ލިތުއޭނިއާގެ ރައީސް ކަމުގެ މަގާމަށް ޑޮކްޓަރ ޑާލިއާ ގްރީބައުސްކައިޓީ އިންތިޚާބުވެވަޑައިގެންވުމާ ގުޅިގެން އޭނާއަށް ރައީސް މުހަންމަދު ނަޝީދު ތަހުނިޔާ ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި، މިމުނާސަބަތުގައި ދިވެހި ސަރުކާރާއި ރައްޔިތުންނާއި އަދި ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަ ނަންފުޅުގައި ޑޮކްޓަރ ގްރީބައުސްކައިޓީއަށް ވަރަށް ހޫނު މަރްޙަބާއެއް ވިދާޅުވެ ހެޔޮއެދުންތައް ފޮނުއްވާފައިވެއެވެ.

ދިވެހިރާއްޖެއާއި ލިތުއޭނިއާއާ ދެޤައުމުގެ ދެމެދުގައި އޮތް ގާތް ރަޙްމަތްތެރި ގުޅުން، ކުރިމަގުގައިވެސް އިތުރަށް ބަދަހިވެ ތަރައްޤީވަމުންދާނެ ކަމަށް ޔަޤީން ކުރައްވާ ކަމުގައިވެސް ރައީސް ނަޝީދުގެ މެސެޖުގައި ވިދާޅުވެފައިވެއެވެ.