بســم اللّـه الرّحمـن الرّحيــم 

 

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين، وَالصّـلاة وَالسّلام علـى سيّدنا محـمَّدٍ وَعلـى آلـه وَصَحْبِـهِ أجمـعـين. 

 

ދައުލަތުގެ ވަޒީރުން، މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން، މި ޖަލްސާއަށް ހާޒިރުވެވަޑައިގެން ތިއްބެވި އެންމެހައި ޢިއްޒަތްތެރިން، މަދަރުސާތަކުގެ ދަރިވަރުން، މި ޖަލްސާ ދުރާއި ގާތުން ބައްލަވަމުން ގެންދަވާ އެންމެހައި ބޭފުޅުން؛

 

السّلام عليــكم ورحـمــة اللّـه وبـركاتـه.

 

ރާއްޖޭގައި ފުރަތަމަފަހަރަށް މި ފާހަގަކުރާ ދިވެހި ޤައުމިއްޔަތު ދިރުވައި އާލާކުރުމުގެ ދުވަހުގެ މުނާސަބަތުގައި އަޅުގަނޑުގެ އެންމެ ފުރަތަމަ ވާޖިބަކީ، އަޅުގަނޑުމެންނަކީ މާތްވެގެންވާ  އިސްލާމްދީނުގައި ނުގުޑާފަދަ ޢަޒުމަކާއެކު ފައިތިލަ ސާބިތުކޮށްގެން ތިބި ބަޔަކު ކަމުގައި ލެއްވުމުގެ ހެޔޮ ތައުފީޤާއި، އަދި ދިވެހި ޤައުމިއްޔަތުގެ ރޫޙުގެ ބިންގާ އަޅުގަނޑުމެންގެ މެދުގައި އަޅުއްވައިދެއްވުމުގެ ހެޔޮ ތައުފީޤު މިންވަރު ކުރެއްވި ކަމަށްޓަކައި اللّـه سبحـانـه وتعـالىގެ ޙަޟްރަތަށް ޙަމްދާއި ޝުކުރު ދެންނެވުން. އެއަށްފަހު، ދިވެހި ޤައުމިއްޔަތު ދިރުވައި އާލާކުރުމުގެ ދުވަހެއް ފާހަގަކުރެއްވުމަށް ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ނިންމެވިކަމަށްޓަކައި އެމަނިކުފާނަށް ވަރަށް އިޚުލާޞްތެރިކަމާއެކު ތިޔަބޭފުޅުންގެ ނަންފުޅުގައި އަދި އަޅުގަނޑުގެ އަމިއްލަ ނަމުގައި ޝުކުރު ދަންނަވައި، ދުވަހުގެ ތަހުނިޔާއާއި ހެޔޮއެދުންތައް އެމަނިކުފާނަށް އަރިސްކުރަން. އަދި މިއަދުގެ މުނާސަބަތުގައި ރާއްޖޭގެ އެންމެހައި ލޮބުވެތި ރައްޔިތުންނަށް ތަހުނިޔާ ދެންނެވުމަކީ އަޅުގަނޑަށް ލިބޭ ވަރަށްބޮޑު އުފަލެއް.

 

މިރޭގެ މި ޖަލްސާގައި ވަރަށްގިނަ ބޭފުޅުން ވާހަކަފުޅު ދައްކަވައިފި، ވަރަށް ފޯރިއާއި ޖޯޝާ އެކީގައި. އަޅުގަނޑު ހިތަށްއަރާ، ދެން އަޅުގަނޑު އިތުރަށް ދައްކާނެ ވާހަކައެއް އެބައޮތްބާވައޭ. އެހެންވީމާ، އަޅުގަނޑު ހިތަށްއަރަނީ އަޅުގަނޑުގެ ވާހަކަކޮޅު ކުރުކޮށްލާނަމޭ.

 

މި ޖަލްސާގައި ވާހަކަފުޅު ދެއްކެވި ބޭފުޅުންގެ ވާހަކަފުޅުތަކުންނާއި އަދި ޤައުމިއްޔަތުގެ ބަހާތައް ރައްކާތެރިކުރުމާއި، ޤައުމިއްޔަތަށް ނޭދެވޭ އަސަރުކުރާ ސަބަބުތަކާ ބެހޭގޮތުން ދެ ދަރިވަރަކު މިރޭ އެ ދެއްކެވި ވާހަކައިންވެސް ދިވެހި ޤައުމިއްޔަތު ދިރުވައި އާލާކުރުމުގެ މުހިންމުކަން އަޅުގަނޑުމެންގެ ހިތްތަކަށް ތަޞައްވުރު ކުރެވިގެން ހިނގައްޖެ. 

 

އާދެ، މި ދުވަސް ގުޅިފައި މިވަނީ ދިވެހިންގެ މެދުގައި އިސްލާމީ ވަޙުދަތާއި ޤައުމީ ރޫޙު އުފައްދައި އާލާކުރުމުގެ މަޤްޞަދުގައި މިދިޔަ އަހަރުގެ މާރިޗު މަހުގެ 6 ވަނަ ދުވަހު ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އިފްތިތާޙު ކޮށްދެއްވި ތަރިކަ މަޝްރޫޢާ. އާދެ، މި މަޝްރޫޢަކީ ދިވެހި ޤައުމިއްޔަތާ ގުޅުންހުރި ވަރަށްގިނަ ކަންތައްތަކެއް އެކުލެވޭ މަޝްރޫޢެއް. މިވޭތުވެދިޔަ އަހަރު ދުވަހުގެ ތެރޭގައި މި މަޝްރޫޢާ ބެހޭ ވަރަށްގިނަ ކަންތައްތައް، ކަމާގުޅޭ ދާއިރާތަކުގެ ވަޒީރުން ހިމެނިވަޑައިގަންނަވާ ތަރިކަ ކޮމިޓީން ވަނީ ކޮށްދެއްވާފައި. އެހެންކަމުން، އެ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ކޮމިޓީގެ ޗެއަރމަން، ރައީސް އަދި އެ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ހުރިހާ ޢިއްޒަތްތެރި ވަޒީރުންނަށާއި، އެހެން ބޭފުޅުންނަށް އަޅުގަނޑު މި ފުރުޞަތުގައި ވަރަށް އިޚުލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

 

ދިވެހި ޤައުމިއްޔަތު ދިރުވައި އާލާކުރުމުގެ ދުވަހުގެ ނަމުގައި ވަކި ދުވަހެއް ފާހަގަކުރާއިރު، ޤައުމިއްޔަތުގެ ޙަޤީޤީ މާނައާއި ނުވަތަ މަސްދަރުތަކާމެދު ޤައުމީ ނަޒަރަކުން އަޅުގަނޑުމެން ވިސްނާލަންޖެހޭ. ޤައުމިއްޔަތުގެ ފެށުމާއި ނިމުން ގުޅިފައި ވަނީ އަޅުގަނޑުމެންގެ ޤައުމާ. އަޅުގަނޑުމެންގެ ޤައުމު، ޤައުމެއްގެ ގޮތުގައި އުފެދިގެން މިހާތަނަށް ގެނެސްދިން އަސާސްތަކާ. އެ އަސާސްތަކަކީ ކުރިން ވާހަކަފުޅު ދެއްކެވި ބޭފުޅުން ވިދާޅުވިފަދައިން، މާތްވެގެންވާ އިސްލާމްދީނާއި، ދިވެހިންގެ އަމިއްލަ ދިވެހިބަހާއި، ދިވެހިންގެ އަމިއްލަ ތާރީޚާއި ޘަޤާފަތް. ކުދިކުދި ވަކި ރަށްތަކެއްގައި ދިރިއުޅުނު ކަމުގައިވިޔަސް އަޅުގަނޑުމެން ދިވެހިންނަކީ އެއް ދީނެއްގެ މަތީގައި ސާބިތުވެ ތިބި، އެއް ބަހަކުން ވާހަކަ ދައްކާ އަދި އެއް ތާރީޚަކާއި ޘަޤާފަތެއް ހިއްސާކުރާ ބައެއް. އަޅުގަނޑުމެންނަކީ ފަރުދީ ހައިސިއްޔަތުން ވަކި އަމާޒުތަކެއް ހާސިލު ކުރުމަށްޓަކައި އެއް ފަސްގަނޑެއްގައި، އެހެނަސް އެކި ފުރާޅުގެ ދަށުގައި ދިރިއުޅުން އާރާސްތު ކުރަމުން އަންނަ ބައެއް. މިއީ އަޅުގަނޑުމެން ދިވެހިންގެ ގޮތުގައި ދެމިތިބިހާ ދުވަހަކު ބަދަލުކުރެވޭނެ ޙަޤީޤަތެއް ނޫން.

