އިނގިރޭސިވިލާތަށް މިކުރެއްވި ދަތުރުފުޅަކީ، ރާއްޖޭގައި އިންވެސްޓްމަންޓަށާއި ވިޔަފާރިއަށާއި ތަރައްޤީގެ މަޝްރޫޢުތަކަށް މަގުފަހިކުރުމަށް ލިބިވަޑައިގެންނެވި ވަރަށް ބޮޑު ފުރުޞަތެއް ކަމަށް ރައީސް މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސް ނަޝީދު މިހެން ވިދާޅުވީ، އެމަނިކުފާނު އިނގިރޭސިވިލާތަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ވަޑައިގެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވެވި ޕްރެސް ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި މިދަތުރުފުޅަކީ، ވަރަށް ކާމިޔާބު ދަތުރުފުޅެކެވެ. އަދި މިދަތުރުފުޅުގެ ސަބަބުން ރާއްޖެއަށް ކިތަންމެ ފައިދާތަކެއް ލިބި ކަންތައްތައް ފަހިވެގެންދާނެއެވެ.

އިނގިރޭސިވިލާތުގެ ރާނީއާއި އަދި ޝާހީ ޚާންދާންގެ ވަރަށް ގިނަ ބޭފުޅުންނާވެސް ބައްދަލުކުރައްވައި ރާއްޖެއާބެހޭގޮތުން މަޝްވަރާ ކުރެއްވި ކަމުގައިވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

މި ޕްރެސް ކޮންފަރެންސްގައި، ދަތުރުފުޅާބެހޭގޮތުންނާއި އަދި އެނޫން އެހެން ކަންކަމާބެހޭގޮތުން ނޫސްވެރިން ދެންނެވި ސުވާލުތަކަށްވެސް ރައީސް ޖަވާބު ދެއްވިއެވެ.