ަރުމާގެ އިދިކޮޅު ލީޑަރ އަންގ ސަން ސޫ ކީ، އެޤައުމުގެ އަސްކަރީ ސަރުކާރުން ޖަލުގައި ހައްޔަރު ކުރެއްވުމާ ގުޅިގެން، ރައީސް މުޙަންމަދު ނަޝީދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަދު ނެރުއްވި ބަޔާނެއްގައި، ގޭބަންދުގައި ހުންނެވި އަންގ ސަން ސޫކީ އޭނާގެ ގޭބަންދުގެ ޝަރުޠުތަކާ ޚިލާފުވެވަޑައިގެންފައިވާ ކަމަށް އަސްކަރީ ސަރުކާރުން ބުނެ، އޭނާ ޖަލުގައި ބަންދުކުރުމުން، އެކަމާ ވަރަށް ކަންބޮޑުވެވަޑައިގަންނަވާކަން ހާމަކުރައްވާފައިވެއެވެ. އަދި، އަންގ ސަން ސޫކީއާއި އެޤައުމުގައި ހައްޔަރުކޮށްފައިވާ ސިޔާސީ ކުށްވެރިން ހައްޔަރުކޮށްފައި ބޭތިއްބުމަކީ، ޑިމޮކްރެޓިކް ނިޒާމާއި ބައިނަލްއަޤްވާމީ އުސޫލުތަކާ މުޅިން ޚިލާފު ކަމެއް ކަމުގައިވެސް ވިދާޅުވެފައިވެއެވެ.

2010 ވަނަ އަހަރު ބަރުމާގައި އިންޞާފުވެރި އިންތިޚާބެއް ބޭއްވުމަށް އެހީތެރިވެދިނުމަށާއި، ބަރުމާގެ ރައްޔިތުންނަށް ހަމަޖެހުމާއި ފާގަތިކަން ގެނެސްދިނުމަށްޓަކައި އަންގ ސަން ސޫކީއާއި، އެޤައުމުގައި ހައްޔަރުކޮށްފައިވާ ސިޔާސީ ކުށްވެރިން މިނިވަންކުރުމަށް ކުރެވެން އޮތް ހުރިހާކަމެއް ކުރުމަށް ބައިނަލްއަޤްވާމީ މުޖްތަމަޢަށް ރައީސް ނަޝީދު، މިބަޔާނުގައި ގޮވާލައްވާފައިވެއެވެ.