 

އާދެ، ޤައުމިއްޔަތުގެ ޙަޤީޤީ މާނައާ ދޭތެރޭ ވިސްނާއިރު، ޤައުމިއްޔަތު ނުވަތަ އިނގިރޭސިބަހުން ދަންނަވާނަމަ، ކުރިންވެސް އެހެން ބޭފުޅުން ވިދާޅުވިފަދައިން، [ނެޝަނަލިޒަމް] އަޅުގަނޑުމެން މި ކިޔަނީ ނުވަތަ އަޅުގަނޑުމެން ނިސްބަތް މި ކުރެވެނީ އެއްބަޔަކާއި އަނެއްބަޔަކު ތަފާތުކުރުވާ އެބައެއްގެ ސިފަތަކަށް. ނޫންނަމަ، އެބައެއްގެ މެދުގައި ބަދަހި ގުޅުމެއް އުފައްދައި، އެއްބައެއްގެ ގޮތުގައި ދަމަހައްޓައި އެކުވެރިކުރުވާ އެއް އައިޑެންޓިޓީއެއް ގެނެސްދޭ ކަންކަމަށް. އެގޮތުން ދިވެހިން ދިވެހިންގެ ގޮތުގައި ދަމަހައްޓައިދޭ ކަންކަން އަޅުގަނޑު މި ދަންނަވާލީ. 

 

ހަމައެހެންމެ، ޤައުމިއްޔަތަކީ އެއްބަޔަކު އަނެއްބަޔަކާ ތަފާތުކޮށް ދައްކައިދޭ ފަޚުރުވެރި ސިފަތައްވެސްމެ. ޤައުމިއްޔަތު ދިރިގެން އަންނަނީ އެއް ނަސްލަކުން ނިސްބަތްވާ ނުވަތަ އެއްކަހަލަ ސިފަތަކެއްގެ ސަބަބުން އެއްބައިވަންތަކުރުވައި، އެކުއެކީގައި އުޅުމުގެ ޝައުޤުވެރިކަން ރައްޔިތުންގެ ތެރޭގައި އުފެދިގެން އަންނަ ހިސާބުން. އެއްކަހަލަ ކަންކަމާއި ސިފަތަކުގެ ތެރޭގައި ނަސްލީ ސިފައާއި މާދަރީ ބަހުރުވައާއި، މާޒީވެ ގޮސްފައިވާ ތާރީޚާއި ޘަޤާފަތާއި އާދަކާދަތަކާއި، އަދި އެއް ސަރަޙައްދަކަށް އުފަންވެ، އެއް ބިމެއްގައި ދަރިފަސްކޮޅުތަކެއް ދެމިގެން ގޮސްފައިވުން ހިމެނޭ.

 

އާދެ، ދިވެހި ޤައުމިއްޔަތުގެ އަސާސްތައް ނުވަތަ ސިފަތަކާ ދޭތެރޭގައި މިއަދު އަޅުގަނޑުމެން ވިސްނާލާއިރު، އެންމެ މުހިންމު އަސާސަކީ، ކުރިންވެސް އެހެން ބޭފުޅުން ވިދާޅުވިފަދައިން، މާތްވެގެންވާ އިސްލާމްދީނުގައި ނުގުޑާފަދަ ޢަޒުމަކާއެކު އަޅުގަނޑުމެން ފައިތިލަ ސާބިތުކޮށްގެން ތިބުން. ހަމައެހެންމެ، އަޅުގަނޑުމެން އެންމެން އެއްބަހަކުން ވާހަކަދައްކާ ބަހެއް އޮތުމުގެ ޝަރަފު ލިބިފައިވުން. އަދި ދިވެހިންގެ ތެރޭގައި އެއްކަހަލަ އާދަކާދަތަކަކާއި ޘަޤާފަތެއް އޮތުމާއި، ދިވެހި ޤައުމުގެ އިސްތިޤްލާލާއި މިނިވަންކަން ދެމިއޮތުން. 

 

ދިވެހި ޤައުމިއްޔަތު ދިރުވައި އާލާކުރުމުގެ ދުވަހެއް ފާހަގަކުރާއިރު، ދިވެހި ޤައުމިއްޔަތަށް މި ކުރިމަތިވެފައިވާ ގޮންޖެހުންތަކާ ދޭތެރޭގައިވެސް އަޅުގަނޑުމެން ވިސްނާލަންޖެހޭ. މި ގޮންޖެހުންތަކުގެ ތެރޭގައި، ކުރިންވެސް އެހެން ބޭފުޅުން ވިދާޅުވިފަދައިން، ދީނީގޮތުން ޚިޔާލުތަފާތުވުމާއި، ސިޔާސީގޮތުން ޚިޔާލުތަފާތުވުން ހިމެނޭ. ދިވެހިން މާއްދިއްޔަތަށް ހެއްލުމާއި، ޤައުމުގެ މަޞްލަޙަތަށްވުރެ އަމިއްލަ މަޞްލަޙަތު އިސްކުރުން ހިމެނޭ. ހަމައެއާއެކު، ހަލަބޮލި ދިރިއުޅުމެއްގެ ތެރެއިން ދިވެހިންގެ އިޖުތިމާޢީ ފޭރާން ބަލިކަށިވުންވެސް އެއީ މިއަދު ދިވެހި ޤައުމިއްޔަތަށް ކުރިމަތިވެފައިވާ ބޮޑު ގޮންޖެހުމެއް. 

