ސަރުކާރުގެ ޕްރައިވަޓައިޒޭޝަން ޕްރޮގްރާމާއި، ލާމަރުކަޒީ އުސޫލުން އަތޮޅުތައް ހިންގުމުގެ ނިޒާމާއި އަދި ރާއްޖޭގައި ޑިމޮކްރަސީ ހަރުދަނާ ކުރެއްވުމުގެ މަސައްކަތުގެ ތެރެއިން ރާއްޖޭގެ އިޤްތިޞާދު ހަމައަކަށްއެޅި ހަރުދަނާވެގެންދާނެ ކަމުގައި ރައީސް މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސް ނަޝީދު މިހެން ވިދާޅުވީ، މޯލްޑިވްސް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ) އިން އިންތިޒާމް ކުރެއްވި "މޯލްޑިވްސް ކޮންސްޓްރަކްޝަން ފެއަރ 2009" ހުޅުއްވައިދެއްވުމުގެ ރަސްމިއްޔާތުގައި މިއަދު ހެނދުނު ދަރުބާރުގޭގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ނަޝީދުގެ ވާހަކަފުޅުގައި، މިދަނޑިވަޅަކީ ސަރުކާރުގެ އިޤްތިޞާދީ ސިޔާސަތުވެސް ބަދަލުކުރައްވަމުން ގެންދަވާ ދަނޑިވަޅުކަން ފާހަގަކުރައްވަމުން، ސަރުކާރުގެ މިހާރުގެ އަމާޒަކީ، ސަރުކާރުގެ ހިންގުމުގެ ތެރޭގައި ހުރި ވިޔަފާރި އުޞޫލުން ހިންގިދާނެ ކަންކަން ވިޔަފާރި އުޞޫލުން އަމިއްލަ ފަރާތްތަކަށް ދޫކޮށްލެއްވުން ކަމުގައި ވިދާޅުވިއެވެ. އަދި މިހާރު ސަރުކާރުގެ އިޤްތިޞާދީ ސިޔާސަތުގެ އެންމެ މުހިންމު ބަޔަކީ ލާމަރުކަޒީ އުޞޫލުން އަތޮޅުތައް ހިންގުމުގެ މަޝްރޫޢު ކަމުގައި ވިދާޅުވިއެވެ. ރައީސްގެ ވާހަކަފުޅުގައި، ކޮންސްޓްރަކްޝަން އިންޑަސްޓްރީގެ ކުންފުނިތައްވެސް ރީ ސްޓްރަކްޗަރ ކުރުމުގެ މުހިންމު ކަމުގެ މައްޗަށް ބައްލަވާލެއްވިއެވެ. އަދި މި ދާއިރާގެ ކުންފުނިތަކުގެ ސައިޒް އެކަށީގެންވާ ވަރަކަށް ކުޑަކުރެއްވުމަށް ގޮވާލައްވަމުން، މިއީ އެކަމަށްވެސް އެންމެ އެކަށީގެންވާ ވަގުތުކަން ރައީސް ފާހަގަކުރެއްވިއެވެ.

މީގެކުރިން، ކޮންސްޓްރަކްޝަން އިންޑަސްޓްރީގެ ވިޔަފާރީގެ ބޮޑުބައެއް ޙިއްސާކުރަނީ ސަރުކާރުގެ ޕްރޮޖެކްޓްތައް ކަމުގައިވިޔަސް، މި ސަރުކާރުން މިގޮތަށް ކަންތައްކުރައްވަން ބޭނުންފުޅު ނުވާކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ. މިކަން މިހެންވިޔަސް، އިންޑަސްޓްރީގެ ވިޔަފާރިދަށަށް ނުދާނެކަމަށާއި، ސަރުކާރުން އިޢުލާންކުރައްވާފައިވާ ގެދޮރުއެޅުމުގެ މަޝްރޫޢާއި ދަތުރުފަތުރުކުރުމުގެ ނިޒާމަކުން ރާއްޖޭގެ ރަށްތައް ގުޅާލުމުގެ މަޝްރޫޢުގެ ދަށުން ކޮންސްޓްރަކްޝަން އިންޑަސްޓްރީގެ ވިޔަފާރި ދެގުނަ އިތުރުވެގެންދާނެ ކަމަށް ފެނިވަޑައިގަންނަވާ ކަމުގައިވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދުގެ ވާހަކަފުޅުގައި، ޢިމާރާތްކުރުމުގައި ތިމާވެށްޓާ ރައްޓެހި ތަކެތި ބޭނުންކުރުމުގެ މުހިންމު ކަމުގެ މައްޗަށް ބައްލަވާލައްވަމުން، ޢިމާރާތްކުރުމުގައި ތިމާވެށްޓާ ރައްޓެހި ވަސީލަތްތަކާއި ގޮތްތައް ހޯދައި، އަދި މިހާރުވެސް ލިބެން ހުރި މިފަދަ ވަސީލަތްތައް ބޭނުންކުރެއްވުން އިތުރުކުރެއްވުމަށް އެދިވަޑައިގެންނެވިއެވެ.