުން ފެށިގެން ރާއްޖޭގެ 7 ސަރަޙައްދެއްގައި ޕްރޮވިންސް އޮފީސްތަކެއް ރައީސުލްޖުމްހޫރިއްޔާ އުފައްދަވައިފިއެވެ. މިގޮތުން އުފެއްދެވި އޮފީސްތައް މިދަންނަވަނީއެވެ.

1. މަތި އުތުރު ޕްރޮވިންސް އޮފީސް (ހއ. ހދ. ށ. އަތޮޅު ހިމެނޭ ސަރަޙައްދު)
2. އުތުރު ޕްރޮވިންސް އޮފީސް (ނ. ރ. ބ. ޅ. އަތޮޅު ހިމެނޭ ސަރަޙައްދު)
3. މެދު އުތުރު ޕްރޮވިންސް އޮފީސް (ކ. އއ. އދ. ވ. އަތޮޅު ހިމެނޭ ސަރަޙައްދު)
4. މެދު ޕްރޮވިންސް އޮފީސް (މ. ފ. ދ. އަތޮޅު ހިމެނޭ ސަރަޙައްދު)
5. މެދު ދެކުނު ޕްރޮވިންސް އޮފީސް (ތ. ލ. އަތޮޅު ހިމެނޭ ސަރަޙައްދު)
6. މަތި ދެކުނު ޕްރޮވިންސް އޮފީސް (ގއ. ގދ. އަތޮޅު ހިމެނޭ ސަރަޙައްދު)
7. ދެކުނު ޕްރޮވިންސް އޮފީސް (ޏ. ސ. އަތޮޅު ހިމެނޭ ސަރަޙައްދު)

ރާއްޖޭގެ 7 ސަރަޙައްދެއްގައި ޕްރޮވިންސް އޮފީސްތަކެއް ޤާއިމު ކުރެއްވުމުގެ ބޭނުންފުޅަކީ، 12 ނޮވެމްބަރ 2008 ގައި ސަރުކާރުގެ އިދާރީ އޮނިގަނޑަށް ގެންނެވި ބަދަލުތަކާ ގުޅިގެން މިނިސްޓްރީ އޮފް ހޯމްއެފެއާޒަށް ހަމަޖެއްސެވި މަސައްކަތްތަކުގެ ތެރެއިން، ރާއްޖޭގެ އަތޮޅުތައް ހިންގުމާ ބެހޭގޮތުން 11 ނޮވެމްބަރ 2008 އާ ހަމައަށް މިނިސްޓްރީ އޮފް އެޓޮލްސް ޑިވެލޮޕްމަންޓުން ބެލެހެއްޓެވި މަސައްކަތްތައް، އަތޮޅުތަކުގެ ރައްޔިތުންނާ ވީހާވެސް ކައިރިން ހިންގޭނެ އިންތިޒާމެއް ހަމަޖެއްސެވުމެވެ. މީގެއިތުރުން، ރާއްޖޭގެ އުތުރުގައި ޤާއިމު ކުރައްވާފައިވާ ސަރަޙައްދީ ތަރައްޤީ ބަލަހައްޓާ އޮފީސް (އުތުރު) އާއި، ރާއްޖޭގެ ދެކުނުގައި ޤާއިމު ކުރައްވާފައިވާ ސަރަޙައްދީ ތަރައްޤީ ބަލަހައްޓާ އޮފީސް (ދެކުނު) އިން ކުރައްވަމުން ގެންދަވާ މަސައްކަތްތައް، ރާއްޖޭގެ އެހެން ސަރަޙައްދުތަކުގައިވެސް ކުރެއްވޭނެ އިންތިޒާމެއް ހަމަޖެއްސެވުމަކީވެސް މި ޕްރޮވިންސް އޮފީސްތައް އުފެއްދެވުމުގެ މައިގަނޑު އެއްބޭނުމެވެ.

މިގޮތަށް ހަމަޖެއްސެވުމާ ގުޅިގެން، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 132 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ އިޚްތިޔާރުގެ ދަށުން މި 7 ޕްރޮވިންސް އޮފީހަކީ، މިނިސްޓްރީ އޮފް ހޯމްއެފެއާޒްގެ ދަށުން ހިނގަމުންދާ ތަންތާނގެ ގޮތުގައި މިއަދުން ފެށިގެން ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވައިފިއެވެ. އަދި ޕްރޮވިންސް އޮފީސްތައް ހޯމް މިނިސްޓްރީގެ ދަށުން ހިނގަމުންދިޔަ ނަމަވެސް، މި އޮފީސްތައް ހިންގަވަމުން ގެންދަވާނީ، ޕްރޮވިންސްތަކަށް ރައީސުލްޖުމްހޫރިއްޔާ ޢައްޔަން ކުރައްވާފައިވާ ސްޓޭޓް މިނިސްޓަރުންގެ ބެއްލެވުމުގެ ދަށުން ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ހަމަޖައްސަވާފައެވެ.

ޕްރޮވިންސް އޮފީސްތައް އުފެއްދެވުމާ ގުޅިގެން، މިނިސްޓްރީ އޮފް ހޯމްއެފެއާޒްގެ ދަށުން ހިނގަމުންދިޔަ ދެ އޮފީސް ކަމުގައިވާ ”ސަރަޙައްދީ ތަރައްޤީ ބަލަހައްޓާ އޮފީސް (އުތުރު)“ އާއި، ”ސަރަޙައްދީ ތަރައްޤީ ބަލަހައްޓާ އޮފީސް (ދެކުނު)“ މިއަދުން ފެށިގެން އުވާލައްވައިފިއެވެ.