 

އެހެންކަމުން، ދިވެހި ޤައުމިއްޔަތު ދިރުވައި އާލާކުރުމުގެ ދުވަހެއް ފާހަގަކުރެއްވުމުގެ އެއް ބޭނުމަކީ، ޤައުމިއްޔަތުގެ ބިންގާތަކާއި އަސާސްތައް ހަރުދަނާކުރުން. ޤައުމިއްޔަތަކީ ޤައުމު ބިނާވެގެންވާ [ބިންގާ] ނުވަތަ ޤައުމު ދިރިހުރިކަމުގެ ވިންދު ކަމަށްވާއިރު، ޤައުމިއްޔަތު ފަނޑުވެ، ރެނދުލާން ފެށުމަކީ ޤައުމު ބަލިކަށިވެ ރޫޅިގެން ދިޔުން. ޤައުމިއްޔަތު ނިކަމެތިވާނަމަ، ޤައުމީ ލޯބި ކެނޑި، ރައްޔިތުންގެ މެދުގައި ބައިބައިވުމާއި، ދެކޮޅުވެރިކަމާއި ފިތުނަ އުފެދިގެންދާނެ. ހަމައެހެންމެ، އެއްބައެއްވަންތަކަން ގެއްލި، ރައްޔިތުންގެ ތެރޭގައި މަޞްލަޙަތު ގެއްލި، ހަމަނުޖެހުން އުފެދި، ޤައުމުގެ އަމަންއަމާންކަމާއި ސުލްޙަމަސަލަސްކަން ގެއްލިގެންދާނެ.

 

ދިވެހިވަންތަކަމުގެ މައްޗަށް ނުވަތަ ދިވެހިއްޔަތުކަމުގައި ބެލެވޭ ބައެއް ސިފަތައް ކަމުގައި ބޭރުގެ ޢިލްމުވެރިން ވިދާޅުވެފައިވާ ތާރީޚީ ބަސްތަކަށް ނަޒަރު ހިންގާލާއިރު، ދިވެހި ޤައުމިއްޔަތަށް އާ ރޯޝަންކަން ގެނެސްދޭ ނިޔަނެތި ބަސްތައް ހިމެނޭކަން އަޅުގަނޑު ފަޚުރުވެރިކަމާއެކު މި ފުރުޞަތުގައި އެ ބަސްތައް ފާހަގަކޮށްލަން. އެ ބަސްތަކަކީ ހިތްހެޔޮވުމާއި، ހިތްތިރިވުމާއި، ހިނިތުންވުމާއި، ހީވާގިވުމާއި، ހެޔޮވިސްނުން ގެންގުޅުމާއި، ޚުލްޤުހުރި ދިރިއުޅުމަށް ލޯބިކުރުމާއި، އެކުވެރިވެ، އެކުއެކީގައި އުޅުންފަދަ ބަސްތައް. 

 

