ސާކު ސެކްރެޓަރީ ޖެނެރަލް ޑޮކްޓަރ ޝީލް ކާންޓް، ރައީސް މުޙަންމަދު ނަޝީދުގެ އަރިހަށް މިއަދު އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މިއަދު މެންދުރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް މިބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ސާކް ސެކްރެޓަރީ ޖެނެރަލް ރާއްޖެއަށް ދަތުރުފުޅެއް ކުރެއްވި ކަމަށްޓަކައި، އޭނާއަށް މަރްޙަބާ ވިދާޅުވިއެވެ.

މިބައްދަލުކުރެއްވުމުގައި ސާކުގެ ޙަރަކާތްތައް ކުރިއަށް ގެންދިޔުމާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ ލަފާފުޅު، ސާކް ސެކްރެޓަރީ ޖެނެރަލް ހޯއްދެވިއެވެ. އަދި ސާކަކީ މިހާރަށްވުރެ ޙަރަކާތްތެރި ޖަމާޢަތަކަށް ހެދުމާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދެއްކެވިއެވެ.

ސާކް ސެކްރެޓަރީ ޖެނެރަލްގެ ވާހަކަފުޅުގައި، އޭނާ ރައީސުލްޖުމްހޫރިއްޔާގެ ޒަޢާމަތަށް ވަރަށް ބޮޑަށް އިޙްތިރާމް ކުރައްވާ ކަމަށް ވިދާޅުވެ، ސާކްގެ ކަންތައްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ އަހަންމިއްޔަތު ފާހަގަކުރެއްވިއެވެ.