އެކި ފަރާތްތަކުން ސަރުކާރަށް ފާޑު ވިދާޅުވަމުން ގެންދަވާއިރު، އެކަމަށް ހިފެހެއްޓުންތެރިކަމެއް ބޭއްވެވުމަށް ބާރުނާޅުއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، އިނގިރޭސިވިލާތުގައި ކިޔަވަންތިބި ދިވެހި ކުދިންނާއި އަދި އިނގިރޭސިވިލާތުގައި ދިރިއުޅުއްވަމުން ގެންދަވާ ދިވެހި ޢާއިލާތަކާ ރޭ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.

ސަރުކާރުގެ މައިގަނޑު މަޤްޞަދަކީ، ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވަޢުދުތައް ފުއްދަވައިދެއްވުން ކަމަށާއި، އެ މަސައްކަތްތައް ކުރައްވަމުންގެންދަވާއިރު އެކަންކަމާމެދު އެކިފަރާތްތަކުން ފާޑުވިދާޅުވުން، ފުޅާދާއިރާއެއްގައި ހުޅުވާލެވިފައިވާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. ބިނާ ކުރަނިވި ގޮތުގައި ނޫނަސް އެހެން ގޮތްގޮތަށްވެސް ސަރުކާރަށް ފާޑުވިދާޅުވުމަކީ، އެމަނިކުފާނު ތަރުޙީބު ދެއްވާކަމެއްކަމުގައިވެސް ވިދާޅުވިއެވެ.

މިޙަފްލާގައި، އިނގިރޭސިވިލާތުގައި ކިޔަވަމުންދާ ދިވެހި ކުދިންނާ ރައީސް ނަޝީދު ވަކިވަކިން ބައްދަލުކުރައްވައި އެކުދިންގެ ކިޔެވުމާބެހޭގޮތުން މަޢްލޫމާތު ހޯއްދެވިއެވެ. އަދި އިނގިރޭސިވިލާތުގައި ދިރިއުޅުއްވާ ދިވެހިޢާއިލާތަކުގެ ހާލުވެސް ރައީސް ބައްލަވައި، ކަންތައްތައް ހަމަޖެހިފައި ހުރި ގޮތުގެ މަޢުލޫމާތު އޮޅުންފިލުއްވިއެވެ.