”ވަރކްސް ކޯޕަރޭޝަން ލިމިޓެޑް“ މި ނަމުގައި ދަރަންޏަށް ޒިންމާވާންޖެހޭ މިންވަރު ކަނޑައެޅިފައިވާ، ދިވެހި ސަރުކާރުގެ ސައްތައިންސައްތަ ޙިއްޞާ އެކުލެވިގެންވާ، ސަރުކާރުގެ ކުންފުންޏެއް، ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުން މިއަދު އުފައްދަވައިފިއެވެ. މިއީ، ދިވެހިރާއްޖޭގެ އިޤްތިޞާދީ ތަރައްޤީއާއި އިޖްތިމާޢީ ދުޅަހެޔޮކަމަށް މަގުފަހިކޮށްދޭނެ ފަދަޔަކުން، ދިވެހިރާއްޖޭގެ ބަނދަރުތަކާއި، މަގުތަކާއި، ފާލަންތަކާއި، ޤައުމުގެ ޢުމްރާނީ ތަރައްޤީގެ ތެރޭގައި ހިމެނޭ އެހެނިހެން ކަންކަން، ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދެވުމަށްޓަކައި އުފެއްދެވި ކުންފުންޏެކެވެ.