މި އޭޕްރިލް މަހުގެ 1 ވަނަ ދުވަހު ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ 13 ވަނަ ޖަލްސާއިން ފާސްކުރެއްވި ”އެއްގަމު ދަތުރުފަތުރުގެ ބިލް “ ރައީސުލްޖުމްހޫރިއްޔާ މިއަދު ތަޞްދީޤު ކުރައްވައިފިއެވެ. އަދި ތަޞްދީޤު ކުރެއްވުމާ ގުޅިގެން މި ޤާނޫނު ސަރުކާރުގެ ގެޒެޓުގައި މިއަދު ޝާޢިޢު ކުރައްވައިފިއެވެ.

ޤާނޫނު ނަންބަރު: 2009/5 "އެއްގަމު ދަތުރުފަތުރުގެ ޤާނޫނު" އަކީ، ދިވެހިރާއްޖޭގައި އެއްގަމު އުޅަނދު ރަޖިސްޓަރީ ކުރުމާއި، ދުއްވުމާއި، އުޅަނދުގެ ސަލާމަތާއި ރައްކާތެރިކަމާއި، އެއްގަމު ދަތުރުފަތުރު ކުރުމާއި، އެއްގަމު ދަތުރުފަތުރުގެ ސަލާމަތާއި ރައްކާތެރިކަމާއި، އެއްގަމު ދަތުރުފަތުރުގެ ޚިދުމަތް ދިނުމަށް ތަންތަން ރަޖިސްޓަރީ ކުރުމާއި، އެއްގަމު ދަތުރުފަތުރުގެ ޚިދުމަތް ދިނުމާއި، މި ނޫނަސް އެއްގަމު ދަތުރުފަތުރުގެ ނިޒާމާ ގުޅޭ އެންމެހައި ކަންތައްތަކާބެހޭ ޤާނޫނެވެ. މި ޤާނޫނު ހިންގުމަށްޓަކައި ހަދަންޖެހޭ އެންމެހައި ގަވާއިދުތައް ހަދައި ހިންގާނީ، އެއްގަމު ދަތުރުފަތުރުގެ ކަންތައްތައް ބެލެހެއްޓުމަށް އެވަގުތަކު ސަރުކާރުން ހަމަޖައްސަވާ މިނިސްޓްރީއަކުންނެވެ.

މި ޤާނޫނު ބުނެފައިވާ ގޮތުން، ދިވެހިރާއްޖޭގައި އެއްގަމު ދަތުރުފަތުރުގެ އެންމެހައި ކަންތައްތައް ތަރައްޤީ ކުރެވޭނެ ގޮތްތައް ހޯދައި، ޢާންމު ދަތުރުފަތުރުގެ ނިޒާމު ރާވައި އަދި މިނޫންވެސް އެއްގަމު ދަތުރުފަތުރާ ގުޅޭ އެންމެހައި ކަންތައްތައް ހިންގައި ބަލަހައްޓާނީ، މިނިސްޓްރީން ނުވަތަ މިނިސްޓްރީން އެކަމަކަށް ޢައްޔަންކުރާ ފަރާތަކުންނެވެ.

މި ޤާނޫނުގައި، ދިވެހިރާއްޖޭގެ އެއްގަމު ދަތުރުފަތުރުގެ ނިޒާމު ހިންގުމަށްޓަކައި މިނިސްޓްރީން ނުވަތަ މިނިސްޓްރީން ކަނޑައަޅާ ފަރާތަކުން ޤާއިމުކޮށްފައި ހުންނަ ޓްރެފިކް ނިޝާންތަކާ ޚިލާފަށް، އެއްގަމު އުޅަނދު ދުއްވުމާއި ގެންދިޔުމާއި، ޕާކު ކުރުމަކީ މަނާކަމެއް ކަމަށް ބަޔާންކޮށްފައިވެއެވެ. އަދި އެއްކޮޅަށް ދުއްވަން ކަނޑައެޅިފައިވާ މަގުތަކުގައި އެއާ ޚިލާފަށް ދުއްވުމާއި، އަދި ޓްރެފިކް ބައްތިއާއި ޚިލާފަށް ދުއްވި މީހާގެ އަދަބަކީ، ފުރަތަމަ ފަހަރަށްނަމަ -/500 (ފަސްސަތޭކަ) ރުފިޔާއިން ޖޫރިމަނާކުރުން، ދެވަނަ ފަހަރަށްނަމަ -/1,000 (އެއްހާސް) ރުފިޔާއިން ޖޫރިމަނާކުރުން، ދެ ފަހަރަށް ވުރެ އިތުރުވާ ކޮންމެ ފަހަރަކު -/1,500 (އެއްހާސް ފަސްސަތޭކަ) ރުފިޔާއިން ޖޫރިމަނާކުރުމެވެ.

މި ކަންތައްތައް ފިޔަވައި، ޢާންމު ދަތުރުފަތުރުގެ ނިޒާމުގެ ތެރޭގައި ހިމެނޭ ޓްރެފިކް ނިޝާންތަކާއި ޚިލާފަށް ޢަމަލުކުރާމީހާގެ އަދަބަކީ، ފުރަތަމަ ފަހަރަށްނަމަ -/250 (ދުއިސައްތަ ފަންސާސް) ރުފިޔާއިން ޖޫރިމަނާކުރުން، ދެވަނަ ފަހަރަށްނަމަ -/500 (ފަސްސަތޭކަ) ރުފިޔާއިން ޖޫރިމަނާކުރުން، ދެ ފަހަރަށް ވުރެ އިތުރުވާ ކޮންމެ ފަހަރަކަށް -/750 (ހަތްސަތޭކަ ފަންސާސް) ރުފިޔާއިން ޖޫރިމަނާކުރުމެވެ.

މި ޤާނޫނުގައިވާ ގޮތުން، ބަންޑާރަ މަގުތަކުގައި އެއްގަމު އުޅަނދު ދުއްވަންވާނީ، މަގުގެ ވާތް ފަރާތުންނެވެ. މި ޤާނޫނުގައި "އެއްގަމު އުޅަނދު" ކަމަށް ބުނެފައި އެވަނީ، މީހުން އުފުލުމަށާއި މީހުންނާއި މުދާ އުފުލުމަށާއި، ތަފާތު ޢާންމު ޚިދުމަތް ދިނުމުގެ ގޮތުން އެއްގަމުގައި ދުއްވުމަށް ނުވަތަ ގެންދިޔުމަށް ނުވަތަ ދިޔުމަށް އުފައްދާފައި ހުންނަ އުޅަނދަށެވެ.