ރައީސް މުޙަންމަދު ނަޝީދު، އިނގިރޭސިވިލާތުގައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރު ކަމުގެ މަގާމަށް ހެންވޭރު އަމީނީގޭ ޑޮކްޓަރ ފަރަޙަނާޒް ފައިޞަލް އަދި އިންޑިޔާގައި ހުންނަވާ ރާއްޖޭގެ ސަފީރު ކަމުގެ މަގާމަށް މާފަންނު ދޫނިހުރާ އަލްފާޟިލް ޢަބްދުލްޢަޒީޒު ޔޫސުފް ޢައްޔަން ކުރައްވައި، އެދެބޭފުޅުންނަށް ސަފީރު ކަމުގެ ފަތްކޮޅު މިއަދު ދެއްވައިފިއެވެ. މިދެބޭފުޅުން ސަފީރު ކަމުގެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ މި ޢައްޔަން ކުރެއްވީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ދ) ގައިވާ ގޮތުގެ މަތިން ރައްޔިތުންގެ މަޖިލީހުގެ މަޝްވަރާގެ މަތިންނެވެ.

މިދެބޭފުޅުންގެ އިތުރުން މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފިޝަރީޒް އެންޑް އެގްރިކަލްޗަރ ކަމުގެ މަގާމަށް މާފަންނު ޕާކްލޭން ޑޮކްޓަރ އާމިނަތު ޝާފިޢާ އަދި އެންވޯއި ފޮރ ސައެންސް އެންޑް ޓެކްނޯލޮޖީ ކަމުގެ މަގާމަށް މާފަންނު މާފުށީގޭ އަލްފާޟިލް އަޙްމަދު ޝަފީޤު އިބްރާހީމް މޫސާ، ރައީސް ޢައްޔަން ކުރައްވައި، އެދެބޭފުޅުންނަށްވެސް މަގާމުގެ ފަތްކޮޅު ދެއްވައިފިއެވެ.

ދެ ސަފީރުންނަށާއި، މިދެބޭފުޅުންނަށް މަގާމުގެ ފަތްކޮޅު ދެއްވުން އޮތީ މިއަދު 11 ޖެހިއިރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

