ރައްޔިތުން ބޭނުންވާ ކިތަންމެ ކަމެއް އެބަހުރި ކަމަށާއި، އެކަންކަން ކުރެއްވުމަށް ބޭނުންފުޅުވާ ރޭއްވެވުންތައްވަނީ ރާއްވަވާފައި ކަމަށް ރައީސް މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. މާލެއަތޮޅު މާފުށްޓަށް އެމަނިކުފާނު މިއަދު ހަވީރު ވަޑައިގެން، މާފުށީ ރައްޔިތުންނާ މިމޭރުމުން ވާހަކަފުޅު ދައްކަވަމުން، އެމަނިކުފާނު މަސައްކަތްޕުޅު ކުރައްވަމުން ގެންދަވަނީ، ތަރުތީބަކުން ކަންތައްތައް ކުރައްވަމުން ގެންދެވުމަށާއި، ތަރުތީބަކުން ކަންކަން ނުކުރެއްވޭކަމަށްވާނަމަ، އެއީ ނާޖާއިޒު ކަންކަން ކުރުމަށް މަގުފަހިވެގެންދާ ކަމެއް ކަމުގައި ވިދާޅުވިއެވެ. އަދި ކުރައްވާ ކޮންމެ ކަމެއްވެސް ދެމެހެއްޓެނިވި ގޮތެއްގައި ކުރައްވާނެ ކަމަށާއި، އެއްވެސް ހާލެއްގައި ޚިޔާނާތުގެ ކުޑަ ހިޔަންޏެއްވެސް އެޅުނަ ނުދެއްވާނެ ކަމުގައި ރައީސް ވިދާޅުވެއްޖެއެވެ.

މާފުށީ ރައްޔިތުންނާ މުޚާޠަބު ކުރައްވައި ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅުގައި، ރާއްޖެ މިހާރު މިވަނީ ވަރަށްބޮޑަށް ބަދަލުވެފައި ކަމަށާއި، މިއަދު ރައްޔިތުންނަށް އޮޅުވާނުލެވޭނެ ކަމަށް ވިދާޅުވިއެވެ. " ވޯޓުފޮށި އަޅުގަނޑުމެން އޮޅުވައެއް ނުލާނަމެވެ. ވޯޓުފޮށްޓަކު އަޅުގަނޑުމެން އަތެއް ނުލާނަމެވެ. އެއަށްވުރެ ބޮޑު އަމާނާތެއް ނެތެވެ. ވޯޓަކާ އަޅުގަނޑުމެން ނުބެހޭނަމެވެ. ކެމްޕޭނު އަޅުގަނޑުމެން ކުރާނަމެވެ." ރައީސް ނަޝީދު ވިދާޅުވިއެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި ކަންކަން ކުރައްވަން ބޭނުންފުޅުވަނީ ރައްޔިތުންގެ ރުހުން ލިބިގެން ކަމުގައި ވިދާޅުވިއެވެ. އަދި ސިވިލް ސަރވިސްގެ މުވައްޒަފަކަށްވެސް އިންޒާރެއްދީ، ބިރުދައްކައި، މުވައްޒަފަކަށް ދެރައެއް ދޭކަށް ކުޑަކޮށްވެސް އެދިވަޑައިނުގަންނަވާ ކަމުގައިވެސް ރައީސް ވިދާޅުވިއެވެ.