ތަޙްޤީޤަށްޓަކައި ބަންދުކޮށްފައިވާ މީހުންނަށް ޖަލުތަކުގައި އަނިޔާކުރާކަމުގެ ޝަކުވާއާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި ޤާނޫނާއި ގަވާއިދާ ޚިލާފު ޢަމަލުތަކެއް ފުލުހުންގެ މުއައްސަސާގެ ތެރޭގައި ހިނގާކަމުގެ ޝަކުވާ ލިބިވަޑައިގަތުމާ ގުޅިގެން، މި މައްސަލަ ބައްލަވައި، މި މައްސަލަ ފުރިހަމައަށް އަދި މުސްތަޤިއްލު ގޮތެއްގައި ތަޙްޤީޤުކުރެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުން ރިޔާސީ ކޮމިޝަނެއް މިއަދު އުފައްދަވައިފިއެވެ.

ރިޔާސީ ކޮމިޝަނުގައި ހިމެނިވަޑައިގަންނަވަނީ، އަލްފާޟިލް އަމީން ފައިޞަލާއި، އަލްފާޟިލް ޢަލީ ހާޝިމާއި، އަލްފާޟިލް މުޙަންމަދު އަސްލަމާއި، އަލްއުސްތާޛާ ޙިސާން ޙުސައިނާއި، އަލްއުސްތާޛް އިބްރާހީމް ރިފްޢަތެވެ.

ރިޔާސީ ކޮމިޝަނާ ރައީސުލްޖުމްހޫރިއްޔާ ހަވާލުކުރެއްވި މަސައްކަތްތަކަކީ:

(ހ) އަނިޔާއާއި އެނޫންވެސް ރަޙުމްކުޑަ، އަދި އިންސާނިއްޔަތު ކަމެއްނެތް ނުވަތަ އިންސާނިއްޔަތާ ޚިލާފު އަދަބު ބަންދުގައިތިބޭ މީހުންނަށް ދޭކަމަށްބުނާ މައްސަލަ ތަޙްޤީޤު ކުރައްވައި ފާހަގަކުރެއްވޭ އެހެން އެއްވެސް މައްސަލައެއްވާނަމަ، އެކަމެއް ރިޕޯޓެއްގެގޮތުގައި ރައީސުލްޖުމްހޫރިއްޔާއަށް ހުށަހެޅުއްވުން.

(ށ) މޯލްޑިވްސް ޕޮލިސް ސަރވިސްއިން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި ޤާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތަށް ޢަމަލުކުރޭތޯ ބައްލަވައި، އެފަދައިން ޢަމަލުކުރުމަށްޓަކައި އަޅުއްވަންޖެހޭ ފިޔަވަޅުތައް ފާހަގަކުރައްވައި، ރިޕޯޓެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާއަށް ހުށަހެޅުއްވުން.

(ނ) މޯލްޑިވްސް ޕޮލިސް ސަރވިސްގެ ހިންގުން ހަރުދަނާކުރެއްވުމަށްޓަކައި އަޅުއްވަންޖެހޭ ފިޔަވަޅުތައް މުރާޖާކުރައްވައި ވަގުތުން އެޅެންހުރި ފިޔަވަޅުތައް ފާހަގަކުރައްވައި ރިޕޯޓެއް އެކުލަވާލައްވައި ތައުސިޔާތައް ރައީސުލްޖުމްހޫރިއްޔާއަށް ހުށަހެޅުއްވުން.

(ރ) މި މައްސަލަ ބައްލަވަމުން ގެންދާއިރު، ފާހަގަކުރެއްވޭ އެހެން އެއްވެސް މައްސަލައެއް ވާނަމަ، އެކަމެއްވެސް ވަކި ރިޕޯޓެއް ގޮތުގައި ރައީސުލްޖުމްހޫރިއްޔާއަށް ހުށަހެޅުއްވުން.
މި މަސައްކަތްތައް ހަވާލުކުރައްވައި، ކޮމިޝަނުގެ މަސައްކަތްތައް ކުރެއްވުމުގައި އެއްވެސް ފަރާތެއްގެ ނުފޫޒެއްނެތި، މިނިވަންކަމާއެކު އެ މަސައްކަތްތައް ކުރެއްވުމާއި، ކޮމިޝަނުން ބައްލަވަން ބޭނުންވާ އެންމެހައި ލިޔެކިޔުމާއި އެހެނިހެން ތަކެތި ބައްލަވައި ދިރާސާކުރެއްވުމާއި، ކޮމިޝަނަށް ހާޒިރުކުރައްވަން ފެނިވަޑައިގަންނަވާ މީހުން ހާޒިރުކުރެއްވުމާއި، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ބެއްލެވުމުގެ ދަށުގައިހުރި އެންމެހައި ތަންތަނަށް ކޮމިޝަނުން ޒިޔާރަތްކުރައްވައި، އެތަންތަނާއި އެތަންތަނުގައިހުރި ލިޔެކިޔުންތަކާއި އެހެނިހެންތަކެތި ބައްލަވައި ތަޙްޤީޤުކުރެއްވުމުގެ އިޚްތިޔާރާއި ބާރު، އެ ކޮމިޝަނަށް ރައީސުލްޖުމްހޫރިއްޔާވަނީ ދެއްވާފައެވެ.