ރައީސް މުޙަންމަދު ނަޝީދު، ޕާކިސްތާނުގެ ރައީސް ޢާޞިފް ޢަލީ ޒަރްދާރީއަށާއި، އިންޑޮނީޝިއާގެ ރައީސް ސުސިލޯ ބަމްބަންގް ޔުދޮޔޯނޯއަށް ހަމްދަރުދީގެ މެސެޖު ފޮނުއްވައިފިއެވެ.

ރައީސް ނަޝީދު، ޕާކިސްތާނުގެ ރައީސަށް ހަމްދަރުދީގެ މެސެޖެއް މިފޮނުއްވީ، ޕާކިސްތާނުގެ މިސްކިތަކަށް ދެވުނު ބޮމުގެ ޙާދިސާއެއްގައި އެތައްބަޔަކު މަރުވެ، އެތައް ބަޔަކު ޒަޚަމްވުމާ ގުޅިގެންނެވެ. މި ޚަބަރު އެއްސެވީ ފުން ހިތާމައާ ކުއްލި ހައިރާންކަމާއެކުގައި ކަމަށް ރައީސްގެ މެސެޖްގައި ވިދާޅުވެފައިވެއެވެ. އަދި ދިވެހިރައްޔިތުންނާ، ދިވެހި ސަރުކާރާއި އެ މަނިކުފާނުގެ އަމިއްލަނަންފުޅުގައި ޓެރަރިޒަމްގެ މި ޢަމަލު އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރިކުރައްވާ ކަމުގައިވެސް މިމެސެޖުގައި ވިދާޅުވެފައި ވެއެވެ. އަދި މިހާދިސާގައި މަރުވި އެންމެންގެ ޢާއިލާތަކަށް ތަޢުޒިޔާ ރައްދުކޮށްދެއްވުމަށް، ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންފައިވެއެވެ.

އިންޑޮނީޝީއާގެ ރައީސަށް ރައީސް ހަމްދަރުދީ ފޮނުއްވީ، އިންޑޮނީޝިއާގެ ވެރިރަށް ޖަކާޓާގައި ޑޭމެއް ހަލާކުވުމާގުޅިގެން އެތައް ބަޔަކު މަރުވެ، ބޮޑެތި ގެއްލުންތަކެއް ލިބުމާ ގުޅިގެން، އެކަމުގެ ހިތާމައިގައެވެ. ރައީސް މުޙަންމަދު ނަޝީދުގެ މެސެޖުގައި، މިހިތާމައިގައި ބައިވެރިވެވަޑައިގެން، ދިވެހި ސަރުކާރާއި ރައްޔިތުންނާއި، އަދި ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަ ނަންފުޅުގައި، ރައީސް ޔުދޮޔޯނޯއަށާއި، އިންޑޮނީޝިއާ ސަރުކާރަށާއި ރައްޔިތުންނަށް، ވަރަށް އިޚްލާޞްތެރިކަމާއެކު ހަމްދަރުދީ ފޮނުއްވާފައިވެއެވެ. އަދި މިހާދިސާގައި މަރުވި އެންމެންގެ ޢާއިލާތަކަށް ތަޢުޒިޔާ ރައްދުކޮށްދެއްވުމަށް، ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންފައިވެއެވެ.