ޖަޕާނު ސަރުކާރުގެ އެހީގައި ހިންގަވާ ރާއްޖޭގެ ރަށްރަށުގެ ބަނދަރު ހެދުމުގެ މަޝްރޫޢު، އަންނަ އާދީއްތަ ދުވަހު ރައީސް މުޙަންމަދު ނަޝީދު އިފްތިތާޙް ކޮށްދެއްވާނެއެވެ. މިކަން އިފްތިތާޙް ކޮށްދެއްވުން އޮންނާނީ އެދުވަހު މެންދުރު 12.45ގައި ދަރުބާރުގޭގައެވެ.

މިރަސްމިއްޔާތުގައި ބަނދަރުގެ ޢަމަލީ މަސައްކަތްތައް ފެށުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވުން އޮންނާނެއެވެ. މިއެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރައްވާނީ މިނިސްޓަރ އޮފް ހައުސިންގ ޓްރާންސްޕޯޓް އެންޑް އެންވަޔަރަންމަންޓް މުޙަންމަދު އަސްލަމެވެ. ބަނދަރުގެ މަސައްކަތުގެ ކޮންޓްރެކްޓާ ހަވާލުވެފައިވާ ޑެންމާކްގެ އެމް.ޓީ. ހޯގާޑުގެ ފަރާތުން ސޮއިކުރައްވާނީ އޭރިއާ މެނޭޖަރ ޖޭން އެންޑަރސަންއެވެ.