މާލޭގެ ރައްޔިތުންނަށް ބޭނުންވާ މިންވަރަށް ގެދޮރު ހޯދޭނެ އިންތިޒާމަކާއި ތަރުތީބެއް، އިރާދަކުރެއްވިއްޔާ މި ފަސް އަހަރު ދުވަހުގެ ތެރޭގައި އެކުލަވާލެވޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. އެ ތަރުތީބުގައި ކުރިއަށްދާނެ މަގު އަޅުގަނޑުމެންނަށް ކުރެހޭނެ ކަމަށް ވިދާޅުވެ، މިމޭރުމުން އެމަނިކުފާނު ވާހަކަފުޅު ދެއްކެވީ، މާލޭ މުނިސިޕަލްޓީން މާލެއާއި ވިލިނގިލީގެ ފަޅާ ޙަވާލުވެވަޑައިގަތުމާއި، ފަޅު ސާފުކުރުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށްޓެވުމަށް ބޭއްވެވި ޖަލްސާގައެވެ.

މިއަހަރު ދުވަހުގެ ތެރޭގައި، މާލޭގައި އެގާރަ ސަތޭކަ ފްލެޓް އަޅުއްވަން ފެށްޓެވުމަށް އެކުލަވާލައްވާފައިވާ ތަޞައްވުރުގެ މައްޗަށް ބައްލަވާލައްވަމުން، ވިޔަފާރީގެ އުޞޫލުން އެކަން ކުރެއްވެން އެބައޮތް ކަމުގައި ރައީސް ވިދާޅުވިއެވެ. ބޭނުންފުޅަކީ، މާލޭގެ ރައްޔިތުންނަށްވެސް އެމީހުންގެ ޖުމްލަ އާމްދަނީގެ ވިހި އިންސައްތައަށްވުރެ އިތުރަށް ގެދޮރަށް ޚަރަދު ނުކުރުން ކަމުގައި ވިދާޅުވިއެވެ.

މާލޭގެ ބަނދަރަށް ކުރިމަތިވެފައިވާ ދަތިތަކުގެ މައްޗަށް ރައީސް ބައްލަވާލައްވަމުން، ބަނދަރު ތޮއްޖެހިފައިވުމާއެކު، ގުޅިފަޅުގައި ބަނދަރެއް ހެދުމުގެ މަޝްރޫޢެއްގައި ސޮއިކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށާއި، އެ މަޝްރޫޢު ކުރިއަށްދާން ފެށީމާ މާލޭގެ ބަނދަރަށާއި ފަޅަށް ލުއި ލިބޭނެ ކަމުގައި ވިދާޅުވިއެވެ. ހަމައެހެންމެ، ހުޅުމާލޭގައި މަސް ބަނދަރެއް ހެއްދެވުމުގެ މަޝްރޫޢެއް ސަރުކާރުން ރާއްވަވަމުން ގެންދަވާކަން ހާމަކުރައްވަމުން، އިރާދަކުރެއްވިއްޔާ މިއަހަރުގެ ތެރޭގައި، އެ މަޝްރޫޢުވެސް ޢަމަލީގޮތުން ފަށައިގަނެވޭނެ ކަމުގައި ރައީސް ވިދާޅުވިއެވެ. އަދި މިއީ، މާލޭ ފަޅުތެރޭގައި ހުރި ކަންނެލި އޮޑިދޯނިފަހަރަށް ފަސޭހަކަމެއް ލިބިގެންދާނެ ކަމެއްކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސް ނަޝީދުގެ ވާހަކަފުޅުގައި، މާލޭގައި ދިރިއުޅޭ މީހުންގެ މުނިސިޕަލް ޚިދްމަތް ރަނގަޅަށް ބެލެހެއްޓެވުމަކީ، މި ސަރުކާރުން އެންމެ ހިނދުކޮޅަކަށްވެސް ފަހަށް ޖެހިވަޑައިގަންނަވާނެ ކަމެއް ނޫން ކަމުގައި ވިދާޅުވިއެވެ. އަދި މާލެތެރޭގެ ސާފުތާހިރުކަމުގެ އިތުރުން، ވީހާވެސް ގިނަ ހުސް ޖާގައެއް މާލޭގެ ރައްޔިތުންގެ އަރާމަށާއި ހިތްހަމަޖެހުމަށް ހޯއްދަވައިދެއްވަން އެބަޖެހޭ ކަމަށާއި، މިމަސައްކަތް ދާދި އަވަހަށް ނިންމަވައި، މާލޭގައި ހެދެންހުރި ޕާކްތައް ކަނޑައަޅުއްވައި، އެތަންތަނުގައި އެމަސައްކަތް ފަށްޓަވާނެ ކަމުގައިވެސް ވިދާޅުވިއެވެ.

މާލޭ ފަޅު ސާފުކުރުމުގެ ޢަމަލީ މަސައްކަތް ފަށްޓަވައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އަރިހުން އެދިވަޑައިގަތީ، މާލޭ މުނިސިޕަލްޓީގެ ރައީސް އަލްފާޟިލް އާދަމް މަނިކެވެ.