ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދުގެ އަރިހަށް ސްވިޓްޒަރލޭންޑް ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މިސިޒް ރުތް ފްލިންޓް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ދިވެހިރާއްޖެއާއި ސްވިޓްޒަރލޭންޑާ ދެޤައުމުގެ ދެމެދުގައި އުފެދިފައިވާ ގާތް ގުޅުން، އެމަނިކުފާނުގެ ޒަޢާމަތުގައިވެސް އެގޮތަށް އިތުރަށް ބަދަހިކުރައްވަން ބޭނުންފުޅުވާ ކަމުގައި ވިދާޅުވިއެވެ. އަދި، ދުނިޔޭގައިވާ އެންމެ ފުރަތަމަ ކާރބަން ނިޔުޓްރަލް ޤައުމަށް ރާއްޖެ ހެއްދެވުމަށް ސަރުކާރުން ނިންމަވާފައިވުމާއެކު، އެކަމުގެ ތަފްޞީލުވެސް ސަފީރަށް ރައީސް ނަޝީދު ދެއްވިއެވެ. އަދި، މިކަމުގައި ސްވިޓްޒަލޭންޑް ސަރުކާރުން ރާއްޖެއަށް ވެދެއްވިދާނެ އެހީތަކާބެހޭގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.

ސްވިޓްޒަރލޭންޑް ސަފީރު ދެއްކެވި ވާހަކަފުޅުގައި، ފުރިހަމަ ޑެމޮކްރަސީގެ ނިޒާމެއް ޤާއިމު ކުރެވުނު ކަމަށްޓަކައި މަރްޙަބާ ވިދާޅުވިއެވެ.