ދިވެހި ސަރުކާރާއި އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ ކޮލެޖް ލަންޑަނާ ދެމެދު އެމް.އޯ.ޔޫ.އެއްގައި ސޮއިކުރައްވައިފިއެވެ. މިއީ، ތިމާވެށްޓާ ރަށްޓެހި ޓެކްނޯލޮޖީއާ ބެހޭގޮތުން ދިރާސާކޮށް ހޯދުންތައް ހޯދުމަށްޓަކައި ވެވުނު އެއްބަސްވުމެކެވެ. ލަންޑަން ޔުނިވަރސިޓީ ކޮލެޖަކީ، މިދާއިރާގައި މުޅި ދުނިޔޭގައިވެސް ފާހަގަކުރެވޭ ޔުނިވަރސިޓީއެކެވެ.

މިއެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ހައުސިންގ، ޓްރާންސްޕޯޓް އެންޑް އެންވަޔަރަންމަންޓް މުޙަންމަދު އަސްލަމެވެ. ލަންޑަން ޔުނިވަރސިޓީ ކޮލެޖްގެ ފަރާތުން ސޮއިކުރެއްވީ އެޔުނިވަރސިޓީގެ ޕްރެޒިޑެންޓް ޕްރޮފެސަރ މެލްކަމް ގްރާންޓެވެ.

ގުޅީފަޅު ތަރައްޤީ ކުރުމަށްޓަކައި ކެޕިޓަލް އިންވެސްޓްމަންޓް އެންޑް ފައިނޭންސާބެހޭ މަޢްލޫމާތު ދިނުމުގެ ބައްދަލުވުމެއްވެސް އިއްޔެވަނީ ބާއްވަވާފައެވެ. މިބައްދަލުވުމުގައި، ތަޖުރިބާ ލިބިފައިވާ ބޭރުގެ ހަތަރު ކުންފުންޏެއް ގުޅިގެން ގުޅިފަޅު ތަރައްޤީ ކުރެއްވުމަށް ހުށަހަޅާފައިވާ ހުށަހެޅުންތަކާ ބެހޭގޮތުން މަޝްވަރާ ކުރެއްވިއެވެ.