އިނގިރޭސިވިލާތަށާއި ޖެނީވާއަށް މިކުރެއްވި ދަތުރުފުޅުގެ ސަބަބުން، ވަރަށް އެދެވޭ އެހީތަކެއް ލިބިވަޑައިގަންނަވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު ޙަސަން މަނިކު ވިދާޅުވެއްޖެއެވެ. ނައިބު ރައީސް ޑޮކްޓަރ ވަޙީދު މިހެން ވިދާޅުވީ، އެމަނިކުފާނު އިނގިރޭސިވިލާތަށާއި ޖެނީވާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، މިއަދު ހެނދުނު މާލެ ވަޑައިގެން، މާލޭ ބައިނަލްއަޤްވާމީ ވައިގެ ބަނދަރުގައި، ރާއްޖޭގެ ޚަބަރުފަތުރާ ވަސީލަތްތަކާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިދަތުރުފުޅުގެ އެންމެބޮޑު ބޭނުންފުޅަކީ، ރާއްޖެއަށް ވަރަށްގިނަ ދުވަސްތަކެއް ވަންދެން އެހީވެދެއްވަމުން ގެންދަވާ އެކިއެކި ފަރާތްތަކަށް، ރާއްޖެއަށް ގެންނަމުންދާ އިޞްލާޙީ ބަދަލުތަކާ ބެހޭގޮތުން މަޢްލޫމާތު އެރުވުމާއި، ރާއްޖެއަށް މިހާރު އެކިއެކި ރޮނގު ރޮނގުން ބޭނުންވާ ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރައްވައި، އެކަމުގައި އިނގިރޭސިވިލާތާއި ޖެނީވާގައި މަސައްކަތް ކުރައްވާ އެކިއެކި ޖަމާޢަތްތަކުން ތަފާތު އެހީ ލިބޭތޯ ބެއްލެވުން ކަމުގައި ޑޮކްޓަރ ވިދާޅުވިއެވެ.

މިދަތުރުފުޅުގައި ބައްދަލުކުރެއްވި އެކިބޭފުޅުންނާއެކު މަޝްވަރާ ކުރައްވައި ވާހަކަފުޅު ދެއްކެވި މުހިންމު ކަންތައްތަކުގެ ތަފްޞީލު، ޚަބަރުފަތުރާ ވަސީލަތްތަކަށް ނައިބު ރައީސް ދެއްވިއެވެ. ކޮމަންވެލްތް ސެކްރެޓަރީ ޖެނެރަލް ޑޮކްޓަރ ކަމަލޭޝް ޝަރުމާއާ ބައްދަލުކުރެއްވި ކުރެއްވުމުގައި، ދިވެހިރާއްޖެއިން އެދޭކަމަށްވާނަމަ، ކުރިއަށް އޮތް ޢާންމު އިންތިޚާބުގައި، ކޮމަންވެލްތް އޮބްޒަރވަރުންގެ މިޝަނެއް ފޮނުއްވަން ތައްޔާރަށް ހުންނެވި ކަމަށް ވިދާޅުވިއެވެ. އަދި ރާއްޖެއިން ފަށާފައިވާ ލާމަރްކަޒީ އުޞޫލުގެ ޕްރޮގްރާމަށްވެސް ފަންނީ އެހީވެދެއްވަން ކޮމަންވެލްތް ސެކްރެޓަރީ ޖެނެރަލް ތައްޔާރަށް ހުންނެވި ކަމަށްވެސް ވިދާޅުވިއެވެ. ހަމައެއާއެކު، އިނގިރޭސިވިލާތުގެ ބައެއް ޔުނިވަރސިޓީތަކާ ގުޅިގެން، ދިވެހިރާއްޖޭގެ ޔުނިވަރސިޓީ އުފެއްދުމުގެ މަސައްކަތުގައި އެހީވެވަޑައިގެންދެއްވާނެ ކަމަށްވެސް ކޮމަންވެލްތް ސެކްރެޓަރީ ޖެނެރަލް ވިދާޅުވިއެވެ.

