ރައީސް ނަޝީދު އިސްވެ ހުންނަވައިގެން ހިނގާ ސަރުކާރެއް، ޤާނޫނާ ޚިލާފަށް ނުހިނގާނެ ކަމަށާއި، ޚުދުމުޚްތާރުކޮށްވެސް ނުހިނގާނެ ކަމުގައި އެމަނިކުފާނު ވިދާޅުވެއްޖެއެވެ. ރައީސް ނަޝީދު މިހެން ވިދާޅުވީ، މިއަދު މެންދުރުފަހު ހުޅުދުއްފާރަށް ވަޑައިގެން، އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ނަޝީދުގެ ވާހަކަފުޅުގައި، މަޖިލީހެއް ބައިވެ އޮވެ ވެރިކަން ކުރާ ފަރާތަށް މަޖިލީހުގެ އަޣްލަބިއްޔަތު ނެތި ސަރުކާރު ހިނގާ އެއްވެސް ޤައުމެއް ދުނިޔޭގައި ނެތް ކަމަށާއި، ހަރުދަނާ ސަރުކާރެއް ހިނގާ މަޖިލީހެއް ބައިވެ ދިޔައިމާ އަދި ވަކިފަރާތަކަށް މަޖިލީހުގެ އަޣްލަބިއްޔަތު ނުލިބުނީމާ ސަރުކާރު ހައްތަހާ ބަދަލުވަމުންދާނެ ކަމުގައި ވިދާޅުވިއެވެ. ސަރުކާރުގެ ބޭނުންފުޅަކީ، ރައްޔިތުންނަށް އަސާސީ ޚިދްމަތްތައް ފޯރުވައިދިނުމަށް ބޭނުންވާ މައިބަދަ ފުރިހަމައަށް ބިނާކުރެއްވުން ކަމަށާއި، މިކަންކަން ފުރިހަމައަށް ބިނާކޮށްފައިނޫނީ ޤައުމެއް ބިނާކުރަން ޙަޤީޤަތުގައި ނުފެށޭނެ ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު އަދިވެސް ވިދާޅުވިއެވެ. "އަޅުގަނޑަކީ ވޯޓު އޮޅުވާލައިގެން ޕާޓީތަކަށް ޖާގަނުދީ، ޗުއްޕުވެސް ބުނާހާ މީހަކު ގެންގޮސް ހިފާ ހައްޔަރުކޮށް، އިދިފުށަށް ބިޑިއަޅައި، އަނދަގޮނޑި ޖަހައި، މުޅި ރައްޔިތު އެކީ ބިރުދައްކައި، އަޅުގަނޑުގެ ގާތްތިމާގެ މީހުންނަށް ހުރިހާ މަތީ މަގާމަކާއި ދައުލަތުގެ ޚަޒާނާ އުނގަށް ހުޅުވާލައިގެން ދިވެހި ރައްޔިތުންނަށް ނުބަލައި މިރާއްޖޭގެ ވެރިކަން ކުރަންއުޅޭ މީހެއް ނޫނެވެ." ވެރިކަން ކުރެއްވޭތޯ ބައްލަވަމުން ގެންދަވަނީ، ޑިމޮކްރަސީގެ ރީތި ނަމޫނާއާއި އޭގެ މިސާލުގައި ކަމަށާއި، އިރާދަކުރެއްވިއްޔާ އެ ވެރިކަމުގެ ފައިދާ ހެޔޮގޮތުގައި ހުޅުދުއްފާރު ރައްޔިތުންނަށް ލިބޭނެ ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދުގެ ވާހަކަފުޅުގައި، ސަރުކާރުގެ ފައިސާ ޚަރަދު ކުރުމުގައި ސަރުކާރު ފުރިހަމައަށް ޒިންމާވާންޖެހޭނެ ކަމުގައި ވިދާޅުވިއެވެ. "ކުރާ ޚަރަދެއް، ކުރާ މަސައްކަތެއް ކުރަނީ ވަރަށް ވިސްނާފައެވެ. ކުރާނަމޭ ބުނާކަމެއް ކުރާނަމޭ ބުނަނީވެސް ކުރެވޭނެ ކަމުގެ ވަރަށްބޮޑު ޔަޤީންކަމެއް އޮތީމައެވެ." ރައީސް ވިދާޅުވިއެވެ. މިރޮނގުން ވާހަކަފުޅުދައްކަވަމުން، އިތުބާރާއެކީގައި ސަރުކާރު ހިންގަވަމުން މިގެންދެވެނީ ސަރުކާރާ ޙަވާލުވެވަޑައިގަތުމުގެ ކުރީގައި ވެވަޑައިގެންނެވި ތައްޔާރީތަކުގެ ސަބަބުން ކަމުގައި ރައީސް ވިދާޅުވިއެވެ.

ހުޅުދުއްފާރު ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅުގައި، މާތްﷲގެ އިރާދަފުޅާއެކު ހުޅުދުއްފާރުގައި ފެނާއި ނަރުދަމާގެ ނިޒާމު ޤާއިމު ކުރުމުގެ މަސައްކަތް މިއަހަރުގެ ތެރޭގައި ފެށޭނެ ކަމުގައި ވިދާޅުވިއެވެ. އަދި މިމަސައްކަތް ނިމުމަށްފަހު ހުޅުދުއްފާރުގައި ތާރުއަޅައި މަގުހެދުމުގެ މަސައްކަތްވެސް ފެށޭނެ ކަމުގައި ރައީސް ވިދާޅުވިއެވެ. ޘާނަވީ އިމްތިޙާނުގައި އެދެވޭ ކާމިޔާބީއެއް ނުލިބުނު ކުދިންނަށް އިތުރު ފުރުސަތެއް ހޯއްދަވައި ދެއްވުމުގެ ގޮތުން ވޮކޭޝަނަލް ޓްރޭނިންގ ސެންޓަރެއް ހުޅުދުއްފާރުގައި ޤާއިމު ކުރެއްވުމަށް ނިންމަވާފައިވާކަންވެސް ރައީސް ހާމަކުރެއްވިއެވެ.