ސްޕެޝަލް އެންވޯއި އޮފް ދަ ޕްރެޒިޑެންޓް އިބްރާހީމް ޙުސައިން ޒަކީ، އިންޑިޔާއަށާއި ސްރީލަންކާއަށް ކުރައްވާ ދަތުރުފުޅެއްގައި މިއަދު ފުރާވަޑައިގެންފިއެވެ.

ސްޕެޝަލް އެންވޯއި އިންޑިޔާއަށް މިކުރައްވާ ދަތުރުފުޅުގައި، އިންޑިޔާގެ މަސްއޫލުވެރިންނާ ބައްދަލުކުރައްވައި ދެޤައުމުގެ ގުޅުން ބަދަހިކުރެއްވުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާނެއެވެ. އެމަނިކުފާނު އިންޑިޔާގައި ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާ ބޭފުޅުންގެ ތެރޭގައި، އިންޑިޔާގެ ބޮޑުވަޒީރުގެ ތިމާވެށްޓާބެހޭ ޚާއްޞަ މަންދޫބާއި، ފޮރިން ސެކްރެޓަރީއާއި، ބޮޑުވަޒީރުގެ ނެޝަނަލް ސެކިއުރިޓީ އެޑްވައިޒަރާއި، މިނިސްޓްރީ އޮފް އާރތު ސައެންސްގެ ސެކްރެޓަރީ ހިމެނިވަޑައިގަންނަވައެވެ. މީގެއިތުރުން، ކޮންފެޑެރޭޝަން އޮފް އިންޑިޔަން އިންޑަސްޓްރީ (ސީ.އައި.އައި.)ގެ މަސްއޫލުވެރިންނާ ބައްދަލުކުރައްވައި، ދިވެހި ސަރުކާރާއި ސީ.އައި.އައި. އާ ދެމެދު ރާއްޖޭގައި އިންވެސްޓްކުރުމާ ބެހޭގޮތުން ވެފައިވާ އެއްބަސްވުންތައް މުޠާލިޢާ ކުރައްވައި އެންމެފަހުގެ މަޢްލޫމާތުތައް ހޯއްދަވައި އެ އެއްބަސްވުންތަކަށް އަވަސް ފުރުސަތެއްގައި ޢަމަލީ ސިފަ ގެންނެވުމާ ބެހޭގޮތުން މަޝްވަރާ ކުރައްވާނެއެވެ.

އިބްރާހީމް ޙުސައިން ޒަކީ އިންޑިޔާއަށް ކުރައްވާ ދަތުރުފުޅުގައި، މިނިސްޓަރ އޮފް ފޮރިން އެފެއާޒްގެ ނައިބު ޙައުލާ އަޙްމަދު ދީދީއާއި، މިނިސްޓަރ އޮފް ހައުސިންގ ޓްރާންސްޕޯޓް އެންޑް އެންވަޔަރަންމަންޓްގެ ނައިބު ޑޮކްޓަރ މުޙަންމަދު ޝަރީފް ބައިވެރިވެވަޑައިގަންނަވައެވެ.

ސްޕެޝަލް އެންވޯއި ސްރީލަންކާއަށް ކުރައްވާ ދަތުރުފުޅުގައި، ސްރީލަންކާގެ ރައީސާއި، ޚާރިޖީ ވަޒީރާއި، އަދި ޚާރިޖީ ސެކްރެޓަރީއާ ބައްދަލުކުރައްވައި ދެޤައުމުގެ ގުޅުމާބެހޭ މަޝްވަރާތައް ބޭއްވެވުމަށްވަނީ ހަމަޖެހިފައެވެ.

ސްޕެޝަލް އެންވޯއި އިބްރާހީމް ޙުސައިން ޒަކީގެ މިދަތުރުފުޅުގައި، ދުނިޔޭގެ ފެންވަރުގައި ތިމާވެށްޓާ ގުޅޭގޮތުން ފާސްކޮށްފައިވާ ކިޔޯޓޯ ޕްރޮޓޮކޯލްގެ މުއްދަތު ހަމަވާން ކައިރިވެފައިވުމާއެކު، އެފަދަ ޕްރޮޓޮކޯލެއް އަލުން އެކުލަވާލާއިރު ދިވެހި ސަރުކާރުން ގެންގުޅުއްވާނެ ވިސްނުންފުޅުތައް އިންޑިޔާ ސަރުކާރާއި އަދި ސްރީލަންކާ ސަރުކާރުގެ މަސްއޫލުވެރިންނާ ޙިއްޞާ ކުރައްވާނެއެވެ.