ފަތްކޮޅު ދެއްވުމަށްފަހު، މިރަސްމިއްޔާތުގައި ދެސަފީރުންނާ މުޚާޠަބު ކުރައްވައި، ރައީސް މުޙަންމަދު ނަޝީދު ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ ޚާރިޖީ ސިޔާސަތު މިދަނީ ވަރަށް ބޮޑަށް ބަދަލުވަމުންކަން ފާހަގަކުރައްވަމުން، ޚާއްޞަ ގޮތެއްގައި ރާއްޖޭގެ އިޤްތިޞާދީ ސިޔާސަތާއި ޚާރިޖީ ސިޔާސަތު ދަނީ ގުޅެމުން ކަމަށް ވިދާޅުވިއެވެ. ދިވެހިރާއްޖެއަށް ބޭރުގެ އިންވެސްޓްމަންޓްސް ގެނައުމަކީ، ސަރުކާރުގެ ވަރަށްބޮޑު އަމާޒެއް ކަމަށާއި، މިހެން މިކަން ކުރަމުންގެންދާއިރު، ޚާރިޖީ ކަންކަން މިކަމުގައި ވަރަށް ބޮޑަށް ހިމެނިގެންދާ ކަމުގައި ރައީސް ވިދާޅުވިއެވެ. އަދި ރާއްޖެއަށާއި އަންނަން އޮތް ޖީލުތަކަށް ޚާރިޖީ ކަންކަން ފައިދާހުރި ގޮތެއްގައި ހަމަޖައްސަމުން ބަލަހައްޓަމުން ގެންދިޔުމަކީ، އަޅުގަނޑުމެންގެ ޚާރިޖީ ސިޔާސަތުގެ އެންމެބޮޑު އަމާޒު ކަމުގައި ވިދާޅުވިއެވެ. ރައީސް ވިދާޅުވިގޮތުގައި، ބޭރުގެ އިންވެސްޓްމަންޓްސް ރާއްޖެ އައުމުން، އޭގެ ސަބަބުން ޚާރިޖީ ސިޔާސަތު ފުޅާކުރުމުގެ ފުރްޞަތު އިތުރުވެގެންދެއެވެ. ރާއްޖެއާ ގުޅުން ބަދަހިވެފައިވާ ޤައުމުތަކުގެ ވިޔަފާރިތައް ރާއްޖޭގައި ހިނގަން ފެށި، ޤައުމުތަކާ ގުޅިގެން އެ ޤައުމުތަކާއެކު ހިންގަންޖެހޭ ޚާރިޖީ ކަންކަން ހިންގުމުގައި، ރާއްޖެއަށް ލިބޭ ފައިދާތަކެއް އޭގައި ހިމެނެއެވެ. އަދި ޤައުމުތަކުގެ ސަރުކާރުތަކުން ދިވެހިރާއްޖޭގެ ސަރުކާރާވެސް އަދި ދިވެހިންނާ ގުޅޭގޮތުން ބަހައްޓަންޖެހޭ ޚާއްޞަ ގޮތްތަކެއް އުފެދިގެންދާނެއެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، ދިވެހި ރައްޔިތުންނަށް ބޭނުންވާ ކަންކަން ހިންގޭނެ ގޮތްތައް، ބޭރުގެ ޤައުމުތަކާއި ބޭރުގެ ވިޔަފާރިތައް މެދުވެރިކޮށްގެން ކުރެވޭނެ ގޮތްގޮތާއި އުޞޫލުތައް ރާއްޖެއަށް ތަޢާރުފު ކޮށްދެއްވުމަށް ސަފީރުންގެ އަރިހުން ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ.

މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފިޝަރީޒް އެންޑް އެގްރިކަލްޗަރގެ މަގާމަށް ޢައްޔަން ކުރެއްވި ޑޮކްޓަރ އާމިނަތު ޝާފިޢާގެ އަރިހުން ރައީސް ނަޝީދު އެދިވަޑައިގަތީ، ރާއްޖޭގައި ކާބޯތަކެތި އުފައްދައި، ދިވެހިން އިމްޕޯޓް ކުރަމުން އަންނަ ތަކެތީގެ ޢަދަދު މަދުކޮށް، އެތަކެތި ރާއްޖޭގައި ބޮޑަށް އުފައްދައި ކުރިއެރުވޭނެ ގޮތްތައް ހޯއްދަވައިދެއްވުމަށެވެ.

އެންވޯއި ފޮރ ސައެންސް އެންޑް ޓެކްނޯލޮޖީ އަލްފާޟިލް އަޙްމަދު ޝަފީޤު އިބްރާހީމް މޫސާގެ އަރިހުން ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގަތީ، 10 އަހަރު ދުވަހުގެ ތެރޭގައި، މި ރާއްޖެއަކީ ދުނިޔޭގައި އޮތް އެންމެ ފުރަތަމަ ކާބަން ނިޔުޓްރަލް ޤައުމަކަށް ހެދުމަށްޓަކައި ސައެންސާއި ޓެކްނޯލޮޖީގެ ރޮނގުން އެކިއެކި ބާވަތުގެ މަޢްލޫމާތު ހޯއްދަވައި، ތަޙުލީލުތައް ކުރައްވައި އަދި މިކަމާ ގުޅިގެން ބައިނަލްއަޤްވާމީ ފަރާތްތަކާ މުޢާމަލާތްތައް ހިންގަވައި، މި އަމާޒު ޙަޤީޤަތަކަށް ހައްދަވައިދެއްވުމަށެވެ. އަދި މިއީ ޙާޞިލު ކުރެވޭނެ އަމާޒެއް ކަމަށްވެސް ސަރުކާރުން ދެކެވަޑައިގަންނަވާ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.