އައްޑުއަތޮޅު ހުޅުދޫމީދޫގައި ލޯ ކޮލެޖާއި އެސް.ޓީ.އޯ. ކޮމްޕްލެކްސްގެ ޢިމާރާތުގެ ބިންގާ، ރައީސް މުޙަންމަދު ނަޝީދު މިއަދު އަޅުއްވައިދެއްވައިފިއެވެ.
މިޢިމާރާތުގެ ބިންގާ އަޅުއްވައި ދެއްވުމަށްފަހު، ހުޅުދޫމީދޫ ރައްޔިތުންނާ ރައީސް ނަޝީދު ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން، ހުޅުދޫމީދޫ ބިނާކުރައްވަމުން ގެންދަވާނީ، މަތީތަޢްލީމަށާއި ޢިލްމަށް މަގުފަހިވާ ތަނެއްގެ ގޮތުގައި ކަމަށް ވިދާޅުވިއެވެ.

ހުޅުދޫމީދޫއަށް ސަރުކާރުން ކޮށްދެއްވުމަށް ނިންމަވާފައިވާ ކަންތައްތަކުގެ މައްޗަށް ބައްލަވާލައްވަމުން، ހުޅުދޫމީދޫގައި ފެނާ ނަރުދަމާގެ ނިޒާމު ޤާއިމު ކުރެއްވުމުގެ މަސައްކަތް މިއަހަރު ނިމުމުގެ ކުރިން ފަށްޓަވާނެ ކަމުގައި ވިދާޅުވިއެވެ. އަދި ހުޅުދޫމީދޫގައި ގެދޮރު އަޅުއްވައިދެއްވައި، ރިހެބިލިޓޭޝަން ފަރުވާ ފަށްޓަވައި، ހުޅުދޫމީދޫގެ މައި ދެމަގާއި ހުރަސް ހަތަރު މަގުގައި ތާރު އަޅުއްވައި ދެއްވާނެ ކަމުގައި ވިދާޅުވިއެވެ. އަދި އެރަށަށް ކުރިމަތިވެފައިވާ މަދިރީގެ މައްސަލަ ކޮންޓްރޯލް ކޮށްދެއްވާނެ ކަމުގައިވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ނަޝީދުގެ ވާހަކަފުޅުގައި، އެމަނިކުފާނުގެ ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވާނީ ކަނޑައަޅުއްވާފައިވާ ނިޒާމެއްގެ ތެރެއިން ތަރުތީބުން ކަމަށާއި، ރައްޔިތުންގެ މަޖިލީހުގެ ގޮނޑިއެއް ހޯއްދެވުމަށްޓަކައި ދޮގުހައްދަވައިގެން ތަރުތީބު އޮޅުއްވައިލައްވައިގެން ކަމެއް ނުކުރައްވާނެ ކަމުގައި ވިދާޅުވިއެވެ. އަދި އެއީ އެމަނިކުފާނުގެ ޕާޓީންވެސް ކުރައްވާނެ ކަމެއް ނޫން ކަމުގައި ވިދާޅުވިއެވެ.

ހުޅުދޫމީދޫ ރައްޔިތުންނާ ރައީސް ނަޝީދު ބައްދަލުކުރެއްވުމަށް ބޭއްވެވި ޖަލްސާގައި، ރާއްޖޭގެ ނާޒުކު ތިމާވެށި ޙިމާޔަތްކޮށް ރައްކާތެރި ކުރުމަށާއި، ދެމެހެއްޓެނިވި ތަރައްޤީއަށް މަސައްކަތް ކުރުމަށް އުފެދިފައިވާ އަމިއްލަ ޖަމްޢިއްޔާއެއް ކަމަށްވާ "މާވަހި" ޖަމްޢިއްޔާއިން ރައީސް ނަޝީދަށް ހަނދާނީ ފިލައެއް އެރުއްވިއެވެ.