މާލެއާއި ހުޅުމާލެ ފިޔަވައި ރާއްޖޭގައި މީހުން ދިރިއުޅޭ އެހެން ރަށްތަކުގައި ގެސްޓްހައުސް ހިންގުން މަނާކުރައްވާފައިވާ މަނާކުރެއްވުމުގެ ސިޔާސަތު ނިމުމަކަށް ގެނެސް، މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި، އެއް އުޞޫލަކުން ގެސްޓްހައުސް ހިންގުމުގެ ހުއްދަ ދޫކުރެއްވުމަށް ސަރުކާރަށް ގޮވާލައްވައި، ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވާފައިވާ ޤަރާރުގައިވާ ގޮތުގެ މަތިން، މާލެއާއި ހުޅުމާލެ ފިޔަވައި ރާއްޖޭގައި މީހުން ދިރިއުޅޭ އެހެން ރަށްތަކުގައި ގެސްޓްހައުސް ހިންގުމުގެ ހުއްދަ ދެއްވުމަށް ވަޒީރުންގެ މަޖިލީހުން މިއަދު ނިންމަވައިފިއެވެ. މިކަން މިގޮތަށް ނިންމެވީ، ރާއްޖޭގެ ރަށްރަށުގައި ގެސްޓްހައުސް ތަރައްޤީ ކުރެއްވުމާ ބެހޭގޮތުން މިނިސްޓްރީ އޮފް ޓޫރިޒަމް، އާޓްސް އެންޑް ކަލްޗަރުން ތައްޔާރު ކުރެއްވި ކަރުދާހެއްގެ މައްޗަށް ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުން ވާހަކަފުޅު ދެއްކެވުމަށްފަހުގައެވެ. މި ހުއްދަ ދެއްވާނީ، ގެސްޓްހައުސް ހިންގައި ތަރައްޤީ ކުރުމަށް އެމިނިސްޓްރީން ކަނޑައަޅުއްވާފައިވާ ގަވާއިދުގެ ދަށުން ކަމަށްވެސް ވަޒީރުންގެ މަޖިލީހުން ނިންމެވިއެވެ.

މިއަދުގެ ޖަލްސާގައި، ސަރުކާރުގެ މުވައްޒަފުންނަށް ޚާއްޞަ ކުރައްވައިގެން ވަކި ނާދީއެއް ބެހެއްޓެވުމުގެ ބަދަލުގައި، އެތަނުގެ ޚިދްމަތް ހުރިހާ ރައްޔިތުންނަށް ލިބޭނެ ގޮތަކަށް، އެފަދަ ތަނެއް ބެހެއްޓެވުމާ ބެހޭގޮތުން ވާހަކަފުޅު ދައްކަވައި، އެގޮތަށް ނިންމެވިއެވެ. އަދި މިހާރު ނާދީ ހިންގަވާ ”ބްލޫހެވަން“ ޢިމާރާތް ނޫން އެހެން ޢިމާރާތެއްގައި އެފަދަ ތަނެއް ޤާއިމު ކުރެއްވުމަށްވެސް ކަނޑައެޅުއްވިއެވެ. ވަޒީރުންގެ މަޖިލީހުން މިގޮތަށް ނިންމެވީ، ސަރުކާރު މުވައްޒަފުންގެ ނާދީއާ ބެހޭގޮތުން މިނިސްޓްރީ އޮފް ހިއުމަން ރިސޯސަސް، ޔޫތު އެންޑް ސްޕޯޓްސްއިން ތައްޔާރު ކުރެއްވި ކަރުދާހަކާ ބެހޭގޮތުން މިއަދުގެ ޖަލްސާގައި މެންބަރުން މަޝްވަރާ ކުރެއްވުމަށްފަހުގައެވެ.

މިއަދުގެ ޖަލްސާގައި މެންބަރުން ދެއްކެވި ވާހަކަފުޅުގައި، ރިކްރިއޭޝަނަލް ކުޅިވަރުތައް ޢާންމުންނަށާއި ޒުވާނުންނަށް ކުޅެވޭގޮތަށް އަދި އެފަދަ ވަސީލަތްތައް ބޭނުންކުރެވޭ ގޮތަށް ތަނެއް ހުރުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. އަދި އެއީ، ޒުވާނުން ނުރަނގަޅު ކަންތައްތަކަށް ވީއްލިގެންދިޔަ ނުދިނުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށްވެސް މަޖިލީހުގެ މެންބަރުން ދެކެވަޑައިގަންނަވައެވެ.

ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، އެއްވެސް ނޯޓިހެއްނެތި ހެރެތެރޭގެ މުވައްޒަފުން ވަޒީފާއިން ވަކިކުރައްވަމުން ގެންދަވާ ކަމުގެ ޝަކުވާ، ބައެއް ވަޒީރުންނަށް ލިބިވަޑައިގަންނަވަމުންދާތީ، މިކަމާ ބެހޭގޮތުންވެސް ވާހަކަފުޅު ދެއްކެވިއެވެ. އަދި މިކަމަށް ވެވަޑައިގެންނެވިހާ އަވަހަކަށް ޙައްލެއް ހޯއްދެވުމަށްވެސް ނިންމެވިއެވެ.