ލީބިޔާގެ މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ސެކްރެޓަރީ ފޮރ އޭޝިއަން އެފެއާޒް މުޙަންމަދު އަލް ބައްރާނީ، ރައީސް މުޙަންމަދު ނަޝީދާ މިއަދު ބައްދަލުކުރައްވައިފިއެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް މިބައްދަލުކުރެއްވުމުގައި ދިވެހިރާއްޖެއާއި ލީބިޔާއާ ދެޤައުމުގެ ދެމެދުގައި އުފެދިފައިވާ ގާތް ގުޅުން އިތުރަށް ބަދަހިކުރުމާބެހޭގޮތުން ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.
މުޙަންމަދު އަލް ބައްރާނީ ދެއްކެވި ވާހަކަފުޅުގައި، ލީބިޔާ ސަރުކާރާއި ރައްޔިތުންގެ ނަމުގައި ރައީސް ނަޝީދަށާއި، ދިވެހި ރައްޔިތުންނަށް އިޚްލާޞްތެރި ހެޔޮއެދުންތައް ފޮނުއްވިއެވެ. އަދި ދިވެހިރާއްޖޭގެ ތަރައްޤީގެ މަސައްކަތުގައި ލީބިޔާގެ ބައިވެރިވުން އިތުރުކުރެއްވުމަށް ބޭނުންފުޅުވާކަމަށް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ލީބިޔާއާއެކު މިހާރަށްވުރެ ބޮޑަށް ގުޅުން ބަދަހިކުރެއްވުމަށް ބޭނުންފުޅުވާ ކަމަށާއި، ޚާއްޞަކޮށް ރާއްޖޭގެ ތަޢުލީމީ ދާއިރާ ކުރިއެރުއްވުމަށް ލީބިޔާގެ އެހީތެރިކަން ބޭނުންފުޅުވާ ކަމުގައި ވިދާޅުވިއެވެ.