އާދެ، އަޅުގަނޑުމެންގެ މިއަދުގެ ޙާލަތާއި އިއްޔެގެ ޙާލަތު ވަރަށް ތަފާތު. އިއްޔެއާ ޚިލާފަށް މިއަދު އަޅުގަނޑުމެންނަކީ ބައިނަލްއަޤްވާމީ ދުނިޔެއަށް ހުޅުވިފައިވާ ޤައުމެއް. އާދެ، ބަވަނަވަމުންމިދާ ދުނިޔެ ނުވަތަ ގްލޯބަލައިޒޭޝަންއާއެކު، މި ދެންނެވި ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި އަޅުގަނޑުމެންގެ ހިތްތަކުގައި އަދި ސިކުނޑިތަކުގައި ޤައުމީ ލޯބި އިތުރަށް ވަރުގަދަކުރުމަށް ހުރިހާ ފަރާތްތަކަކުން މަސައްކަތް ކުރުމަކީ، މިއަދު އަޅުގަނޑުމެން ކޮންމެ މީހެއްގެ މައްޗަށް އޮތް ޤައުމީ ވާޖިބެއްކަން ދަންނަންވާނެ. ހަމައެއާއެކު، މާޒީގެ ތާރީޚީ ކަންކަމާމެދު ޙަޤީޤީ މަޢުލޫމާތު ފެތުރުމާއި، ޤައުމުގެ އެތެރޭގައި ބައިބައިވުން އުފެދި، ފިތުނަފަސާދައަށް މަގުފަހިވުމުގެ ސަބަބުން ލިބިދާނެ ގެއްލުންތަކުގެ ވާހަކަ އަޅުގަނޑުމެން ދައްކަންޖެހޭނެ. އަދި ނަމޫނާ ރައްޔިތަކަށް ވުމަށް ގޮވާލުމާއި، ހީވާގި މަސައްކަތްތެރިންނާއި އުފެއްދުންތެރިންގެ ވާހަކަތަކާއި، އިޖުތިމާޢީ ކަންކަމުގެ ހެޔޮ ވާހަކައާއި، އަދި މާޒީވެދިޔަ ތާނގައި ޤައުމީ ޖިހާދުތައް ކުރައްވާފައިވާ ބަޠަލުންގެ ޒިކުރާ، ޚަބަރުފަތުރާ ވަސީލަތްތަކުން ގެނެސްދިނުން އިތުރުކުރަންޖެހޭނެ. ހަމައެހެންމެ، ޖަމާޢަތުގެ ރޫޙު ދިރުވައި އެކުވެރިކަން ބަދަހިކުރުމާއި، ރައްޔިތުންގެ ކިބައިގައި ނަޒާހަތްތެރިކަން އިތުރުކުރުމާއި، ޑިމޮކްރަސީގެ ވެރިކަމުގެ ނިޒާމަށް އަހުލުވެރިވެ، އެ ނިޒާމަށް ތަބާވެ، އިންސާނީ ޙައްޤުތަކަށް އިޙުތިރާމު ކުރަން ދަސްކޮށްދިނުމަކީވެސް މިއަދު އަޅުގަނޑުމެންގެ ވާޖިބަކަށްވާންޖެހޭނެ. 

 

އާދެ، ކުރިން ދެންނެވި ފަދައިން އަޅުގަނޑުގެ ވާހަކަ ކުރުކޮށްލާނަން. އަޅުގަނޑުގެ ވާހަކަ ނިންމާލުމުގެ ކުރިން، ދިވެހި ޤައުމިއްޔަތު ދިރުވައި އާލާކުރުމުގެ ދުވަހެއް ރާއްޖޭގައި ފާހަގަކުރެއްވުމަށް ނިންމެވި ކަމަށްޓަކައި ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް ތިޔަ ހުރިހާ ބޭފުޅުންގެ ނަންފުޅުގައި އަދިވެސް އެއްފަހަރު ވަރަށް އިޚުލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. 

 

ދިވެހި ޤައުމިއްޔަތު ދިރުވުމަށްޓަކައި ކުރަމުން މިގެންދާ މަސައްކަތުގައި މާތްﷲ ބަރަކާތް ލައްވާށި! އަޅުގަނޑުމެންގެ އިސްލާމީ ވަޙުދަތު އިތުރަށް ހަރުދަނާކޮށް، ދިވެހި ޤައުމިއްޔަތުގެ މައިގަނޑު އަސާސްތަކުގައި ސާބިތުވެ ތިބުމުގެ ހެޔޮ ތައުފީޤު އެކަލާނގެ ދެއްވާށި! އަޅުގަނޑުމެންގެ މެދުގައި އެއްބަނޑުއެއްބަފާކަމާއި، އެއްބައިވަންތަކަމާއި، އެއްބައެއްވަންތަކަމާއި، އަޅުގަނޑުމެންގެ އެކަކު އަނެކަކާ ދެމެދު އޮންނަ ގާތްކަން ދަމަހައްޓަވާށި! ދިވެހި ކޮންމެ ފަރުދަކީ ޤައުމީ މަޞްލަޙަތު އިސްކޮށް، އެކަމުގައި ނަމޫނާ ދައްކާ، އިސްނަގާ، ޒިންމާދާރު އަދި އިންސާނީ ތަފާތުތައް ތަޙައްމުލު ކުރަން ދަންނަ، ނަޒާހަތްތެރި، މަޑުމައިތިރި، ކެތްތެރިކަންމަތީ ތިބެ ރުޅިއިސްނުކުރާ މީހުންނަށްވުމުގެ ހެޔޮ ތައުފީޤު މިންވަރު ކުރައްވާށި! އާމީން.

 

والسّلام عليــكم ورحـمــة اللّـه وبـركاتـه.