ރައީސް މުޙަންމަދު ނަޝީދު، މެލޭޝިޔާގައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރު ކަމުގެ މަގާމަށް މާފަންނު އަޙްމަދީއާބާދު އަލްފާޟިލް މުޙަންމަދު ޒަކީ ޢައްޔަން ކުރައްވައި، އެމަނިކުފާނަށް ސަފީރު ކަމުގެ ފަތްކޮޅު މިއަދު ދެއްވައިފިއެވެ. މަގާމުގެ ފަތްކޮޅު ދެއްވުން އޮތީ މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

އަލްފާޟިލް މުޙަންމަދު ޒަކީ، ސަފީރު ކަމުގެ މަގާމަށް ރައީސް މި ޢައްޔަން ކުރެއްވީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ދ) ގައިވާ ގޮތުގެ މަތިން ރައްޔިތުންގެ މަޖިލީހުގެ މަޝްވަރާގެ މަތިންނެވެ.

އަލްފާޟިލް މުޙަންމަދު ޒަކީއަށް ފަތްކޮޅު ދެއްވުމަށްފަހު ރައީސް މުޙަންމަދު ނަޝީދު ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ ޤާނޫނުއަސާސީއާއި ޤާނޫނުތަކާއި ދިވެހި ރައްޔިތުންގެ އިޙްސާސްތަކާ އެއްގޮތަށް ދިވެހި ސަރުކާރު މެލޭޝިޔާގައި ތަމްސީލު ކޮށްދެއްވުމަށް އެދިވަޑައިގެންނެވިއެވެ. އަދި މެލޭޝިޔާގައި ވަރަށްގިނަ އަދަދެއްގެ ދިވެހިން އުޅެމުންގެންދާކަންވެސް ރައީސް ފާހަގަކުރެއްވިއެވެ.