މަޖީދިއްޔާ ސްކޫލްގެ މުސްކުޅި ދަރިވަރުންނަކީ، މަދަރުސީ ދައުރުގެ އެކުވެރި ގުޅުންތަކާ ވަރަށްބޮޑަށް ގުޅި ލާމެހިފައިތިބި ބައެއް ކަމުގައި ރައީސް މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، މިއަދަކީ، މަޖީދިއްޔާ ސްކޫލަށް 82 އަހަރު ފުރުނު ދުވަސް ކަމަށްވުމާއެކު، މިމުނާސަބަތުގައި މިއަދު ހެނދުނު އެސްކޫލްގައި ބޭއްވެވި ޚާއްޞަ އެސެމްބްލީއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މަޖީދިއްޔާގެ ދަރިވަރުންގެ މެދުގައި އަބަދުވެސް ވަރަށްބޮޑު ގާތްކަމަކާއި އެކުވެރިކަމުގެ ގުޅުމެއް ބިނާވެފައި އޮންނަކަން ފާހަގަކުރައްވަމުން، މަދަރުސީ ދައުރުން އެ އުފެދޭ އެކުވެރިކަން އެއީ، ޤައުމު ބިނާކުރުމުގައި އެއަށްވުރެ މުހިންމު ވަސީލަތެއް ނެތް ކަމެއް ކަމުގައި ރައީސް މުޙަންމަދު ނަޝީދު ވިދާޅުވިއެވެ. އަދި މަދަރުސީ ދައުރުގެ ރަޙްމަތްތެރިން އެބަތިބިކަމާއި އެވިސްނުން އެގޮތަށް ޤަބޫލުކުރުން އެއީ ވަރަށްބޮޑު ހިތްވަރަކާއި ވަރަށްބޮޑު ބާރެއް ލިބިގެންދާ ކަމެއްކަން އެމަނިކުފާނު ބަޔާންކުރެއްވިއެވެ. މަޖީދިއްޔާ ސްކޫލްގެ މިހާރުގެ ދަރިވަރުންވެސް އެކުދިންގެ ރަޙްމަތްތެރިންނާ ގާތްކޮށް އުޅޭ ކުދިންނާ އެކުގައި އެރަޙްމަތްތެރިކަމުގެ މުހިންމުކަން ދެނެގަނެ، އެ އެކުވެރި ކަމުގައި ސްކޫލް ދައުރު ނިންމާނެ ކަމަށް ޔަޤީން ކުރައްވާ ކަމުގައިވެސް ރައީސް ވިދާޅުވިއެވެ.

މަޖީދިއްޔާ ސްކޫލްގެ ދަރިވަރުންނާ މުޚާޠަބު ކުރައްވައި ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅުގައި، ކާމިޔާބީގެ ވަރަށްބޮޑު ސިއްރަކީ ގަވާއިދުން ތަކުރާރުކޮށް ކަންކަން ކޮށްތިބުން ކަމަށާއި، ކުރާ ކޮންމެ ކަމެއްވެސް އެއީ ކޮންމެ ދުވަހަކުވެސް ކުރާ ކަމެއްގެ ގޮތުގައި ހެދުން ކަމުގައި ވިދާޅުވިއެވެ. މިރޮނގުން ރައީސް ވާހަކަފުޅު ދައްކަވަމުން، އެމަނިކުފާނުގެ ޙަޔާތްޕުޅުގައި ކާމިޔާބީއެއް ލިބިވަޑައިގެންފައިވާނަމަ، އެކަމުގެ އެންމެބޮޑު ސިއްރަކީ، އެކުރައްވާ ކަމެއް ތަކުރާރުކޮށް ކުރެއްވުންމަތީ ދެމިހުންނެވުން ކަމުގައި ވިދާޅުވިއެވެ.

ރައީސް ނަޝީދުގެ ވާހަކަފުޅުގައި، މަޖީދިއްޔާ ސްކޫލް ބޮޑުކުރެއްވުމަކީ އަދި އެއްވެސް މަދަރުސާއެއް ބޮޑުކުރައްވަމުން ގެންދެވުމަކީ، ސަރުކާރުގެ ތަޢްލީމީ ސިޔާސަތުގައި ގެންގުޅުއްވާ އުޞޫލެއް ނޫންކަން ހާމަކުރެއްވިއެވެ.

އަދި ސަރުކާރުގެ މިއަދުގެ އަމާޒަކީ އޯލެވެލް އިމްތިޙާނުގައި ބައިވެރިވާ ކުދިންގެ ތެރެއިން 60 އިންސައްތަ ކުދިން "ސީ" ފާހަށްވުރެ މަތިން ފާސްވުން ކަމަށާއި، ސަރުކާރުން މަސައްކަތް ކުރައްވަމުން މިގެންދަވަނީ މިއަމާޒު ހާޞިލު ކުރެއްވުމަށް ކަމުގައި ވިދާޅުވިއެވެ.

މަޖީދިއްޔާ ސްކޫލްގައި މިއަދު މިބޭއްވެވި ޚާއްޞަ އެސެމްބްލީގައި އެސްކޫލްގެ ފަރާތުން ރައީސް މުޙަންމަދު ނަޝީދަށް "ފަޚުރުވެރި ހިޔާ އެވޯޑު" މިނަމުގައި ޚާއްޞަ އެވޯޑެއް އެރުވިއެވެ. މިއެވޯޑަކީ އެސްކޫލަށް ރީތިނަން ހޯދައިދޭ މިހާރުގެ ކޮންމެ ދަރިވަރަކަށާއި ރީތިނަން ހޯދައިދޭ ކޮންމެ މުސްކުޅި ދަރިވަރަކަށް ދެއްވާ އެވޯޑެކެވެ. މިއެވޯޑު ރައީސް ނަޝީދަށް އެރުއްވީ އެސްކޫލްގެ ޕްރިންސިޕަލް ޢަބްދުﷲ އިސްމާޢީލެވެ.

މިޚާއްޞަ އެސެމްބްލީގައި މަރްޙަބާ ވިދާޅުވީ، ސްކޫލްގެ ޕްރިންސިޕަލް ޢަބްދުﷲ އިސްމާޢީލެވެ. ސްކޫލް ކެޕްޓަން މުޙަންމަދު ޖައިލަމްވެސް އެސެމްބްލީގައި ވާހަކަދެއްކިއެވެ. މިއެސެމްބްލީގައި މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑޮކްޓަރ މުޞްޠަފާ ލުޠުފީވެސް ބައިވެރިވެވަޑައިގެންނެވިއެވެ.