ފާދިއްޕޮޅު އަތޮޅު ތަޢްލީމީ މަރްކަޒަކީ، އަބަދުވެސް އެއްމިނެއްގައި ހިފަހައްޓައި ނަތީޖާ ރަނގަޅު ކުރަމުން ގެންދިޔަ މަރްކަޒެއް ކަމަށާއި، އަދި ދަރިވަރުންނަށް ކުރެވިފައިވާ ހޭދައަށްވުރެ މާބޮޑު ނަތީޖާއެއް ދަރިވަރުން ހޯދާފައިވާ މަރްކަޒެއް ކަމުގައި ރައީސް މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސް ނަޝީދު މިހެން ވިދާޅުވީ، އެ އަތޮޅު ތަޢްލީމީ މަރްކަޒުގެ ރިހިޔޫބިލް މުނާސަބަތުގައި މިއަދު ހަވީރު އެމަރްކަޒުގައި ބޭއްވެވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސްގެ ވާހަކަފުޅުގައި، އެމަރްކަޒު ފާހަގަވެފައިވަނީ ނަތީޖާ ދަށްވިޔަނުދީ، އެއްއަހަރުން އަނެއް އަހަރަށް އެގޮތުގައި ހިފަހައްޓަމުން އައި މަރްކަޒެއްގެ ގޮތުގައި ކަމަށް ވިދާޅުވިއެވެ. އަދި އެމަރްކަޒަށް 25 އަހަރު ފުރުމުގެ މުނާސަބަތުގައި، އެ މަރްކަޒުގެ ވެރިންނަށާއި، މުދައްރިސުންނަށާއި، ދަރިވަރުންނަށާއި، ބެލެނިވެރިންނަށާއި އަދި އެ މަރްކަޒަށް އެކިގޮތްގޮތުން އެހީތެރިވެދެއްވި ހުރިހާ ފަރާތްތަކަކަށް ތަހުނިޔާ ވިދާޅުވެ، ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ހިންނަވަރު ރައްޔިތުންނަކީ ޒަމާނުއްސުރެ ފަށައިގެން މުޅި ރާއްޖޭގެ ތަރައްޤީއަށް މަސައްކަތް ކުރައްވަމުން ގެންދަވާފައިވާ ރައްޔިތުންކަން ފާހަގަކުރެއްވިއެވެ. އަދި ފާދިއްޕޮޅު ތަޢްލީމީ މަރްކަޒުގައި މިއަދު ނުވަސަތޭކައެއްހާ ދަރިވަރުން ތަޢްލީމު ޙާޞިލު ކުރަމުންދާކަމަށާއި، ކޮންމެ ދަރިވަރެއްގެ މައްޗަށް މަދުވެގެން މަހަކު ސާދަސަތޭކަ ރުފިޔާ، ސަރުކާރުން ޚަރަދު ކުރައްވާ ކަމުގައި ރައީސް ވިދާޅުވިއެވެ.

ރާއްޖޭގެ ޅަކުދިންނަށާއި ޒުވާނުންނަށް ފުރިހަމަ ތަޢްލީމެއް ދެއްވުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުގެ މައްޗަށްވެސް ރައީސް ބައްލަވާލެއްވިއެވެ. އަދި ސަރުކާރުގެ އަމާޒަކީ، ކޮންމެ ރައްޔިތަކީ އަމިއްލަ ފައިމައްޗަށް ތެދުވެ ހުރި ޙައްޤުތަކެއް ލިބިގެންވާ ރައްޔިތަކަށް ހެއްދެވުން ކަމަށާއި، ސަރުކާރުގެ ތަޢްލީމީ، އިޖްތިމާޢީ، އިޤްތިޞާދީ ސިޔާސަތު ބިނާވެފައިވަނީ، މި މައިގަނޑު އުޞޫލު އަޅުގަނޑުމެންގެ ތެރޭގައި އަށަގެންނެވުމުގެ މައްޗަށް ކަމުގައި ރައީސް ވިދާޅުވިއެވެ. އަދި ސަރުކާރުގެ އަމާޒަކީ ވަށާ ޖެހިފައިވާ ފުރިހަމަ ތަޢްލީމެއް ދެއްވުން ކަމަށާއި، ރާއްޖޭގެ ކޮންމެ މަދަރުސާއަކީވެސް އެއްދަންފަޅިއަށް ކިޔަވައިދޭ މަދަރުސާއަކަށް ހެއްދެވުން ކަމުގައިވެސް ވިދާޅުވިއެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، ފާދިއްޕޮޅު އަތޮޅު ތަޢްލީމީ މަރްކަޒުގައި އެއްދަންފަޅިއަށް ކިޔަވައިދިނުމުގެ ބިންގާ އެޅިއްޖެކަން ހާމަކުރައްވަމުން، އަންނަ އަހަރުން ފެށިގެން އެ މަރްކަޒަކީ، އެއްދަންފަޅިއަށް ކިޔަވައިދޭ މަރްކަޒެއްގެ ގޮތުގައި ހަމަޖެހިގެންދާނެ ކަމުގައި ރައީސް ވިދާޅުވިއެވެ.

ފާދިއްޕޮޅު އަތޮޅު ތަޢްލީމީ މަރްކަޒަށް 25 އަހަރު ފުރުމުގެ މުނާސަބަތުގައި މިއަދު ބޭއްވެވި ޖަލްސާގައި ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅުގައި، ހިންނަވަރުގައި ފެށޭ މަތީ ތަޢްލީމުދޭ ފުރަތަމަ މަދަރުސާ ހިންގެވުމަށް ސަރުކާރުން ނިންމަވާފައިވަނީ، އެކަމަށް ޝައުޤުވެރިވާ ބަޔަކު ހޯއްދަވައިގެން، ވިޔަފާރީގެ އުޞޫލުން ހިންގެވުމަށް ކަމަށާއި، އެގޮތަށް ހިނގަމުންދާއިރު ސަރުކާރުން ދަރިވަރަށް އެހީތެރިވެދެއްވަމުން ގެންދަވާނެ ކަމުގައި ވިދާޅުވިއެވެ.

މިއަދުގެ ޖަލްސާގައި، ފާދިއްޕޮޅު އަތޮޅު ތަޢްލީމީ މަރްކަޒުގެ ވެރިންގެ ގޮތުގައި މަސައްކަތް ކުރެއްވި ބޭފުޅުންނަށާއި، 20 އަހަރަށްވުރެ ދިގު މުއްދަތެއް ވަންދެން އެ މަރްކަޒަށް ޚިދްމަތް ކުރެއްވި ބޭފުޅުންނަށް ހަނދާނީ ލިޔުން ދެއްވީ ރައީސް މުޙަންމަދު ނަޝީދެވެ.

ފާދިއްޕޮޅު އަތޮޅު ތަޢްލީމީ މަރްކަޒުގެ އިތުރު ކްލާސްރޫމްތަކެއްގެ ބިންގާވެސް ރައީސް މުޙަންމަދު ނަޝީދު މިއަދު މެންދުރުފަހު އަޅުއްވައިދެއްވިއެވެ.

ރައީސް ނަޝީދު ފާދިއްޕޮޅު ހިންނަވަރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު އިރުއޮއްސުނުއިރު މާލެ ވަޑައިގެންފިއެވެ.