އުތުރު އަޔަރލޭންޑްގައި ހިނގި ނުރައްކާތެރި ޓެރަރިސްޓް ޙަމަލާތައް ކުށްވެރި ކުރައްވައި، ރައީސް މުޙަންމަދު ނަޝީދު، އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ގޯޑަން ބްރައުނަށް ހަމްދަރުދީގެ މެސެޖެއް ފޮނުއްވައިފިއެވެ.

ރައީސްގެ މެސެޖްގައި، މި ޚަބަރު އެއްސެވީ ކުއްލި ޙައިރާންކަމާއި ބިރުވެރި އިޙްސާސްތަކަކާ އެކުގައި ކަމަށް ވިދާޅުވެ، ޓެރަރިޒަމްގެ މި ނުރައްކާތެރި މިޢަމަލު، ދިވެހި ސަރުކާރުން ވަރަށް ހަރުކަށިކަމާއެކު ކުށްވެރި ކުރައްވާ ކަމުގައި ވިދާޅުވެފައިވެއެވެ. އަދި، ދިވެހި ސަރުކާރާއި ރައްޔިތުންނާއި އަދި ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަ ނަންފުޅުގައި އިނގިރޭސި ބޮޑުވަޒީރަށާއި، ސަރުކާރަށާއި ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ހަމްދަރުދީ ފޮނުއްވާފައިވެއެވެ. އަދި، މިހާދިސާގައި މަރުވި މީހުންގެ ޢާއިލާތަކަށް ތަޢުޒިޔާ ރައްދުކޮށްދެއްވުމަށްވެސް އެދިވަޑައިގެންފައިވެއެވެ.