ދިވެހި ރައްޔިތުންގެ އިންސާނީ ޙައްޤުތައް ޙިމާޔަތްކޮށްދެއްވައި ފުރިހަމަކޮށްދެއްވުމަކީ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއްދެއްވާ ކަމެއްކަމުގައި ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު ޙަސަންމަނިކު ވިދާޅުވެއްޖެއެވެ. ޑޮކްޓަރ ވަޙީދު މިހެން ވިދާޅުވީ، ކޮމަންވެލްތްގެ ހިއުމަން ރައިޓްސްއާ ބެހޭ ޔުނިޓްގެ އެންމެ އިސްވެރިޔާ ޑޮކްޓަރ ޕޫރްނާ ސެން އާ މިއަދު ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ދިވެހިރާއްޖޭގައި އިންސާނީ ޙައްޤުތައް ރައްކާތެރިކުރުމުގެ ގޮތުން ވަރަށް ގިނަ މަސައްކަތް ކުރެވެމުންދާކަމަށާއި، އަދިވެސް މިދާއިރާއިން ކުރަންވެފައިހުރި ވަރަށްގިނަ މަސައްކަތް އެބަހުރިކަމުގައި ނައިބު ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ހެނދުނު އޮތް މިބައްދަލުކުރެއްވުމުގައި، އިންސާނީ ޙައްޤުތަކާއި މޫސުމަށް އަންނަ ބަދަލުތަކާ ހުރިގުޅުމާ ބެހޭގޮތުން ޑޮކްޓަރ ވަޙީދާއި ޑޮކްޓަރ ޕޫރްނާ ސެން ވާހަކަފުޅު ދެއްކެވިއެވެ. ތިމާވެށްޓަށް އަންނަ ބަދަލުތަކުގެ ސަބަބުން، ޚާއްޞަގޮތެއްގައި ދިވެހިރާއްޖެފަދަ ކުދި ޤައުމުތަކުގައި ދިރިއުޅޭމީހުންގެ ދިރިއުޅުމަށް ކުރިމަތިވާ ދަތިތަކާއި ގޮންޖެހުންތަކުގެ މައްސަލަ، ތިމާވެށި ރައްކާތެރި ކުރުމަށް ކުރެވޭ މަސައްކަތްތަކުގައި ހިމެނުމުގެ މުހިންމު ކަމުގެ މައްޗަށްވެސް ދެބޭފުޅުން ވާހަކަފުޅު ދެއްކެވިއެވެ.