ފުވައްމުލަކުގެ ތަރައްޤީއަށާއި ކުރިއެރުމަށް ހިންގަވަންޖެހޭ މަޝްރޫޢުތަކާއި މަސައްކަތްތައް ސަރުކާރުން ހިންގަވާނެ ކަމުގައި ރައީސް މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސް ނަޝީދު މިހެން ވިދާޅުވީ، ފުވައްމުލަކުގެ ތަރައްޤީގެ މަޝްރޫޢުތަކާ ބެހޭގޮތުން ރޭ ބެއްވެވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، ފުވައްމުލަކު އެއަރޕޯޓްގެ މަސައްކަތް ކުރިއަށް ގެންދެވުމުގެ މަގު ފަހިކޮށްދެއްވާނެ ކަމަށާއި، ފުވައްމުލަކުގެ ބަނދަރުގެ ސަލަމާތަށްޓަކައި އިތުރު ގާބަރިއެއް ޖެހުމުގެ ކަންތައް ކުރިއަށް ގެންދަވާނެ ކަމުގައި ރައީސް ވިދާޅުވިއެވެ. އަދި ވޮކޭޝަނަލް ޓްރޭނިންގ ސެންޓަރަކާއި މެނޭޖްމަންޓް ސްކޫލްގެ ބައެއް ފުވައްމުލަކުގައި މިއަހަރުގެ ތެރޭގައި ޤާއިމުކުރައްވާނެކަން ރައީސް ހާމަކުރެއްވިއެވެ. މިކަންކަމަކީ. ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާ ގުޅުންހުރި ކަންތައްތައް ނޫން ކަންވެސް އެމަނިކުފާނު ބަޔާންކުރެއްވިއެވެ.

ރައީސް ނަޝީދުގެ ވާހަކަފުޅުގައި، މިއިން އެއްވެސް މަޝްރޫޢަކީ ވަގުތުން ފެށްޓެވޭނެ މަޝްރޫޢެއް ނޫން ކަމަށާއި، ސަރުކާރުން ކަންތައްތައް ހިންގަވަމުން ގެންދަވަނީ ވަކި ތަރުތީބަކުން ކަމުގައި ވިދާޅުވިއެވެ. އަދި ދެމެހެއްޓެނިވި ގޮތެއްގައި ކަންތައްތައް ކުރިއަށް ގެންދެވޭނީ ކަނޑައެޅިފައިވާ ތަރުތީބަކުން ކަންތައްތައް ކުރީމާ ކަމަށާއި، ސަރުކާރުން ކަމެއް ކުރައްވަން ނިންމެވީމާ، ސަރުކާރުގެ ތެރެއިން އެކަން ކުރެވޭނެ އުޞޫލެއް ހަމަޖެހެންވާނެ ކަމުގައި ވިދާޅުވިއެވެ.

ކަންތައްތަކުގެ ޙަޤީޤަތް ހާމަކުރުމުގެ މުހިންމުކަމުގެ މައްޗަށް ބައްލަވާލައްވަމުން، ތެދުޚަބަރު އެއީ، އުފާވެރި ޚަބަރު ކަމަށް ވާންޖެހޭނެކަން ރައީސް ބަޔާންކުރެއްވިއެވެ. އަދި ވަކި ޕާޓީއެއްގެ ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ކުރިމަތިލައްވައިގެން ރައީސް ކަމަށް ހޮވިވަޑައިގެންފައިވި ނަމަވެސް، ހަމަހަމަކަމާއެކު ދިވެހި އެންމެހާ ރައްޔިތުންނަށް ޚިދްމަތްތައް ކޮށްދެއްވާނެ ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ.

ފުވައްމުލަކުގެ ތަރައްޤީގެ މަޝްރޫޢޫތަކާ ބެހޭގޮތުތުން ރޭ ބޭއްވެވި ޖަލްސާގައި، ބަނދަރު ހެދުމާއި ބޯހިޔާވަހިކަމާ ބެހޭގޮތުން ވާހަކަފުޅު ދެއްކެވީ، މިނިސްޓަރ އޮފް ހައުސިންގ ޓްރާންސްޕޯޓް އެންޑް އެންވަޔަރަންމަންޓް މުޙަންމަދު އަސްލަމެވެ. ފެނާއި ނަރުދަމާއާ ބެހޭގޮތުން ވާހަކަފުޅު ދެއްކެވީ މިނިސްޓަރ އޮފް ހައުސިންގ ޓްރާންސްޕޯޓް އެންޑް އެންވަޔަރަންމަންޓްގެ ނައިބު މުޙަންމަދު ފާއިޒެވެ. ފެނާއި ނަރުދަމާގެ މަޝްރޫޢު ހިންގެވުމަށް އެމް.ޑަބްލިޔޫ.އެސް.ސީ.އަށް ލައިސަންސް ދެއްވީ ހައުސިންގ މިނިސްޓަރ މުޙަންމަދު އަސްލަމެވެ.

މިޖަލްސާގައި، ޕްރަވަޓައިޒް ކުރުމާ ބެހޭގޮތުން މިނިސްޓަރ އޮފް ސްޓޭޓް ފޮރ އިކޮނޮމިކް ޑިވެލޮޕްމަންޓް މުޙަންމަދު ޢާދިލް ސަލީމް، ޓްރާންސްޕޯޓް ސިސްޓަމާ ބެހޭގޮތުން މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހައުސިންގ ޓްރާންސްޕޯޓް އެންޑް އެންވަޔަރަންމަންޓް މައިޒާން އާދަމް މަނިކު، އަދި މަގު ހެދުމާ ބެހޭގޮތުން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މަޙްޖޫބް ޝުޖާޢު ޕްރެޒެންޓޭޝަނެއް ދެއްވިއެވެ.