ހިޖުރީ އާ އަހަރެއް އަޅުގަނޑުމެންނާ ބައްދަލުކުރާ މި އުފާވެރި މުނާސަބަތާ ގުޅިގެން، ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް، މި މުނާސަބަތުގެ ތަހުނިޔާ ދަންނަވައި ހެޔޮއެދުންތައް އަޅުގަނޑު މި އަރިސްކުރަނީ ހިތްހެޔޮކަމާއި އިޚްލާޞްތެރިކަމާ އެކުގައެވެ. ހަމައެއާއެކު، އިސްލާމީ ޤަައުމުތަކުގެ ވެރިންނަށާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އަޅުގަނޑުމެންގެ އުޚުތުންނަށާއި އަޚުންނަށްވެސް މި މުނާސަބަތުގެ ތަހުނިޔާ ފޮނުވުމަކީ، އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު އުފަލެކެވެ.

 

ހިޖުރީ އާ އަހަރެއް ފެށުމުގެ މުނާސަބަތަކީ، ކީރިތި ރަސޫލާ مُحَمَّـد صـلّى اللّــــه علـيـه وسـلّم، މައްކާ ދޫކުރައްވައި މަދީނާއަށް ކުރެއްވި މަތިވެރި އަދި ތާރީޚީ ހިޖުރައިގެ ޙާދިޘާ، މުސްލިމުންގެ ހިތްތަކުގައި އާވެ އާލާވަމުންދާ މުނާސަބަތެކެވެ. އެ ޙާދިޘާއަކީ، ތަފާތު އެތައް ޢިބްރަތްތަކަކާއި ދަރުސްތަކެއް ރަމްޒުކޮށްދިން ޙާދިޘާއެކެވެ. ހަމައެހެންމެ، ހިޖުރައިގެ ޙާދިޘާއަކީ، އިސްލާމީ މަތިވެރި ޖިހާދެކެވެ. ކީރިތި ރަސޫލާ مُحَمَّـد صـلّى اللّــــه علـيـه وسـلّم މާތްވެގެންވާ އިސްލާމްދީނަށްޓަކައި ކުރެއްވި އަގުހުރި ޖިހާދާއި، އެކަލޭގެފާނުގެ އަޞްޙާބުން ވެވަޑައިގެންނެވި މަތިވެރި ޤުރްބާނީގެ ހަނދާންތައް އަޅުގަނޑުމެންގެ ހިތްތަކަށް ގެނެސްދޭ ވަރަށް މަތިވެރި ފިލާވަޅެކެވެ.

 

ހިޖުރީ އާ އަހަރެއްގެ ފެށުން ފާހަގަކުރާއިރު މިއީ، ކީރިތި ރަސޫލާ  مُحَمَّـد صـلّى اللّــــه علـيـــه وســـلّم، ޤާއިމުކޮށްދެއްވި އުޚުއްވަތްތެރިކަމާއި އޯގާވެރިކަމާއި އެއްބައެއްވަންތަކަމުގެ މަތިވެރި ފިލާވަޅުން އަޅުގަނޑުމެން ޢިބްރަތް ހާސިލުކޮށް، އެ އެކުވެރިކަމާއި އެއްބައިވަންތަކަމުގެ މަތިވެރި ގުޅުން އިތުރަށް ވަރުގަދަ ކުރުމުގެ ޢަޒުމު އާކުރުމުގެ ވަގުތުވެސް މެއެވެ. ޚިޔާލާއި ފިކުރުގެ ގޮތުން ތަފާތުވީނަމަވެސް، އަޅުގަނޑުމެންގެ މެދުގައި އޮންނަ އެއްބަނޑުއެއްބަފާކަމާއި އުޚުއްވަތްތެރިކަމުގެ ގުޅުންތަކަށް އެއްވެސް ހީނަރުކަމެއް އައުމުގެ ފުރުޞަތު އަޅުގަނޑުމެން ދީގެނެއް ނުވާނެއެވެ. މިއީ، އެއްބައެއްވަންތަ އަދި އަމާން ޞުލްޙަވެރި ޤައުމެއްގެ ގޮތުގައި ޤައުމެއް ކުރިއަށް ގެންދިޔުމުގެ އެންމެ މުހިއްމު އެއްކަންތަކެވެ.

 

ހިޖުރީ އާ އަހަރެއް ފެށިގެންދާއިރު، މާތްވެގެންވާ އިސްލާމްދީން ޙިމާޔަތްކޮށް ކުރިއެރުވުމަށް އަޅުގަނޑުމެންގެ ކޮނޑުގައި އެޅިފައިވާ ޒިންމާގެ މަތިން އަޅުގަނޑުމެން ހަނދާންކޮށް، އެ ޒިންމާ ފުރިހަމައަށް އަދާކުރުމުގެ ޢަޒުމު އާ ކުރެއްވުމަށްވެސް މި ފުރުޞަތުގައި ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑު ގޮވާލަމެވެ.

 

 އަޅުގަނޑުގެ އިޚްލާޞްތެރި ދުޢާއަކީ، މި ފެށުނު 1440 ވަނަ އަހަރަކީ، ދިވެހިރާއްޖެއަށާއި ދިވެހިރާއްޖޭގެ ލޮބުވެތި އުޚުތުންނަށާއި އަޚުންނަށް، ބާއްޖަވެރި އަދި އުފާވެރި އަހަރެއް ކަމުގައި މާތްﷲ ލެއްވުމެވެ. އަޅުގަނޑުމެންގެ މެދުގައި އެއްބައިވަންތަކަމުގެ ގުޅުން އަބަދަށް ދަމަހައްޓަވައި، އަޅުގަނޑުމެންނަކީ ޞުލްޙައާއި ހަމަޖެހުމަށް އަބަދުވެސް ލޯބިކުރާ ބަޔަކު ކަމުގައި ލެއްވުމެވެ. އަދި މުޅި އިސްލާމީ އުންމަތަށްވެސް އިތުރު ކުރިއެރުމާއި ނަޞްރާއި ކާމިޔާބީ މިންވަރު ކުރެއްވުމެވެ.