ރާއްޖެއަށް ބޭނުންވާ ޓީޗަރުންނާއި އަދި ޞިއްޙީ ދާއިރާއަށް ބޭނުންވާ މީހުން ރާއްޖެއިން ބޭރުން ގެންނެވުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށްޓަވާނެ ކަމުގައި ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު ޙަސަން މަނިކު ވިދާޅުވެއްޖެއެވެ. ނައިބު ރައީސް މިހެން ވިދާޅުވީ، މޯލްޑިވްސް ވޮލަންޓިއަރޒް ކޯއިން ދާދި އަވަހަށް ފަށްޓަވަން ޤަޞްދު ކުރައްވާފައިވާ އިންޓަރނޭޝަނަލް ޕްރޮގްރާމާބެހޭ މަޢްލޫމާތު ދެއްވުމަށް މިއަދު ބޭއްވެވި ޕްރެސް ކޮންފަރެންސެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ޕްރޮގްރާމް ފުރަތަމަ އަމާޒު ކުރައްވަނީ، އިނގިރޭސިވިލާތަށް ކަމަށާއި، މިޕްރޮގްރާމް ފުރަތަމަ ހިންގަވާނީ، އިނގިރޭސިވިލާތުގައި ހުންނަ ހައިކޮމިޝަންގެ ފަރާތުން ކަމުގައި ވިދާޅުވިއެވެ. އަދި މި ޕްރޮގްރާމް ހިންގަވާނީ، މޯލްޑިވްސް ވޮލަންޓިއަރޒް ކޯގެ ބައެއްގެ ގޮތުގައި ކަމަށްވެސް ވިދާޅުވިއެވެ.

ނައިބު ރައީސްގެ ވާހަކަފުޅުގައި، ވޮލަންޓިއަރ ޓްރަސްޓް ފަންޑެއް އުފައްދަވަން ޤަޞްދު ކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.

މޯލްޑިވްސް ވޮލަންޓިއަރޒް ކޯއިން މިފަށްޓަވާ އިންޓަރނޭޝަނަލް ޕްރޮގްރާމާ ބެހޭގޮތުން މިއަދުގެ ޕްރެސް ކޮންފަރެންސްގައި ނައިބު ރައީސް އަރިހުގައި ބައިވެރިވެވަޑައިގެން އިތުރު މަޢްލޫމާތު ދެއްވީ، އިނގިރޭސިވިލާތުގައި ހުންނަވާ ދިވެހިރާއްޖޭގެ ހައިކޮމިޝަނަރ ޑޮކްޓަރ ފަރަޙަނާޒް ފައިޞަލާއި، މޯލްޑިވްސް ވޮލަންޓިއަރޒް ކޯގެ ޗީފް އެގްޒެކެޓިވް އަލްއުސްތާޛު އަޙްމަދު ޢާހިދު ރަޝީދެވެ.