މޫސުމަށް އަންނަމުންމިދާ ބަދަލުތައް ހުއްޓުވުމަށް، ވަގުތު ފާއިތު ނުވަނީސް ޤައުމުތަކުގެ ރައްޔިތުން ހަރަކާތްތެރިވުމަށް އެބައިމީހުންގެ ޟަމީރު އެބައިމީހުންނަށް މަޖުބޫރު ކުރުވާނެކަމަށް އުންމީދު ކުރައްވާ ކަމުގައި ރައީސް މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސް ނަޝީދު މިހެން ވިދާޅުވީ، އެމަނިކުފާނު އިނގިރޭސިވިލާތަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ރޯޔަލް ކޮމަންވެލްތް ސޮސައިޓީގައި އިއްޔެ ހަވީރު ތަޤްރީރު ކުރައްވަމުންނެވެ.

ރައީސް ނަޝީދުގެ ތަޤްރީރުގައި މޫސުމަށް އަންނަމުންދާ ބަދަލުތަކުން މިއަދު ދިވެހިރާއްޖެ ސަލާމަތްކުރުމަށް ދުނިޔެއަށް ނުކުޅެދިއްޖެނަމަ، މާދަމާ، ލަންޑަނާއި ނިއުޔޯކްފަދަ ސިޓީތައްވެސް ސަލާމަތްކުރުމަށް ނުކުޅެދޭނެ ކަމުގައި ވިދާޅުވިއެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، މިއަހަރުގެ ފަހުކޮޅު ކޯޕަންހޭގަންގައި ބޭއްވުމަށް ހަމަޖެހިފައިވާ ސަމިޓަކީ، މޫސުމަށް އަންނަ ބަދަލުތައް ކުޑަކުރުމަށް ވަރަށް މުހިންމު ފިޔަވަޅުތަކެއް އެޅުމަށް މުޅި ދުނިޔެއަށްވެސް ލިބޭ ވަރަށް އަގުހުރި ފުރުސަތެއް ކަމަށާއި، މިފުރުސަތު ނަގާނުލުމަށް އެމަނިކުފާނު ގޮވާލެއްވިއެވެ.

ދުނިޔޭގެ ޤައުމުތައް ވަކިގޮތެއް ނިންމަންދެން ދިވެހިރާއްޖެ ދެން ބަލަން އޮންނަން ބޭނުންނުވާ ކަމަށާއި، މިގޮތުން ދުނިޔޭގައިވާ ކާބަން ނިއުޓްރަލް ފުރަތަމަ ޤައުމަށް ރާއްޖެހެދުމަށް ސަރުކާރުން މިހާރު އިޢުލާން ކުރައްވާފައިވާކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި، މިކަމަށް ބޭނުންވާ ތިމާވެށީގެ ޢަމަލީ މަޝްރޫޢެއް މިހާރުވަނީ ތައްޔާރުކުރައްވާފަައި ކަމަށާއި، ދިވެހިރާއްޖެއަކީ، މުޅިން އިޢާދަކުރަނިވި ހަކަތަ ބޭނުންކުރާ ޤައުމަކަށް 10 އަހަރު ދުވަހުގެތެރޭގައި ހެދުމަށް ސަރުކާރުން ނިންމަވާފައިވާ ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ.

ރާއްޖެއަށް އައިސްފައިވާ ޑިމޮކްރެޓިކް ބަދަލުގެ މައްޗަށްވެސް ރައީސް އަލިއަޅުއްވާލެއްވިއެވެ. މިމޭރުމުން ވާހަކަފުޅު ދައްކަވަމުން، ޑިމޮކްރެޓިކް ހަރަކާތެއް، ޚާއްޞަކޮށް އިސްލާމީ ޤައުމެއްގައި، ގެނައުމަކީ އެހާ ޢާންމުކަމެއް ނޫންކަމަށާއި، އެހެންނަމަވެސް ރާއްޖޭގައިވަނީ ވަރަށް ކާމިޔާބުކަމާއެކީ ޑިމޮކްރަސީ ގެނެސްފައި ކަމުގައި ރައީސް ވިދާޅުވިއެވެ. ޑިމޮކްރަސީ ގެނެވިފައިވީނަމަވެސް، އެ ޑިމޮކްރެސީ ދެމެހެއްޓުމަށްޓަކައި ގިނަގުނަ މަސައްކަތްތަކެއް ކުރަން އެބަޖެހޭކަން ބަޔާންކުރައްވަމުން، ޙައްލުކުރަންޖެހިފައިވާ ވަރަށް ގިނަ މައްސަލަތަކެއްވެސް އެބަހުރި ކަމުގައި ރައީސް ވިދާޅުވިއެވެ. އެގޮތުން ދީނީގޮތުން ހައްދުފަހަނަޅައި ދިޔުމާއި، މަސްތުވާތަކެތީގެ މައްސަލަތަކާއި، ގްރޫޕް މާރާމާރީ ގިނަވުމާއި، ގެދޮރުގެ ދަތިކަންފަދަ މައްސަލަތައް ރައީސް ފާހަގަކުރެއްވިއެވެ.

ރައީސްގެ ވާހަކަފުޅުގައި، ހައްދުފަހަނަޅައިދިޔުން ހުއްޓުވުމަށް އޮތް އެންމެ ރަނގަޅު ފަރުވާއަކީ ޑިމޮކްރެސީ ކަމަށާއި، ޑިމޮކްރެސީގެ ހަރަކާތްތައް ފެށުނުފަހުން ހައްދުފަހަނަޅައި ދިޔުން ބެލެހެއްޓެމުންދާ ކަމުގައި ރައީސް ވިދާޅުވިއެވެ. "މިނިވަން އަދި ތަފާތު ޚިޔާލުތަކަށް ޖާގަދޭ ޤައުމަކަށް ދިވެހިރާއްޖެ ހެދޭނީ ވަޒަނާއި ބޮމުގެ ބަދަލުގައި ވޯޓުން" ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު، ރޯޔަލް ކޮމަންވެލްތް ސޮސައިޓީއަށް އިއްޔެ ކުރެއްވި ޒިޔާރަތުގައި، އިނިގިރޭސިވިލާތުގެ ފޮރިން އެންޑް ކޮމަންވެލްތް އޮފީހުގެ މޫސުމާބެހޭ ޚާއްޞަ މަންދޫބު ޖޯން އެޝްޓަންއާ ބައްދަލުކުރެއްވިއެވެ.