ބުރޫނާއީ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު މިސްޓަރ ޢަބްދުލްޤަފަރު އިސްމާޢިލާއި، ޖަޕާން ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު މިސްޓަރ ކުނިއޯ ތަކަހާށީ އާއި، ޤަޠަރު ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު މިސްޓަރ ސަޢިދު ޢަބްދުﷲ އަލް މަންސޫރީ، އެ ބޭފުޅުންގެ ސަފީރު ކަމުގެ ފަތްކޮޅު، ރައީސް މުޙަންމަދު ނަޝީދަށް މިއަދު އަރުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ހެނދުނު ވަކިވަކިން ބޭއްވެވި މި ރަސްމިއްޔާތުތަކުގައި، މި އާ ސަފީރުންނަށް ރައީސް މުޙަންމަދު ނަޝީދު ވަރަށް ހޫނު މަރްޙަބާއެއް ވިދާޅުވިއެވެ.

ބުރޫނާއީ ސަފީރާއި، ޖަޕާން ސަފީރާއި، ޤަޠަރު ސަފީރު ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއަށް ކަނޑައެޅުއްވި ސަފީރުންގެ މަގާމުގައި ތިއްބަވައިގެން ޚިދްމަތް ކުރެއްވުމަކީ، އެބޭފުޅުންނަށް ލިބިވަޑައިގަންނަވާ ވަރަށްބޮޑު އުފާފުޅެއް ކަމުގައި ވިދާޅުވިއެވެ.

ސަފީރުން ދެއްކެވި ވާހަކަފުޅުގައި، ރައީސް ނަޝީދުގެ ޒަޢާމަތުގައި ރާއްޖެއަށް އިތުރު ކުރިއެރުންތައް ލިބެމުންދާނެ ކަމަށް ޔަޤީން ކުރައްވާ ކަމުގައި ވިދާޅުވިއެވެ. އަދި ރައީސުލްޖުމްހޫރިއްޔާއާއި އެމަނިކުފާނުގެ ސަރުކާރުން ރާއްޖެއަށް މިގެންނަވަމުން ގެންދަވާ އިޞްލާޙީ ބަދަލުތަކަށް ތަހުނިޔާ ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި، ދިވެހިރާއްޖެއާއި މިޤައުމުތަކާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކުރައްވަން ބޭނުންފުޅުވާ ކަމަށާއި، މި މަސައްކަތުގައި ސަފީރުންގެ ފުރިހަމަ އެއްބާރުލެއްވުން ލިބިވަޑައިގަންނަވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވިދާޅުވިއެވެ. އަދި ސަފީރުން ފާޅުކުރެއްވި އިޚްލާޞްތެރި ޝުޢޫރުތަކަށްޓަކައި، އެބޭފުޅުންނަށް ޝުކުރު އަދާކުރެއްވިއެވެ. އަދި، ދިވެހިރާއްޖޭގައި ހުރި އިންވެސްޓްމަންޓް ފުރުޞަތުތަކާބެހޭ މަޢްލޫމާތު، އެބޭފުޅުންނަށް ދެއްވިއެވެ.