އެމްނެސްޓީ އިންޓަރނޭޝަނަލްގެ ސެކްރެޓަރީ ޖެނެރަލް އައިރީން ޚާނާ ބައްދަލުކުރެއްވި ބައްދަލުކުރެއްވުމުގެ ތަފްޞީލު ދެއްވަމުން، ދިވެހިރާއްޖެއަކީ މިހާރު އިންސާނީ ޙައްޤުތަކަށް ޙުރްމަތްތެރިކޮށްހިތާ ޤައުމުތަކުގެ ތެރޭގައި މިސާލެއްގެ ގޮތުގައި ނެގޭ ޤައުމެއް ކަމަށް އައިރީން ޚާން ފާހަގަކުރެއްވި ކަމުގައި ވިދާޅުވިއެވެ. އަދި މިއީ ދެކުނު އޭޝިއާގެ ޤައުމުތަކަށް ހުރި ވަރަށް ރަނގަޅު މިސާލެއް ކަމަށްވެސް ވިދާޅުވިއެވެ.

އިނގިރޭސިވިލާތަށް މިކުރެއްވި ދަތުރުފުޅުގައި، އިނގިރޭސިވިލާތުގެ ޖަލަކަށް ޒިޔާރަތް ކުރެއްވި ކަމަށާއި، އެ ޖަލުގައި ފައްސަތޭކައެއްހާ މީހުން ތިބި ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ. މިއީ އެތާނގައި ތިބި މަސްތުވާތަކެތީގެ އެކިއެކި ކުށްކުށުގައި ބަންދުކޮށްފައި ތިބޭ މީހުންނަށް ފަރުވާ ދިނުމަށް ހިންގާ ޕްރޮގްރާމް ބައްލަވާލެއްވުމަށްޓަކައި ކުރެއްވި ޒިޔާރަތެއް ކަމަށް ވިދާޅުވިއެވެ. މިއީ އަމިއްލަ ފަރާތްތަކަކުން ވަރަށް ރަނގަޅަށް ހިންގާ ޕްރޮގްރާމެއް ކަމަށާއި، މި ޕްރޮގްރާމްގެ ދަށުން ފަރުވާ ލިބޭ މީހުންނާއި، އަދި ޕްރޮގްރާމް ހިންގާ މީހުންނާ ބައްދަލުކުރައްވައި ކަމާބެހޭ މަޢްލޫމާތު ސާފުކުރެއްވި ކަމަށް ވިދާޅުވިއެވެ. މި ޕްރޮގްރާމް ހިންގަވާ ފަރާތްތަކުންވެސް ރާއްޖޭގެ ރީހެބިލިޓޭޝަން ޕްރޮގްރާމްތައް ތަރައްޤީ ކުރުމަށް އެހީވެދެއްވަން ތިއްބެވީ ތައްޔާރަށް ކަމުގައި ނާއިބު ރައީސް ވިދާޅުވިއެވެ.

ނައިބު ރައީސް ޖެނީވާއަށް ކުރެއްވި ދަތުރުފުޅުގައި، ހިއުމަން ރައިޓްސް ކައުންސިލްގެ 10ވަނަ ސެޝަންގައި ދިވެހިރާއްޖޭގެ ފަރާތުން ވާހަކަފުޅު ދެއްކެވި ކަމަށް ވިދާޅުވެ، އެވާހަކަފުޅުތަކުގެ ތަފްޞީލު ދެއްވިއެވެ.

މިދަތުރުފުޅުގައި ބައެއް ޤައުމުތަކުގެ ޚާރިޖީ ދާއިރާގެ ބޭފުޅުންނާ ބައްދަލުވެވަޑައިގެންނެވި ކަމަށާއި، ދިވެހިރާއްޖެއަށް އަންނަމުންމިދާ ޑިމޮކްރެޓިކް ބަދަލުތަކާ ބެހޭގޮތުން އެބޭފުޅުން އުފާފާޅުކުރައްވައި، ރާއްޖޭގެ ރައްޔިތުންނަށް މަރްޙަބާ ވިދާޅުވި ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ. މިގޮތުން ބައްދަލުވެވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި، އޮސްޓްރޭލިއާގެ ބޭރުގެ އެހީތަކާބެހޭ ވަޒީރު ހިމެނިވަޑައިގަންނަވާ ކަމަށާއި، އޮސްޓްރޭލިއާއިން ދިވެހިރާއްޖެއަށް ދެއްވާ އެހީ މިހާރަށްވުރެ އިތުރުކުރައްވަން ޤަޞްދު ކުރައްވާކަން އޭނާ ހާމަކުރެއްވި ކަމުގައި ޑޮކްޓަރ ވަޙީދު ވިދާޅުވިއެވެ.

މިދަތުރުފުޅާ ގުޅިގެން ނޫސްވެރިން ދެންނެވި ސުވާލުތަކަށްވެސް ނައިބު ރައީސް ޑޮކްޓަރ ވަޙީދު ޖަވާބު ދެއްވިއެވެ.