ޔުނިސެފުން ދެކުނު އޭޝިޔާއަށް ކަނޑައަޅުއްވާފައި ހުންނަވާ ރީޖަނަލް ޑިރެކްޓަރ މިސްޓަރ ޑެނިއަލް ޓޫލް، ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު ޙަސަން މަނިކުގެ އަރިހަށް މިއަދު އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް މިބައްދަލުކުރެއްވުމުގައި، ޑޮކްޓަރ ވަޙީދު ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގައި ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމަށް އިތުރަށް ކުރަންހުރި މަސައްކަތްތަކުގެ މައްޗަށް ބައްލަވާލެއްވިއެވެ. އަދި، ރާއްޖޭގެ ވަރަށް ގިނަ ރަށްތަކުގައި ސާފު ބޯފެނުގެ މައްސަލަ ބޮޑުވެފައިވާ ކަމަށާއި، ފެނުގެ ރައްކާތެރިކަން އިތުރުކުރުމަށް ޔުނިސެފް ފަދަ ޖަމްޢިއްޔާތަކުގެ އެހީތެރިކަން ދިވެހިރާއްޖެއަށް ވަރަށް މުހިންމު ކަމުގައި ވިދާޅުވިއެވެ. ހަމައެއާއެކު، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގައި ޝަރުޢީ ދާއިރާގެ ބައިވެރިވުމާއި އެއްބާރުލުން އިތުރުކުރުމަށް ކުރެވިދާނެ ކަންތައްތަކާމެދުވެސް ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.

މިސްޓަރ ޓޫލް ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ އެކިއެކި އިޖްތިމާޢީ މައްސަލަތައް ޙައްލުކުރުމުގައި މަދަނީ ޖަމްޢިއްޔާތަކާއި އަމިއްލަ ފަރާތްތަކުގެ ބައިވެރިވުން އިތުރުކުރެވުމުން އެކަމުން ނުކުންނަ ނަތީޖާ ވަރަށް ރަނގަޅުވާނެކަން ފާހަގަކުރެއްވިއެވެ. އަދި، ސަރުކާރުން ހިންގަވާ އިޖްތިމާޢީ ތަރައްޤީގެ މަޝްރޫޢުތަކަށް ޔުނިސެފުން ވެދެއްވެން އޮތް އެހީއެއް ވެދެއްވާނެކަމުގެ ޔަޤީންކަން ދެއްވިއެވެ.