ޖައްވު ތަޣައްޔަރުވުމާއި، އެކިބާވަތް ބާވަތުގެ މަޢުދަނާއި ވިހަގޭސް ޖައްވަށް ދޫކުރުންފަދަ ކަންތައްތައް ނުކުރުމަށް ބާރުއަޅައި، މިރޮނގުން ދުނިޔެއަށް މިސާލު ދައްކާ ޤައުމެއްގެ ގޮތުގައި ރާއްޖެ ހައްދަވަން ބޭނުންފުޅުވާ ކަމުގައި ރައީސް މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސް ނަޝީދު މިހެން ވިދާޅުވީ، ”ކްލައިމެޓް ޗޭންޖް އެޑްވައިޒަރީ ކައުންސިލް“ އިފްތިތާޙު ކޮށްދެއްވައި، މިއަދު ބޭއްވެވި ޕްރެސް ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ނަޝީދުގެ ވާހަކަފުޅުގައި، ރާއްޖެއިން މިކަމުގައި އިސްނަގައި، ޖައްވު ތަޣައްޔަރުވުންފަދަ ކަންކަން އަޅުގަނޑުމެން ނުކޮށް، ހެޔޮގޮތުގައި އުޅެން ފަށައިފިނަމަ، ބޮޑެތި ޤައުމުތައްވެސް އަދި އެހެން ފަރާތްތައްވެސް އެކަން މިސާލެއްގެ ގޮތުގައި ދެކޭނެ ކަމުގައި ވިދާޅުވިއެވެ. އަދި މިއީ ޙަޤީޤަތުގައި ރާއްޖެއަށް އޮތް ވަރަށް ހެޔޮ ފާލެއް ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، މިބާވަތުގެ މައްސަލަތައް ދުނިޔޭގައި އުފެދިގެން އަންނައިރު، ދުނިޔެ ވަރަށްބޮޑަށް ބަދަލުވާން ޖެހޭނެ ކަމަށާއި، އެބަދަލުވާންޖެހޭ ވަގުތުގައި އެބަދަލުވުމުގެ ފުރްޞަތުގެ ތެރެއަށް އަޅުގަނޑުމެންނަށް ވަދެވޭނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި އޭގެ ސަބަބުން، ލިބެން ހުރި ރަނގަޅު ފައިދާތައް އަޅުގަނޑުމެންނަށް ލިބޭނެ ކަމުގައި ވިދާޅުވިއެވެ. މިއީ ވަރަށް އަގުބޮޑު ކަމެއް ކަމަށް ބައެއް ބޭފުޅުން ދެކެވަޑައިގަންނަވާ ކަމަށާއި، އެހެން ނަމަވެސް، ތެޔޮ އަންދައިގެން ކަރަންޓް ބޭނުންކުރުން އެއީ މާ އަގުބޮޑު ކަމެއް ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަދު މި އިފްތިތާޙު ކުރެއްވި ކްލައިމެޓް ޗޭންޖް އެޑްވައިޒަރީ ކައުންސިލްގެ ރިޔާސަތު ބަލަހައްޓަވާނީ، ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު ޙަސަން މަނިކެވެ. މި ކައުންސިލްގައި މިނިސްޓަރ އޮފް ހައުސިންގ، ޓްރާންސްޕޯޓް އެންޑް އެންވަޔަރަންމަންޓް އަލްފާޟިލް މުޙަންމަދު އަސްލަމްގެ އިތުރުން ހިމެނިވަޑައިގަންނަވާ އެހެން ބޭފުޅުންނަކީ، ޑޮކްޓަރ މުޙަންމަދު އަލީ، އަލްފާޟިލް އަޙްމަދު ޝާޢިޤު، ޑޮކްޓަރ ސިމާދު ސަޢީދު، ޑޮކްޓަރ މުޙަންމަދު ޝިހާމް އާދަމް، އަލްފާޟިލް ޙުސައިން ޒާހިރު، ޑޮކްޓަރ އަޙްމަދު ޖަމްޝީދު މުޙަންމަދު، ޑޮކްޓަރ މުޙަންމަދު ޝަރީފް، އަލްފާޟިލާ ހުދާ އަޙްމަދު، އަލްފާޟިލް މުޙަންމަދު އިނާޒް، އަލްފާޟިލް އަޙްމަދު ސަލީމް، އަލްފާޟިލް މުޙަންމަދު ރަޝީދު، އަލްފާޟިލް އިބްރާހީމް ހަމީޒް، އަލްފާޟިލް ޢަބްދުލްޢަޒީޒު ޢަބްދުލްޙަކީމް އަދި އަލްފާޟިލް އަމްޖަދު ޢަބްދުﷲ އެވެ.

ރައީސް މުޙަންމަދު ނަޝީދު މިއަދު ދެއްކެވި ވާހަކަފުޅުގައި، މި ކައުންސިލް އުފެއްދެވުމާ ގުޅިގެން، ރާއްޖެއަށް އެހީތެރިވެދެއްވުމަށް ބޭރުގެ ސައިންޓިސްޓުންގެ ގްރޫޕެއްވެސް އެކުލަވާލައްވާނެކަން ހާމަކުރެއްވިއެވެ.

މިއަދުގެ ޕްރެސް ކޮންފަރެންސްގައި، ނޫސްވެރިން ދެންނެވި ސުވާލުތަކަށްވެސް ރައީސް މުޙަންމަދު ނަޝީދާއި، ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު ޙަސަން މަނިކާއި، އެންވަޔަރަންމަންޓް މިނިސްޓަރ މުޙަންމަދު އަސްލަމް ޖަވާބު ދެއްވިއެވެ. ކްލައިމެޓް ޗޭންޖް އެޑްވައިޒަރީ ކައުންސިލްގެ ބޭފުޅުންވެސް، މި ޕްރެސް ކޮންފަރެންސްގައި ބައިވެރިވެވަޑައިގެންނެވިއެވެ.