ސަރުކާރުން ބޭނުންފުޅުވަނީ އުތުރު ޕްރޮވިންސްގެ ސެންޓްރަލް ހޮސްޕިޓަލްގެ ގޮތުގައި އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް ހެއްދެވުން އެކަނި ނޫން ކަމަށާއި، ސަރުކާރުގެ އަމާޒަކީ، އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަކީ މާލެއިންވެސް ލިބެންހުރި ހުރިހާ ފަރުވާއެއް ލިބޭ ހޮސްޕިޓަލަކަށް ހައްދަވައި ދެއްވުން ކަމުގައި ރައީސް މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސް ނަޝީދު މިމޭރުމުން ވާހަކަފުޅު ދެއްކެވީ، މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ރައްޔިތުންނާ މިރޭ ބައްދަލުކުރައްވައި، އުނގޫފާރު ސްކޫލާއި، އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގެ ރިހިޔޫބީލް ރަސްމިއްޔާތު އިފްތިތާޙް ކޮށްދެއްވަމުންނެވެ. އުނގޫފާރު ސްކޫލަށް 25 އަހަރު ފުރުނީ މިދިޔަ އަހަރުގެ ޑިސެމްބަރ މަހުގެ 18 ވަނަ ދުވަހުއެވެ. އަދި އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށް 25 އަހަރު ފުރުނީ މިއޭޕްރީލް މަހުގެ 7ވަނަ ދުވަހުއެވެ.

ރައީސް ނަޝީދުގެ ވާހަކަފުޅުގައި، ނަރުހުންނާއި ލެބޯރެޓަރީ ޓެކްނީޝަނުން ތަމްރީނު ކުރާ މަރުކަޒެއް އިރާދަކުރެއްވިއްޔާ އުނގޫފާރުގައި ޤާއިމުކުރައްވާނެ ކަމުގައި ވިދާޅުވިއެވެ. އަދި ސަރުކާރުގެ ބޭނުންފުޅަކީ، އޯލެވެލް ނިންމާފައި ކޮންމެ މަދަރުސާއަކުންވެސް ނުކުންނަ ދަރިވަރުންގެ 60 އިންސައްތައަކީ "ސީ" ފާހަށްވުރެ މަތި ހޯދާ ދަރިވަރުންނަށް ހެއްދެވުން ކަމުގައި ވިދާޅުވިއެވެ. އޯލެވެލް އިމްތިޙާނުގައި ފެއިލްވި ކުދިންނަށް ދެވަނަ ފުރުސަތެއް ދެއްވުމުގެ ގޮތުން އުނގޫފާރުގައި ދާދި އަވަހަށް ވޮކޭޝަނަލް ޓްރޭނިންގ ސެންޓަރެއް ޤާއިމުކުރައްވާނެ ކަމުގައި ވިދާޅުވިއެވެ.

އުނގޫފާރު ރައްޔިތުންނާ ރައީސް ނަޝީދު ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި، މިއަހަރުގެ ތެރޭގައި އިރާދަކުރެއްވިއްޔާ އުނގޫފާރުގައި މަދުވެގެން 80 ފްލެޓްއަޅައި ރައްޔިތުންނަށް ލިބޭނެގޮތް ހަމަޖައްސަވައި ދެއްވާނެ ކަމުގައި ވިދާޅުވިއެވެ. އަދި އުނގޫފާރު ބަނދަރު ހެދުމުގެ މަސައްކަތް އިރާދަކުރެއްވިއްޔާ މިއަހަރު ތެރޭގައި ފަށްޓަވައި މަސައްކަތް ނިންމަވައި ދެއްވާނެ ކަމުގައި ވިދާޅުވިއެވެ. އަދި އުނގޫފާރުގެ ބިން ބޭނުންކުރާ ގޮތުގެ ޕްލޭން ނިންމަވަންޖެހޭ ކަމަށްވެސް ވިދާޅުވިއެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، ރައްޔިތުންގެ ޝަކުވާގެ އަޑު ނީވޭ ގޮތަކަށް ކަންކަން ބާއްވަވަން ބޭނުންފުޅުނުވާ ކަމުގައި ރައީސް ވިދާޅުވިއެވެ.

ސަރުކާރުން ކުރާ ކޮންމެ ކަމެއްވެސް ޝަރީޢަތުން ހުއްޓުވާލެވިދާނެ ކަމަށާއި، މައްސަލައެއް ޖެހިގެން ބަނދަރު ހެދުންވެސް ހުއްޓާލަންޖެހޭނީ ޝަރީޢަތުން ކަމުގައި ރައީސް ވިދާޅުވިއެވެ. އޭރުން އެކަމަކާ ގުޅޭގޮތުން ސަރުކާރަށް ބުނެވޭނެ އިތުރު ވާހަކަތަކެއް ނޯންނާނެކަން ރައީސް ބަޔާންކުރެއްވިއެވެ.

ޝަރީޢަތުން ބަލަންޖެހޭނީ ސަރުކާރުން ކުރާ ނުރަނގަޅު ކަންތައްތައް އެކަންޏެއް ނޫން ކަމަށާއި، ދޭދޭމީހުންގެ ކަންތައްވެސް އިންޞާފުވެރި ގޮތުގައި ހަމަހަމަ ގޮތުގައި ޝަރީޢަތުން ބަލާ ނިންމަންޖެހޭނެ ކަމުގައި ރައީސް ވިދާޅުވިއެވެ. "ޝަރީޢަތުގެ ނިޒާމަށް މީހުންނަށް އިތުބާރު ކުރެވެން ޖެހޭނެއެވެ. އިންޞާފު އެއީ، އިންޞާފުކަމަށް ގަބޫލު ކުރެވެން ޖެހޭނެއެވެ." ރައީސް ވިދާޅުވިއެވެ.

ރައީސް ނަޝީދު އުނގޫފާރު ރައްޔިތުންނާ ބައްދަލުކުރެއްވުމަށްފަހު، އުނގޫފާރު ސްކޫލުން އިންތިޒާމު ކުރި އެސްކޫލްގެ ތާރީޚް ދައްކައިދޭ ފޮޓޯ މަޢުރަޒެއް ހުޅުއްވައި ދެއްވައި މަޢުރަޒް ބައްލަވާލެއްވިއެވެ. އަދި އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށްވެސް އެމަނިކުފާނު ޒިޔާރަތް ކުރައްވައި، ރިހިޔޫބީލް ކޭކު ފަޅުއްވައި ދެއްވައި ހޮސްޕިޓަލް ބައްލަވާލެއްވިއެވެ.