ޤައުމެއްގެ ސިފައިގައި ދެމިއޮތުމަށް ބޭނުންވާ އެންމެ މުހިންމު އެއް މަޢުދަނަކީ، އަޅުގަނޑުމެންގެ ޘަގާފަތާއި ތާރީޚާއި މި ހިސާބަށް އައިގޮތް ކަމުގައި ރައީސް މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސް ނަޝީދު މިހެން ވިދާޅުވީ، "ކަޅުވަކަރު މިސްކިތް" ގިނަދުވަހަށް ރައްކާތެރިކުރައްވައި ދެމެހެއްޓެވުމަށް ކުރެއްވި މަސައްކަތުގެ ނިމުން ފާހަގަކުރެއްވުމަށް މިއަދު ހެނދުނު އެމިސްކިތުގެ ސަރަޙައްދުގައި ބޭއްވެވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ. ކަޅުވަކަރު މިސްކިތަކީ ވަރަށް ތާރީޚީ މިސްކިތެއްކަން ބަޔާންކުރައްވަމުން، ދުނިޔޭގެ ކަންކޮޅުތަކުގައި އިސްލާމީ ޘަގާފަތް ފެތުރިގެން އައިއިރު މިބާވަތުގެ މިސްކިތްތައް ބިނާވެގެން ދިޔަކަން ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ.

ރާއްޖޭގައި ހުރި ތާރީޚީ އެކިއެކި މިސްކިތްތަކުން ދިވެހިންގެ މަސައްކަތްތެރިކަމާއި އަދި ބިނާކުރަނިވި ފަންނާއި އަދި ރާއްޖޭގައި މިކަންކަން ކުރެވެމުން އައިގޮތާއި މިކަންކަމާ ގުޅޭގޮތުން ވަރަށްގިނަ ތާރީޚީ މަޢްލޫމާތު ހޯދޭނެ ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، ކަޅުވަކަރު މިސްކިތުން އެންމެބޮޑަށް ފާހަގަކުރެއްވޭ އެއްކަމަކީ، ތާނަ އަކުރުން މިސްކިތުގައި ލިޔެފައި ހުރިހުރުންކަން ރައީސް ބަޔާންކުރެއްވިއެވެ.
ރައީސް ނަޝީދުގެ ވާހަކަފުޅުގައި، ރާއްޖޭގެ ތާރީޚް ރައްކާތެރި ކުރެއްވުމަށް ދިވެހިބަހާއި ތާރީޚަށް ޚިދްމަތްކުރާ ޤައުމީ މަރުކަޒުން ކުރައްވާ މަސައްކަތްތައް ފާހަގަކުރައްވަމުން، އެމަރުކަޒަކީ ތާރީޚާއި ޘަގާފަތުގެ ތެރެއަށް ވެދެވަޑައިގެން ތިއްބެވި ވަރަށްގިނަ ހުނަރުވެރި ބޭފުޅުން އުޅުއްވާ މަރުކަޒެއް ކަމުގައި ވިދާޅުވެ، އެބޭފުޅުން އެކުރައްވާ މަސައްކަތްޕުޅުތަކަށްޓަކައި އެބޭފުޅުންނަށް ޝުކުރުއަދާކުރެއްވިއެވެ.

ކަޅުވަކަރު މިސްކިތް ގިނަދުވަހަށް ރައްކާތެރި ކުރައްވައި ދެމެހެއްޓެވުމަށް ކުރައްވާފައިވާ މަސައްކަތްތަކާބެހޭ މަޢްލޫމާތު ރައީސް ނަޝީދު ހޯއްދަވައި، އެމިސްކިތް ބައްލަވާލެއްވިއެވެ.

"ކަލްޗަރަލް ފުޓް ސްޓެޕްސް" މިނަމުގައި ދިވެހިބަހާއި ތާރީޚަށް ޚިދްމަތްކުރާ ޤައުމީ މަރުކަޒުން ތައްޔާރު ކުރައްވާފައިވާ ފުރަތަމަ ސީޑީ މިއަދުގެ މިރަސްމިއްޔާތުގައި ރައީސް ނަޝީދު ނެރުއްވައި ދެއްވިއެވެ. މިސީޑީ ނެރުއްވައި ދެއްވުމަށް ރައީސް އަރިހުން އެދިވަޑައިގެންނެވީ، ދިވެހިބަހާއި ތާރީޚަށް ޚިދްމަތްކުރާ ޤައުމީ މަރުކަޒު ހިންގެވުމާ ހަވާލުވެވަޑައިގެން ހުންނެވި މިނިސްޓަރ އޮފް ޓޫރިޒަމް އާޓްސް އެންޑް ކަލްޗަރގެ ނާއިބު މުޙަންމަދު ޠާރިޤެވެ.