ސަރުކާރުން ނޫން ގޮތަކަށް ރައްޔިތަކަށް ޙަޤީޤީ ޚިދްމަތެއް ފޯރުވައިނުދެވޭނެ ކަމަށް ރައީސް މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސް ނަޝީދު މިހެން ވިދާޅުވީ، މިއަދު މެންދުރުފަހު މުލަކަތޮޅު ދިއްގަރު ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ދިއްގަރަށް ކުރިމަތިވެފައިވާ ދަތިތަކުގެ މައްޗަށް ރައީސް ބައްލަވާލައްވަމުން، އެރަށުގެ ގިރާ ސަރަޙައްދަށް ކުރިއަށްއޮތް ދެމަހެއްހާ ދުވަހުގެ ތެރޭގައި ވެލިއަޅުއްވާފައި އެތަން ހިއްކަވާ ދެއްވާނެ ކަމުގައި ވިދާޅުވިއެވެ. އަދި ދިއްގަރުގައި ފްލެޓް އަޅުއްވަން މިއަހަރު ފަށްޓަވާނެ ކަމަށާއި، ފެނާއި ނަރުދަމާގެ ޚިދްމަތް ދިއްގަރަށް ފޯރުއްވައި ދެއްވުމަށްވެސް ސަރުކާރުން މަސައްކަތް ކުރައްވާނެ ކަމުގައި ވިދާޅުވިއެވެ.

ރައީސް ނަޝީދުގެ ވާހަކަފުޅުގައި، ދިއްގަރުގައި ގްރޭޑް 11، 12 އުފައްދަވައި ދެއްވުމަށްވެސް މަސައްކަތް ކުރައްވާނެ ކަމުގައި ވިދާޅުވިއެވެ. އަދި ދިއްގަރު ރައްޔިތުންނަށް ދިއްގަރާ ކައިރިން ބޮޑުރަށެއްގައި ދަނޑުވެރިކަން ކުރެވޭނެ މަގެއް ހޯއްދަވައި ދެއްވަން ބޭނުންފުޅުވާ ކަމަށާއި، ދިއްގަރު ރައްޔިތުން ޒަމާނުއްސުރެ ފަށްޓަވައިގެން ކުރައްވަމުން ގެންދަވާ ރިހާކުރު ކެއްކުމުގެ މަސައްކަތް ތަރައްޤީ ކުރެއްވޭނެ ގޮތެއްވެސް ހޯއްދަވައި ދެއްވާނެ ކަމުގައި ވިދާޅުވިއެވެ. ރައީސް ވިދާޅުވިގޮތުގައި އަޅުގަނޑުމެން ބޭނުންވަނީ ތަރައްޤީއެވެ. ހުރިހާ އެންމެން ގުޅިގެން މަސައްކަތް ކުރުމަށެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން ސަރުކާރުން ކޮށްދެއްވެން ހުރި ކަންކަން އިރާދަކުރެއްވިއްޔާ ކޮށްދެއްވަމުން ގެންދަވާނެ ކަމަށާއި، ވަގުތުން ވަގުތަށް ބޭނުންވާ ކަންކަންވެސް ކޮށްދެއްވަމުން ގެންދަވާނެ ކަމުގައި ރައީސް ވިދާޅުވިއެވެ.

ރައީސް ނަޝީދު މެދުޕްރޮވިންސަށް މިކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިރޭ މާލެ ވަޑައިގެންފިއެވެ.