ކަނޑައެޅިފައިވާ ވަކިމުއްދަތަކަށް މުޖުތަމަޢާ އެކަހެރިކޮށްފައި ބައިތިއްބަން ޖެހުނުކަމުގައިވިޔަސް، ކޮންމެ މީހަކީވެސް، އަނބުރާ މުޖުތަމަޢަށް ގެނެސް ބޭނުންތެރި މީހަކަށް ހެދޭނެ މީހެއް ކަމުގައި ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު ޙަސަން މަނިކު ވިދާޅުވެއްޖެއެވެ. ޑޮކްޓަރ މުޙަންމަދު ވަޙީދު މިހެން ވިދާޅުވީ، ޑިޕާޓްމަންޓް އޮފް ޕެނިޓެންޝަރީ އެންޑް ރިހެބިލިޓޭޝަން ސަރވިސަސްއިން އިންތިޒާމު ކުރައްވައިގެން، ދަރުބާރުގޭގައި ބާއްވަވާ ޖަލުގައިތިބި ބަންދު މީހުންގެ މަސައްކަތްތައް ދައްކާލުމުގެ މަޢުރަޒް މިއަދު ހަވީރު ހުޅުއްވައި ދެއްވަމުންނެވެ.

ނައިބު ރައީސްގެ ވާހަކަފުޅުގައި، ރިހެބިލިޓޭޝަން ސަރވިސަސް ޑިޕާޓްމަންޓްގެ އެންމެބޮޑު އެއް ވާޖިބަކީ، ބަންދުގައި ތިބޭ މީހުން އެނބުރި މުޖުތަމަޢަށް ގެނެސް، ބޭނުންތެރި މީހުންނަށް ހެދުންކަން ބަޔާންކުރެއްވިއެވެ. އަދި މިމަޢުރަޒުން ފެންނަ ތަކެއްޗަކީ، އެތައް ދުވަސްތަކެއް ވަންދެން ކުރެއްވިފައިވާ މަސައްކަތްތަކެއްގެ ނަތީޖާ ކަމަށާއި، މިމަޢުރަޒުން ފެނިގެންދަނީ ޖަލުގެ ކަންތަކާ ދޭތެރޭގައި ހޯމް މިނިސްޓްރީގެ ފަރާތުން ދެކެވަޑައިގަންނަވާ ގޮތް ވަރަށްބޮޑަށް ބަދަލުވެގެން ދިޔަ ދިޔުން ކަމުގައ ވިދާޅުވިއެވެ.

ނައިބު ރައީސްގެ ވާހަކަފުޅުގައި، ޙުކުމް ތަންފީޒު ކުރުމަށްޓަކައި ބަންދު ކުރެވިފައިތިބޭ މީހުން ބަންދު ކުރުމުގެ އެންމެބޮޑު މަޤްޞަދަކަށްވާން ޖެހޭނީ، އެމީހުން އަނބުރާ މުޖުތަމަޢަށް ގެނައުން ކަމުގައި ވިދާޅުވިއެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި، ޖަލުގައި ބަންދު ކުރެވިފައިވާ އަޚުންނާއި އުޚްތުން ބެލެހެއްޓުމުގެ ކަންތައްތަކުގައި އެހީތެރިވެދީ އެކި ޕްރޮގްރާމްތައް ރާއްވަވައި ހިންގެވުމަށްޓަކައި މަސައްކަތް ކުރައްވާ ހުރިހާ ފަރާތްތަކަކަށް ޝުކުރުއަދާކުރެއްވިއެވެ.

މާފުށީ ޖަލުގައި ތިބޭ ބަންދު މީހުންގެ މަސައްކަތްތެރިކަމުގެ މަޢުރަޒް "އިންމޭޓްސް ކްރިއޭޓިވިޓީ ފެއަރ" ނައިބު ރައީސް ހުޅުއްވައި ދެއްވުމަށްފަހު، އެމަޢުރަޒް އެމަނިކުފާނު ބައްލަވާލެއްވިއެވެ.