މިއަދުގެ ސަރުކާރު، ކޮރަޕްޝަންގެ ބަލީގެ ތެރެއަށް އިރާދަކުރެއްވިއްޔާ ވެއްޓިގެނެއް ނުދާނެ ކަމުގައި ރައީސް މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސް ނަޝީދު މިހެން ވިދާޅުވީ، މާލެއަތޮޅު ގުރައިދުއަށް މިރޭ ވަޑައިގެން، ގުރައިދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ނަޝީދު ވިދާޅުވިގޮތުގައި، އިރާދަކުރެއްވިއްޔާ މި ސަރުކާރެއް ރައްޔިތުންނަށް އަނިޔާވެރިއެއް ނުވާނެއެވެ. އިރާދަކުރެއްވިއްޔާ މި ސަރުކާރެއް ރައްޔިތުން ދެކެ ރުޅިއެއް ނާންނާނެއެވެ.

ރައީސް ނަޝީދުގެ ވާހަކަފުޅުގައި، އެމަނިކުފާނުގެ ސަރުކާރުން ވެވަޑައިގެންފައިވާ ވަޢުދުތައް ފުއްދެވުމަށްޓަކައި ޤާނޫނު ހަދާ މަޖިލީހުގެ އަޣްލަބިއްޔަތެއް ބޭނުންފުޅުވާ ކަމަށާއި، އެ އަޣްލަބިއްޔަތު ނެތި އަޅުގަނޑުމެން މިއެދޭ ކަންތައްތައް ހިންގަން ވަރަށް އުނދަގޫވާނެ ކަމުގައި ވިދާޅުވިއެވެ.

ގުރައިދޫގައި ނުވަތަ ރާއްޖޭގެ ދެތިން ހަތަރު ރަށެއްގައި އުޅޭ ހައެއްކަ މީހުންދެކެ އަޅުގަނޑުމެން އަންނަ ރުޅީގައި އެމީހުންނާ ދިމާކޮށް، ނުވަތަ ހަރުކަށިވާން އުޅެފިނަމަ، އަޅުގަނޑުމެން މި އުންމީދުކުރާ ފުރިހަމަ ޑިމޮކްރަސީ، އަޅުގަނޑުމެން މި ބޭނުންވާ ހެޔޮވެރިކަން، މި ރާއްޖެއަކަށް އަޅުގަނޑުމެންނަކަށް ތަޢާރުފެއް ނުކުރެވޭނެ ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި ބުއްދިވެރިގޮތަކީ، އަޅުގަނޑުމެން ދޫކޮށްގެން ތިބުން ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ނަޝީދުގެ ވާހަކަފުޅުގައި، ގުރައިދުއަށް ކަމެއް ކޮށްދެއްވަން މި ވިދާޅުވަނީ، އިންތިޚާބާ ގުޅުވާފައި ނޫން ކަމަށާއި، އިންތިޚާބާ ގުޅުވާ ކަމެއް ކޮށްދެއްވާ ވާހަކަ ދައްކަވައިފިނަމަ، އެކަމެއްގެ ސަބަބުން ދެމެހެއްޓެނިވި ތަރައްޤީއެއް ނުލިބޭނެ ކަމުގައިވެސް ވިދާޅުވިއެވެ.