ކާމިޔާބީގައި ހިތްތިރި ކުރުމަށާއި، ނާކާމިޔާބީގައި ހިތްވަރުގަދަ ކުރުމަށް ރާއްޖޭގެ ހުރިހާ ދަރިވަރުންނަށް ރައީސުލްޖުމްހޫރިއްޔާ މުހަންމަދު ނަޝީދު ގޮވާލައްވައިފިއެވެ. ރައީސް މުޙަންމަދު ނަޝީދު މިކަމަށް ގޮވާލެއްވީ، 2008ވަނަ އަހަރުގެ ޘާނަވީ ތަޢްލީމު ނިންމާ އިމްތިޙާނުތަކުން އެންމެ ރަނގަޅު ނަތީޖާ ހާސިލުކުރި ދަރިވަރުންނަށާއި، ސްކޫލްތަކަށް އިނާމު ދެއްވުމަށް މިރޭ ދަރުބާރުގޭގައި ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ތަޢްލީމުގެ މާޙައުލުގަޔާއި ޢިލްމު އުނގެނުމުގެ މާޙައުލުގައި އަދި ދިރާސާއާއި ތަޙުލީލުގެ ފިކުރުގައި ކުއްޖާ ބައްޓަންވެގެން އައުމަކީ ޙަޤީޤަތުގައި ކުއްޖާ ހަރުދަނާ މީހަކަށްވާ ސަބަބު ކަމުގައި ވިދާޅުވިއެވެ.

ހުރިހާ ދަރިވަރުންގެވެސް އުންމީދަކަށް ވެފައި އޮންނާނީ މަތީތަޢްލީމުގެ އުންމީދުކަން ބަޔާންކުރައްވަމުން، ރާއްޖޭގައި މަތީތަޢްލީމަށް ދިޔުމުގެ ފުރުސަތު މަދުކަން ރައީސް ފާހަގަކުރެއްވިއެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، ސަރުކާރުގެ އަމާޒަކީ، ވީހާވެސް ގިނަކުދިންނަށް މަތީތަޢްލީމުގެ ފުރުސަތު ފަހިކޮށްދެއްވުން ކަމުގައި ރައީސް ވިދާޅުވިއެވެ. އެކަން ކުރުމަށްޓަކައި ދެކަމެއް ކުރައްވަންޖެހޭ ކަމަށާއި، އެއްކަމަކީ ސެކަންޑަރީ އެޑިޔުކޭޝަން ނިންމާ ކުދިންގެ ތެރެއިން ރަނގަޅު ނަތީޖާ ލިބޭ ކުދިންގެ އަދަދު އިތުރުކުރެއްވުން ކަމަށާއި، އަނެއް ކަމަކީ މަތީ ތަޢްލީމުގެ ފުރުސަތުތައް ފުޅާކުރެއްވުން ކަމުގައި ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ރާއްޖޭގެ ކިޔަވާކުދިންގެ އުންމީދުތައް ޙަޤީޤަތަކަށް ހައްދަވައި ދެއްވުމަށް ކުރެއްވެންހުރި ހުރިހާ މަސައްކަތެއް މިއަދުގެ ސަރުކާރުން ކުރައްވާނެ ކަމުގައި ވިދާޅުވިއެވެ.

ރައީސް ނަޝީދުގެ ވާހަކަފުޅުގައި، ޘާނަވީ އިމްތިޙާނުން މަތީތަޢްލީމު ޙާޞިލުކުރި ހުރިހާ ކުދިންނަށް ވަރަށްހޫނު ތަހުނިޔާއެއް ވިދާޅުވިއެވެ. އަދި މިއިމްތިޙާނުގައި ގިނައަދަދެއްގެ ކުދިން ފާސްވެފައިވާތީ، ވަރަށްބޮޑަށް އުފާފުޅު ކުރައްވާ ކަމަށް ވިދާޅުވެ، ކުރިއަށްއޮތް މުސްތަޤްބަލަށް މަސައްކަތް ކުރުމަށް ކުދިންނަށް ހިތްވަރު ދެއްވިއެވެ.

މިރޭގެ ރަސްމިއްޔާތުގައި، ޘާނަވީ ތަޢްލީމު ނިންމާ އިމްތިޙާނުތަކުން އެކިއެކި މާއްދާތަކުން މުޅިދުނިޔެއިން އެއްވަނަ ހޯދި 6 ދަރިވަރުންނަށާއި، މުޅި ރާއްޖެއިން އެންމެމޮޅު 10 ނަތީޖާ ހޯދި ދަރިވަރުންގެ ތެރެއިން 1ވަނަ ހާސިލުކުރި ދަރިވަރުންނަށާއި، މުޅިރާއްޖެއިން އެންމެ ރަނގަޅު ނަތީޖާ ހޯދި ސްކޫލް ކަމަށްވާ މަދްރަސަތުލް އަޙްމަދިއްޔާއަށް އިނާމުދެއްވީ ރައީސް މުޙަންމަދު ނަޝީދެވެ. މިރަސްމިއްޔާތުގައި ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު ޙަސަން މަނިކުވެސް ބައެއް އިނާމުތައް ދެއްވިއެވެ.