ދައުލަތުގެ ފައިސާއާއި މުދަލަށް ބޮޑެތި ޚިޔާނާތްތައް ވެފައިވާ ކަމަށް ތުހުމަތު ކުރެވޭ މީހުންގެ މައްސަލަތައް ތަޙުޤީޤު ކުރެއްވުމަށް ރައީސް މުޙަންމަދު ނަޝީދު އުފައްދަވާފައިވާ ރިޔާސީ ކޮމިޝަނަށް ބޭފުޅަކު އިތުރުކުރައްވައިފިއެވެ. މިކޮމިޝަނަށް އިތުރުކުރެއްވި މެންބަރު އައްޝައިޚު ޙުސައިން ރަޝީދު އަޙްމަދު ހަމަޖައްސަވާފައިވަނީ، މި ކޮމިޝަންގެ ރިޔާސަތު ބަލަހައްޓަވާ ބޭފުޅެއްގެ ގޮތުގައެވެ. މިގޮތަށް ހަމަޖެއްސެވުމުން، މިކޮމިޝަންގެ ރިޔާސަތު ބަލަހައްޓަވާނީ ދެބޭފުޅެކެވެ. އެއީ، ހުސައިން ރަޝީދު އަހްމަދުގެ އިތުރުން، އިއްޔެ މިކޮމިޝަނަށް އައްޔަން ކުރެއްވި ރައީސުލްޖުމްހޫރިއްޔާގެ އިކޮނޮމިކް އެޑްވައިޒަރ ޢަލީ ޝިޔާމެވެ.

މިއުފެއްދެވި ރިޔާސީ ކޮމިޝަނަކީ، ދައުލަތުގެ މުދަލާއި ފައިސާއާއި ދައުލަތުގެ ކުންފުނިތަކަށް ޚިޔާނާތްތެރިވެފައިވާ ބޮޑެތި މައްސަލަތަކެއް ހުރި ކަމަށާއި، މިމައްސަލަތައް ތަޙުޤީޤުކޮށް އަވަހަށް ފިޔަވަޅު އަޅަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާއަށް ފެނިވަޑައިގަންނަވާތީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ގ) ގެ ދަށުން ބާރު ލިބިވަޑައިގެން އުފެއްދެވި ކޮމިޝަނެކެވެ.