މެދު ފަންތީގެ ޓޫރިސްޓް މާކެޓެއް އުފެއްދެވުމަށް ސަރުކާރުން މަސައްކަތް ކުރައްވާ ކަމުގައި ރައީސް މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސް ނަޝީދު މިހެން ވިދާޅުވީ، ރާއްޖޭ ގަޑިން މިރޭ 8 ޖެހިއިރު އިނގިރޭސިވިލާތުގެ ޓުއަރ އޮޕަރޭޓަރުންނާ ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ނަޝީދު ލަންޑަނުގައި ހުންނެވުމަށް ހަމަޖެހިފައިވާ ހަޔަތް ރެޖެންސީ ހޮޓަލުގައި، އިނގިރޭސިވިލާތުގެ ގިނަ އަދަދެއްގެ ޓުއަރ އޮޕަރޭޓަރުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން، ރާއްޖޭގައި ޓޫރިޒަމް ފެށިގެން އައިއިރު، އެކި ފަންތީގެ ޓޫރިސްޓުންނަށް ފޯރާ އަގުތަކެއްގައި ޚިދުމަތް ދެވެމުން އައިކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި އިނގިރޭސިވިލާތަކީ، ރާއްޖެއަށް ވަރަށް ގިނަ އަދަދެއްގެ ޓޫރިސްޓުން ޒިޔާރަތްކުރާ ޤައުމަކަށްވުމާއެކު، އިނގިރޭސިވިލާތުގެ މަތީ ފަންތިއާއި، މެދުފަންތީގެ ޓޫރިސްޓުންގެ އިތުރުން، އެންމެ އާދައިގެ ރައްޔިތުންނަށްވެސް ރާއްޖެއަށް ޒިޔާރަތްކުރެވޭނެ އަގުތަކެއް ރާއްޖޭގައި ހަމަޖެހިފައި ހުރުމަކީ ވަރަށް މުހިންމު ކަމެއްކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި މިކަމާގުޅޭގޮތުން ޓުއަރ އޮޕަރޭޓަރުންގެ ލަފައާއި ޚިޔާލުވެސް ރައީސް ހޯއްދެވިއެވެ.

ރާއްޖެއަށް އަގުހެޔޮކޮށް ޗާޓަރު ފްލައިޓް އޮޕަރޭޓް ކުރެވޭނެ ގޮތެއް ހެދުމާއި، ގަމުގެ އެއަރޕޯޓަށްވެސް ޗާޓަރ ފްލައިޓްތަކަށް އުދުހެވޭނެ އިންތިޒާމް ހަމަޖެހިގެން ދިޔުމަކީ، މިކަމަށް މަގުފަހިވާނެ ކަމެއްކަމުގައި ޓުއަރ އޮޕަރޭޓަރުން ފާހަގަކުރިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި، މިނިސްޓަރ އޮފް ޓޫރިޒަމް، އާރޓްސް އެންޑް ކަލްޗަރ ޑޮކްޓަރ އަޙްމަދު ޢަލީ ސަވާދާއި، މިނިސްޓަރ އޮފް ހައުސިންގ، ޓްރާންސްޕޯޓް އެންޑް އެންވަޔަރަންމަންޓް މުޙަންމަދު އަސްލަމާއި، ދިވެހިރާއްޖެއިން އިނގިރޭސިވިލާތަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑޮކްޓަރ ފަރަޙަނާޒް ފައިޞަލް ބައިވެރިވެވަޑައިގެންނެވިއެވެ. ދިވެހި ވަފްދުގެ އެހެން ބޭފުޅުންވެސް ޓުއަރ އޮޕަރޭޓަރުންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވިއެވެ.

އިނގިރޭސިވިލާތުގެ ރާނީއަށް ތިމާވެށްޓާބެހޭގޮތުން ލަފާއަރުއްވާ ބޭފުޅެއް ކަމަށްވާ ސަރ ޕީޓަރ ގްރަހަމްއާވެސް ރައީސް ނަޝީދު މިރޭ ބައްދަލުކުރެއްވިއެވެ. މި ބައްދަލުކުރެއްވުމުގައި، ސްޕެޝަލް އެންވޯއި އޮފް ދަ ޕްރެޒިޑެންޓް އިބްރާހީމް ޙުސައިން ޒަކީއާއި، މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑޮކްޓަރ އަޙްމަދު ޝަހީދާއި، މިނިސްޓަރ އޮފް ހައުސިންގ، ޓްރާންސްޕޯޓް އެންޑް އެންވަޔަރަންމަންޓް މުޙަންމަދު އަސްލަމާއި، މިނިސްޓަރ އޮފް ޓޫރިޒަމް، އާޓްސް އެންޑް ކަލްޗަރ ޑޮކްޓަރ އަޙްމަދު ޢަލީ ސަވާދާއި، މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް މުޙަންމަދު ރަޝީދު ބައިވެރިވެވަޑައިގެންނެވިއެވެ.

ރައީސް ނަޝީދުގެ ދެކަނބަލުން، އިނގިރޭސިވިލާތަށް ވަޑައިގަތީ މިއަދު ހަވީރުއެވެ. ލަންޑަން ހީތުރޯ އެއަރޕޯޓުން ރައީސްގެ ދެކަނބަލުންނަށް މަރްޙަބާ ވިދާޅުވީ، އިނގިރޭސިވިލާތުގެ ފޮރިން ސެކްރެޓެރީގެ ފަރާތްޕުޅުން ވަޑައިގެންނެވި މަންދޫބަކާއި، އިނގިރޭސިވިލާތުގައި ހުންނަވާ ރާއްޖޭގެ ސަފީރާއި، ހައިކޮމިޝަންގެ އިސްބޭފުޅުންނެވެ.